Roadha Mihaaru

އަތުލިޔުން ދިމާވާތީ، ޑްރަގު މައްސަލައެއްގައި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި އަތު ލިޔުން ދިމާވާތީ، ހިޔާޒަތު އޮތް ކަމަށް ކަނޑައަޅައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އަތުލިޔުމާ ހެދި އުމުރު ދުވަހުގެ ޖަލު ހުކުމެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

26 އޯގަސްޓް 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި އަތު ލިޔުން ދިމާވާތީ، ހިޔާޒަތު އޮތް ކަމަށް ކަނޑައަޅައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ހދ. ކުޅުދުއްފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތެރެއިން މި މައްސަލާގައި ދައުވާ ލިބޭ މީހާގެ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި އޮތް މޮނީޓަރު ފޮތެއްގެ ތެރެއިން ފެނުނު ޕެކެޓަކުން މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ ގޭގެ ގޯތި ތެރޭގައި އޮތް ދަޅެއްގެ ތެރެއިން ފެނުނު 12 ރަބަރު ޕެކެޓަކުން ވެސް މަސްތުވާތަކެތި ހޯދާފައިވެ އެވެ.

އެ މީހާ ވަނީ ކޮޓަރިތެރެއިން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް 12 ރަބަރު ޕެކެޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ އެންމެންނަށް ވެސް ވަދެ ނުކުމެވޭ ގޮތަށް ހުންނަ ގެއެއް ކަަމަށް ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ވެސް އެ 12 ޕެކެޓުން ފެނުނު ތަކެއްޗާ ގުޅިގެންނެވެ.

އެހެންކަމުން، މި ދައުވާ އޭނާގެ މައްޗަށް ސާބިތު ވާނީ ގޯތިތެރެއިން ފެނުނު 12 ރަބަރު ޕެކެޓަކީ ދައުވާ ލިބޭ މީހާގެ ހިޔާޒަތުގައި ހުރި ތަކެތި ކަމުގައި ވާ ނަމަ އެވެ. އެކަން ސާބިތުކުރަން ދައުލަތުން ވަނީ އަތުލިޔުމުގެ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓެއް ހުށަހަޅައިފަ އެވެ.

ދައުވާ ލިބޭ މީހާ އަތުލިޔުމުގެ ސާމްޕަލް ދީފައިވާއިރު 12 ރަބަރު ޕެކެޓްގައި ވެސް ނަންބަރުތައް ލިޔެފައި ހުއްޓެވެ. އެ ދެ ލިޔުން ލިޔެފައި ވަނީ އެކަކު ކަމަށް ފެންނަ ކަމަށް ރިޕޯޓްގައި ފާހަަގަކޮށްފައިވެ އެވެ. އެގޮތުން އަކުރު އަޅާ ގޮތާއި އަކުރުތަކުގެ ސައިޒު އަދި ބައްޓަން އެއްގޮތް ކަމާއި އަކުރުތަކުގެ ސްޓްރޯކްތަކުގެ އެންގިއުލަރިޓީ ދެ ލިޔުމުގައި އެއް ގޮތްވުމާއި ހުނަރު އަދި ލިޔުމުގެ ސްޕީޑް ދެ ލިޔުމުގައި އެއް ގޮތް ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރު ވަނީ ދެ މީހެއްގެ އަތުލިޔުން އެއްގޮތް ނުވާނެ ކަމަށާއ،ި އަކުރު އަޅާ ގޮތް އެއްގޮތް ވިޔަސް އޭގެ ސައިޒާއި ސްޕީޑް އަދި އަކުރުތައް ގުޅުވާ ގޮތާއި މި ހުރިހާ ސިފަތަކެއް ކޮމްބައިންކޮށް ދެ މީހަކު ލިޔާ ލިޔުން އެއްގޮތެއް ނުވާނެ ކަމަށް ބުނެ ޝަރީއަތަށް ހެކިބަސް ދީފަ އެވެ.

ރިޕޯޓުގެ ނަތީޖާގައި ދެ ލިޔުން އެއްގޮތް ކަމަށް ފެންނަ ކަމަށް ބަޔާންކުރީ ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް މި މައްސަލާގައި އިއްވި ހުކުމްގައި ބުނީ، ގޯތިތެރެއިން ފެނުނު 12 ޕެކެޓުގައި ހިސާބު އަކުރުން ނަންބަރު ލިޔެފައިވަނީ ދައުވާ ލިބޭ މީހާ ކަން މަދަނީ މިންގަނޑުން އެނގޭ ކަމަށެވެ.

ގޯތި ތެރެއިން ފެނުނު 12 ރަބަރު ޕެކެޓުގައި ދައުވާ ލިބޭ މީހާގެ އަތު ލިޔުން ހުރުމާއ، އެ ޕެކެޓުތަކުގައި ތަރުތީބުން 14 އިން ފެށިގެން 25 އާ ހަމައަށް ނަންބަރު ޖަހާފައިވާއިރު، 25 އާ ޖެހިގެން އޮތް 26 ވަނަ ނަންބަރު ކޮޓަރި ތެރެއިން ފެނުނު ކަނޑާފައި އޮތް ރަބަރު ޕެކެޓުގައި ޖަހާފައި އޮތުމަކީ އިއްތިފާގެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެހެންވެ، ގޯތިތެރެއިން ފެނުނު 12 ރަބަރު ޕެކެޓުގައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ ހިޔާޒަތުގައި ހުރި މަސްތުވާތަކެތި ކަމަށް ކޯޓުން ކަނޑައެޅި އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 25 އަހަރަށް (އުމުރު ދުވަހަށް) ޖަލަށްލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ.