Roadha Mihaaru

ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ނުގެނައުމަށް ނުވަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.

މަރުގެ އަދަބު ނުދޭން ބައެއް ޖަމިއްޔާތަކުން ގޮވާލައިފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ނުގެނައުމަށް ނުވަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ބޭރުގެ ޖަމިއްޔާތަކަކުން، މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ބަޔާނެއް ނެރުނު އިރު، މީގެ ކުރިން ވެސް ރާއްޖޭގައި މަރުގެ އަދަބު ދޭން ސަރުކާރުތަކުން ފެށި މަސައްކަތްތަކާ ދެކޮޅު ހަދައި އެކަން ތަންފީޒުނުކުރަން ގޮވާލައި ބަޔާން ނެރެފައި ވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން މިފަހަރު، ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ހިލާފު ކަންތައްތަކެއް އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ ސަރަހައްދީ އަދި ދުނިޔޭގެ ޓްރެންޑާ ހިލާފަށް ރާއްޖޭން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

މި ބަޔާން ނެރުނު ޖަމިއްޔާތަކުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ނެރުނު ރިޕޯޓަކާ ގުޅިގެން ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެ އެވެ. ސަރުކާރަށް ކުރިމަތިިވި ޕްރެޝަރުތަކާ ގުޅިގެން ރާއްޖެ އިން އެ ޖަމިއްޔާ ނޮވެމްބަރު، 5، 2019 ގައި އުވާލުމުން ހިންގަނީ ރާއްޖެ އިން ބޭރުގަ އެވެ.

"މިހާރު 113 ގައުމަކުން މަރުގެ އަދަބު އެއްކޮށް އުވާލާފައިވާއިރު، މަރުގެ އަދަބު ދޭ ބައެއް ގައުމުތަކުން ވެސް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުން ހުއްޓާލާފައިވޭ. މަރުގެ އަދަބަކީ ކުށްކުރުން ހުއްޓުވުމަށް ހާއްސަ ނުފޫޒެއް ފޯރުވޭ އެއްޗެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތް،" ޖަމިއްޔާތަކުގެ ބަޔާނުގައި ބުންޏެވެ.

މަރުގެ އަދަބާ ދެކޮޅުކަން ހާމަކޮށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ގާނޫނަށް ގެންނަ އިސްލާހުއް ގެނައުމުގެ މަސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލައިފަ އެވެ. އަދި މަރުގެ އަދަބު ފުޅާކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ވަނީ ގޮވާލައިފަ އެވެ.

"އަދި އަޅުގަނޑުމެން އިތުރަށް ދިވެހި ސަރުކާރަށް ގޮވާލަނީ މި އަނިޔާވެރި އަދަބު އެއްކޮށް އުވާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތުން ވަގުތަށް މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކެއް ބަދަލުކުރުމަށް،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މުޖުތަމައުގެ ހަމަޖެހުމަށް ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުކުރުމަކީ މުށްބާރު ހަރުކަށި އުސޫލުތައް ގެންގެޅޭ ގައުމުތަކުގެ ސިޔާސަތުތައް ކުރިއެރުވުން ކަމަށާއި އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތެއް ކުރިއެރުވުން ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ހަދާ ނަތީޖާ ނެރެވޭ ސިޔާސަތުތަކަކީ ސިއްހަތާއި ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ، މީހުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެން މެދުވެރިވާ އަސްލު ސަބަބުތަކަށް ދެނެގަނެ، އޭގެ ތެރޭގައި ފަގީރުކަމާއި، ވަޒީފާ ނެތުމާއި އަދި އެކަހެރިކުރުން ހިމެނޭގޮތަށް، ރިއާޔަތްކުރާ ސިޔާސަތުތަކަކަށް ވާންޖެހޭ،" ބަޔާނުގައި ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ތައާރަފުކުރުމަކީ މިހާރު ވެސް ކަންބޮޑުވާންޖެހޭ ވަރަށް ހުރި ރާއްޖޭގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލަތައް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތުން، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ގާނޫނުގައި ކަނޑައަޅަން އެ މަނިކުފާނު ބޭނުންފުޅުވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ފުލުހުންނާއި ޕީޖީ އޮފީސް އަދި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަޖިލިހަށް ކޮމެންޓުތައް ފޮނުވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 20، 2023 ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރަން ނިންމާފައިވާ ކަން މި ސަރުކާރުން ފުރަތަމަ ފަހަރަށް އެ ދުވަހު އިއުލާންކުރި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވާނީ ދެކުނު އޭޝިއާގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭނެ ދެވަނަ ގައުމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާގެ ގާނޫނުގައި ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ.