Roadha Mihaaru
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް

130 ކިލޯގެ ޑްރަގްގެ މައްސަލަ: ދެ މީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

07 އެޕްރީލް 2022

ރާއްޖެ އަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ދައުވާ ލިބޭ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ދައުވާ ލިބޭ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރު ރާއްޖެ އަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލީ އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ، އިދިކޮޅު ޕީއެންސީގެ ކައުންސިލްގެ މެމްބަރެއް ކަމަށްވާ ގއ. ވިލިނގިީ ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ އެވެ.

އެ މީހުން ދޫކޮށްލީ ބޭސްފަރުވާއަށްޓަކައި ދެ މަހަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މިއަދު ނުވަތަ މާދަމާ ހުށަހަޅާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އެ ދެ މީހުން ބަންދުން ދޫކޮށްލީ ބޭސްފަރުވާއާ ގުޅިގެން އެ މީހުންގެ ފަރާތުން ކުރި ޝަކުވާތަކާ ގުޅިގެން ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެއީ ކޯޓަށް އެއްބާރުލުން ދިނުމާއި މާލެ ސަރަހައްދުން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ޝަހީބް ދޫކޮށްލި އެވެ. އޭރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ހައި ކޯޓުންނެވެ.