Roadha Mihaaru

ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުކޮށް އޮތުމުން އުމުރު ދުވަހުގެ ހުކުމަކުން ސަލާމަތްވެއްޖެ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުކޮށް އޮތުމުން، އެ މަސްތުވާތަކެއްޗަކީ ދައުވާލިބޭ މީހާގެ އަތުން ފެނުނު ތަކެތިކަން ސާބިތުކޮށްނުދެވޭތީ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.

ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ނާޒިމް ހަސަން
ނާޒިމް ހަސަން

16 ޖޫން 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުކޮށް އޮތުމުން، އެ މަސްތުވާތަކެއްޗަކީ ދައުވާލިބޭ މީހާގެ އަތުން ފެނުނު ތަކެތިކަން ސާބިތުކޮށްނުދެވޭތީ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރު ވިލިމާލެއިން ފުލުހުން ހުއްޓުވި މީހެއްގެ އަތުން 40 ގްރާމްގެ ކެނެބިސް ފެނިފައިވާ ކަމަށް ބުނެ، ދައުލަތުން އެ މީހާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.

އެ ދައުވާއަށް އެ މީހާ އިންކާރުކޮށް، އޭނާގެ އަތުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައިވެ އެވެ. ޗެއިން އޮފް ކަސްޓަޑީއަކީ މަސްތުވާތަކެތި ފުލުހުން ހިފެހެއްޓުމަށްފަހު ލެބޯޓްރީއާ ހަމައަށް ގެންދެވެންދެން އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ރިޕޯޓެވެ.

މަސްތުވާތަކެތި ހިފެހެއްޓި ފުލުހުންގެ އޮފިސަރު ދިން ހެކިބަހުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނުނު ދަޅު ހިފެހެއްޓުމަށްފަހު ވިލިމާލެ ފުލުހުންގެ މަރުކަޒުގެ ކައުންޓަރުގައި ގާތްގަނޑަކަށް ތިން ގަޑިއިރު ބަހައްޓާފައި ހުއްޓެވެ. އަދި ކައުންޓަރުގައި އެ ތަކެތި ހުރީ ފުލުހުންގެ އެހެން ދެ އޮފިސަރެއްގެ ބެލުމުގެ ދަށުގައި ކަމަށް ބުނި ނަމަވެސް، އެކަން ޗެއިން އޮފް ކަސްޓަޑީން އެނގޭކަށް ނެތެވެ.

"އެ މުއްދަތުގައި މި ތަކެތި ހުރި ހާލަތާއި އެ ތަކެތި ރައްކާތެރިކަމާ އެކު ބެލެހެއްޓިފައިވާ ކަމާއި އެ ތަކެތި ހުރީ ކާކުގެ ބެލުމުގެ ދަށުގައިކަން ދައުލަތުގެ ހެކިންގެ ހެކިބަހުގެ އަލީގައި ކަށަވަރުކޮށްދެވިފައެއް ނުވޭ،" އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ ކުށުގެ ތުހުމަތާ ގުޅިގެން އަތުލެވޭ މަސްތުވާތަކެތި ތަހުލީލުކޮށް ހެކީގެ ގޮތުގައި ބޭނުންކުރަން އެދޭނަމަ، ފުލުހުންގެ ލެބޯޓްރީއާ ހަވާލުކުރި މަސްތުވާތަކެއްޗަކީ ތުހުމަތު ކުރެވޭ މީހާގެ އަތުން އަތުލެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެކަން ސާބިތުކޮށްދެވޭނެ އަސާސަކީ ޗެއިން އޮފް ކަސްޓަޑީ ކަމަށާއި ނަމަވެސް، ޗެއިން އޮފް ކަސްޓަޑީއާ މެދު އުފެދިފައިވާ ސުވާލަށް އެކަށީގެންވާ ގޮތެއްގައި ދައުލަތަށް ޖަވާބުދާރީވެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ލެބޯޓްރީން ތަހުލީލުކުރި މަސްތުވާތަކެއްޗަކީ ދައުވާލިބޭ މީހާގެ އަތުން ފުލުހުން އަތުލި ތަކެތި ކަމާ މެދު އެކަށީގެންވާ ޝައްކު އުފެދިފައިވާ ކަމަށް ހުކުމްގައި ބުންޏެވެ.

"ދައުލަތުން އެ ޝައްކު ފިލުވާދެވިފައިވާ ކަމަށް ބަޔާންކުރާ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުށަހަޅާފައި ނުވާތީ، މި ކުށާއި ގުޅޭ މާއްދީ ރުކުން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅަމެވެ. އެހެންކަމުން މި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަމެވެ،" ހުކުމްގައިވެ އެވެ.