Roadha Mihaaru
ޑްރަގް ވިޔަފާރީގެ ހަބަކަށް އިރާގު އެބަ ބަދަލުވޭ: އދ

މުޅި ސަރަހައްދަށް ޑްރަގް ވިއްކާ ތަނަކަށް އިރާގު އެބަ ބަދަލުވޭ: އދ

23 ޖުލައި 2024

މިދިޔަ އަހަރު އިރާގުގެ ކަމާބެހޭ އިދާރާތަކުން އަތުލައިގަތް އެކި ބާވަތުގެ މަސްތުވާތަކެތީގެ އަގު 144 މިލިއަން ޑޮލަރަށް އަރާ ކަމަށާއި މުޅި ސަރަހައްދަށް ޑްރަގް ވިއްކާ ގައުމަކަށް އިރާގު ބަދަލުވަމުންދާ ކަމަށް އދ. އިން އިންޒާރު ދީފި އެވެ.

މިދިޔަ އަހަރު އިރާގުގެ ކަމާބެހޭ އިދާރާތަކުން އަތުލައިގަތް އެކި ބާވަތުގެ މަސްތުވާތަކެތީގެ އަގު 144 މިލިއަން ޑޮލަރަށް އަރާ ކަމަށާއި މުޅި ސަރަހައްދަށް ޑްރަގް ވިއްކާ ގައުމަކަށް އިރާގު ބަދަލުވަމުންދާ ކަމަށް އދ. އިން އިންޒާރު ދީފި އެވެ.

އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ރިޕޯޓެއްގައި ބުނީ އިރާގުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު އެކަނި ވެސް 24 މިލިއަން ކެޕްޓަގަން ޓެބްލެޓް އަތުލައިގެންފައިވާ ކަމަށާއި އެއީ 4.1 ޓަނަށް ވުރެ ގިނަ އަދަދެއް ކަމަށެވެ. އެ ޓެބްލެޓްތަކުގެ "ރީޓެއިލް ވެލިއު" 84 މިލިއަނާއި 144 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ޔޫއެންއޯޑީސީން ބުނީ އިރާގަކީ މެތަމްފެޓަމިން އާއި ކެޕްޓަގަން މުޅި ސަރަހައްދަށް ޓްރެފިކްކުރުމުގައި ބޭނުންކުރާ މަގަކަށް ވަމުން އަންނަކަން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ޑްރަގް ޓްރެފިކްކުރާ ގޮތަށް ބަލާއިރު ފާހަގަވެފައިވާ ކަމަށެވެ.

އިރާގުން އަތުލައިގަތް ކެޕްޓަގަންގެ އަދަދު 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ތިން ގުނަ އިތުރުވެފައި ވާއިރު، 2023 ވަނަ އަހަރު އަތުލައިގަތް ކެޕްޓަގަންގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 34 ގުނަ އިތުރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނާކޯލެޕްސީ އާއި އެޓެންޝަން ޑިސްއޯޑާއަށް ފަރުވާކުރުމުގައި މީގެ ކުރިން ހުއްދަ ބޭހެއްގެ ގޮތުގައި އޮތް އެމްފެޓަމިންއެއް ކަމަށްވާ ކެޕްޓަގަން މެދުއިރުމަތީގެ އެތައް ގައުމެއް މެދުވެރިކޮށް ޓްރެފިކް ކުރަމުން އަންނައިރު، ސީރިއާ އަކީ އެ އެންމެން ގިނައިން އުފައްދާ ގައުމު ކަމަށާއި އޭގެ މާކެޓް އެންމެ ބޮޑީ ސައޫދީ އަރަބިއްޔާގައި ކަމަށް ވެސް ޔޫއެންއޯޑީސީން ބުންޏެވެ.

ޔޫއެންއޯޑީސީން ބުނި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އެ ސަރަހައްދުން އަތުލައިގަތް ކެޕްޓަގަންގެ 82 ޕަސެންޓަކީ ސީރިއާގައި އުފައްދާފައިވާ ތަކެތި ކަމަށާއި 17 ޕަސެންޓަކީ ލުބްނާންގެ އުފެއްދުން ކަމަށެވެ.

އިރާގު ވެސް މިހާރު އަންނަނީ އާންމުކޮށް އަފްޣާނިސްތާނުގައި އުފައްދާ މެތަމްފެޓަމިން ގިނައިން ގެންދާ ގައުމަކަށް ވަމުން ކަމަށާއި އިރާގުން އެ ތަކެތި ގަލްފުގެ އެކި ގައުމުތަކާއި ޔޫރަޕަށް ގެންދާ ކަމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ޖަމިއްޔާއިން ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއަށް އިރާގު ބޭނުންކުރަމުން ދާއިރު އެ ބޭނުންކުރާ މީހުންގެ އަދަދު ވެސް އެ ގައުމުގައި އިތުރުވެ ކަންބޮޑުވާ ދަރަޖައަކަށް ވަނީ ގޮސްފަ އެވެ. -- އޭއެފްޕީ