Roadha Mihaaru
ލަންކާގެ ޑްރަގާ ދެކޮޅު އޮޕަރޭޝަނަށް އދ.ގެ ނުރުހުން

ލަންކާގެ ޑްރަގާ ދެކޮޅު އޮޕަރޭޝަނަށް އދ.ގެ ނުރުހުން

14 ޖެނުއަރީ 2024

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ފަށާފައިވާ އޮޕަރޭޝަނާ ދެކޮޅަށް އދ.ގެ ހިއުމަން ރައިޓްސް އެޖެންސީން ވާހަކަ ދައްކައިފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ފަށާފައިވާ އޮޕަރޭޝަނާ ދެކޮޅަށް އދ.ގެ ހިއުމަން ރައިޓްސް އެޖެންސީން ވާހަކަ ދައްކައިފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތަށް މިހާތަނަށް 30،000 މީހަކު ހައްޔަރުކޮށްފައިވާ އޮޕަރޭޝަންގެ ބޭނުމަކީ ޖޫން މަހުގެ ނިޔަލަށް މަގުތަކުން މަސްތުވާތަކެތި ނައްތާލުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވޮލްކާ ޓާކް ވަނީ ޔުކްތިޔާ (އިންސާފް) ގެ ނަން ދީފައިވާ މި އޮޕަރޭޝަން ރިވިއުކޮށް، އިންސާނީ ހައްގުތައް ލިބިދީގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.

"ކޯޓު އަމުރެއް ނެތި ތަންތަން ފާސްކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމާއި އެތައް ސަތޭކަ ބަޔަކު، އަސްކަރިއްޔާ އިން ހިންގާ ރިހެބްތަކަށް ގަދަކަމުން ފޮނުވާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓާކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމާއި ފާސްކުރުމުގެ ތެރޭ މަގުމަތީގައި ވެސް މީހުން ބަރަހަނާކޮށް ފާސްކުރުން ފަދަ، އިންސާނީ ހައްގުތަކާ ހިލާފް ކަންކަން ކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"މަސްތުވާތަކެއްޗަކީ މުޖުމަތައުއަށް އޮންނަ ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަސް ގަދަބާރުން ކަންކަން ކުރަން އުޅުމަކީ އަދި މައްސަލައިގެ ހައްލެއް ނޫން،" ކޮމިޝަނަރު ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ސިއްހީ އަދި އިޖުތިމާއީ ނިޒާމުގެ ތެރެއިން ހައްލުކުރުމަށް އިސްކަންދޭންޖެހޭ މައްސަލައެއް ކަމަށާއި މަސްތުވާތަކެތި ވިއްކާ މީހުންނާ މެދު އިންސާނީ ހައްގުތައް ނުގެއްލޭ ގޮތަށް ގާނޫނީ އިމުގެ ތެރެއިން އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޔަރުކުރާ މީހުންގެ ގާނޫނީ ވަކީލުންނަށް ވެސް ފުލުހުންގެ ފަރާތުން ބިރު ދެއްކުމާ ކުރިމަތިވާ ކަމަށެވެ.

ލަންކާ އަކީ މިހާރު މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ޓްރާންސިޓް ޕޮއިންޓަކަށް ވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ޑިސެމްބަރު މަހު ފެށި އޮޕަރޭޝަންގައި މިހާތަނަށް މަސްތުވާތަކެތީގެ 800 ކިލޯ އަތުލައިގެންފައިވާ ކަމަށް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ