Roadha Mihaaru
ހަނގުރާމައިގެ ތަހުގީގު އަވަސް ކުރަން ލަންކާއަށް ގޮވާލައިފި

ހަނގުރާމައިގެ ތަހުގީގު އަވަސް ކުރަން އދ. އިން ލަންކާ އަށް ގޮވާލައިފި

29 އޮކްޓޯބަރ 2017

ޖެނީވާ (އޮކްޓޯބަރު 29) - ހަނގުރާމައިގެ ކުށްތަކާ ބެހޭ ތަހުގީގު އަވަސް ކުރަން އދ.ގެ ޚާއްސަ ރެޕަޓުއާ ސްރީ ލަންކާ ސަރުކާރަށް ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (އޮކްޓޯބަރު 29) - ހަނގުރާމައިގެ ކުށްތަކާ ބެހޭ ތަހުގީގު އަވަސް ކުރަން އދ.ގެ ޚާއްސަ ރެޕަޓުއާ ސްރީ ލަންކާ ސަރުކާރަށް ގޮވާލައިފި އެވެ.

އަދުލް އިންސާފު ޕްރޮމޮޓް ކުރުމާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޕަބްލޯ ޑި ގްރެއިފް ވިދާޅުވީ ލަންކާގެ 37 އަހަރުވީ ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތައް ތަހުގީގު ކުރުމުގައި ލަންކާ އިން ވައުދުވެފައިވާ ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. އަދި އެ ތަހުގީގު އަވަސް ކުރުމުގައި ލަންކާ އިން ފަހަތަށް ޖެހޭ ނަމަ ބައިނަލްއަގުވާމީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ.

ބްރެޒިލް އަށް ކަނޑައަޅާފައި ހުރި ލަންކާގެ ކުރީގެ ސަފީރާ ދެކޮޅަށް ހުށަހެޅި މައްސަލަތަކަކީ ގައުމުގެ އެތެރެ އާއި ބޭރުން ވެސް ހަނގުރާމައިގެ ކުށްތައް ބަލާނެ ކަމުގެ އިންޒާރެއް ކަމަށް ޑި ގްރެއިފް ވިދާޅުވި އެވެ. ބްރެޒިލް އަށް ކަނޑައެޅި ސަފީރު ޖަގަތު ޖަޔަސޫރިއާ އަކީ ހަނގުރާމައިގެ ދުވަސްވަރު ލަންކާ ސިފައިންގެ ޖެނެރަލް އެކެވެ. އިންސާނިއްޔަތަށް މަސައްކަތް ކުރާ ދެކުނު އެފެރިކާގެ ޖަމާއަތަކުން ޖަޔަސޫރިއާގެ މައްސަލަތަކެއް ހުށަހެޅުން ލަންކާ އިން ވަނީ އޭނާ އަނބުރާ ގެނެސްފަ އެވެ. އަދި ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ހަނގުރާމައިގެ ބަތަލުން ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސިރިސޭނާ އެހެން ވިދާޅުވެފައިވާތީ ޑި ޑްރެއިފް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ލަންކާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު އިރު ލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މެރިކަމުގެ ތުހުމަތު ލަންކާ ސިފައިންގެ މައްޗަށް ކޮށްފައިވެ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުން ވަނީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ނުކުރަން ނިންމައިފަ އެވެ. އެކަމަކު 2015 ވަނަ އަހަރު ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރާނެ ކަމުގެ ވައުދާ އެކު އެވެ.

ޑި ގްރެއިފް ވަނީ ތަހުގީގު ކުރިއަށް ގެންދާނެ ޓައިމްލައިނެއް ލަންކާ އިން ތައްޔާރު ކުރުމަށް ގޮވާލައްވައިފަ އެވެ.