Roadha Mihaaru

130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގެ ހުކުމަށް ފިލި ޝަހީބު އަދިވެސް ނުފެނޭ

ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބް އިބްރާހިމްގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ ހޯދަން އިއުލާނުކޮށްފައި ވާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

130 ކިލޯ ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބް ނުފެނުނު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

18 ސެޕްޓެމްބަރ 2025

ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބް އިބްރާހިމްގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ ހޯދަން އިއުލާނުކޮށްފައި ވާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމުރުން 47 އަހަރުގެ ޝަހީބު ބަންދުގައި ބަހައްޓައިގެން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އޮތީ އަންގައިފަ އެވެ. ނަމަވެސް އޭނާ އުޅޭ ތަނެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ ރާއްޖޭން ބޭރަށް ދިއުން އޮތީ މަނާކޮށްފަ އެވެ.

ކަންނެލި ދޯންޏެއްގައި ޑްރަގް އެތެރެކުރަނިކޮށް 2020 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ އިސް މީހުންގެ ގޮތުގައި ތިބީ ޝަހީބްގެ އިތުރުން އަހްމަދު މޫސާ، ހއ. ހޯރަފުށި/ ވައިލެޓްވިލާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ވަނީ ޖުލައި 2023 ގައި ކޯޓުން ދޫކޮށްލައިފަ އެވެ. އޭގެ ކުރިން އޭނާ ބޭސްފަރުވާއަށް ވެސް ދޫކޮށްލި އެވެ. އެކަމަކު އެފަހަރު އޭނާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުން ބާތިލްކުރުމާ އެކު ހައްޔަރުކުރި އެވެ.

ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.

ރާއްޖެއަށް ޑްރަގް އެތެރެކުރަން ބޭނުންކުރިކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް އޭރު ތުހުމަތުކުރި އެވެ.

ފުލުހުން އޭރު ބުނެފައިވާ ގޮތުން، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާނު ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ޝަހީބަކީ ކުރިން ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އުޅުނު އެކްޓިވިސްޓެކެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި، އޭނާ ނިސްބަތްވާ ގއ. ވިލިނގިލީ ދާއިރާ އަށް އޭރުގެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ.