Roadha Mihaaru
ލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް އަދިވެސް ދަށް

ލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް އަދިވެސް ދަށް: އދ

04 މާޗް 2017

ކޮލަމްބޯ (މާޗް 4) - ސްރީ ލަންކާގެ ހަނގުރާމަ ނިމުނުތާ އަށް އަހަރުވީ އިރު ވެސް އެ ގައުމުގައި އަނިޔާ އާއި ލާއިންސާނީ އަމަލުތައް އަދިވެސް ހިންގާ ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 4) - ސްރީ ލަންކާގެ ހަނގުރާމަ ނިމުނުތާ އަށް އަހަރުވީ އިރު ވެސް އެ ގައުމުގައި އަނިޔާ އާއި ލާއިންސާނީ އަމަލުތައް އަދިވެސް ހިންގާ ކަމަށް އދ. އިން ބުނެފި އެވެ.

ލަންކާގެ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ބެލުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ކުރިއަށްދާ ސްޕީޑް ލަސްވުމުން އެ ކަމަށް ފާޑު ވިދާޅުވެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ މިއީ ދާއިމީ ސުލްހައެއް ހޯދަން ދަތިވާނެ ކަމެއް ކަމަށެވެ.

"އިންސާފު ގާއިމްކޮށް ދިނުން އަވަސް ކުރުމަށް ސްރީ ލަންކާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ގޮވާލަން،" ޒައިދު ވިދާޅުވި އެވެ.

ޒައިދު މިހެން ވިދާޅުވެފައި ވަނީ ލަންކާގައި އަދިވެސް އަނިޔާވެރި އަމަލުތައް ކުރިއަށްދާ ކަމަށް އާ ރިޕޯޓެއްގައި ބުނެފައި ވަނިކޮށެވެ.

ލަންކާގެ ރައީސް ކަމަށް މައިތުރިޕާލާ ސިރިސޭނާ މީގެ ދެ އަހަރު ކުރިން ވަޑައިގެންނެވީ ހަނގުރާމައިގައި ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދީ އަދި ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލާނެ ކަމުގެ ވައުދާ އެކު އެވެ.

ލަންކާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމުގެ ކުރިން ހަނގުރާމައިގައި އެއް ލައްކަ މީހުން މަރާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މަރާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އދ. އިން ދަނީ ޚާއްސަ ކޯޓެއް އުފައްދައިގެން ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ މައްސަލަތައް ބެލުމަށް ބާރު އަޅަމުންނެވެ. ރައީސް ސިރިސޭނާ މިކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އަމަލީ ގޮތުން މާބޮޑު މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރާ ދާދި ފަހުން ވަނީ، ހަނގުރާމައިގެ މައްސަލަތައް ބެލުމަށް އިތުރު ވަގުތު ދިނުމަށް އދ. ގައި އެދިވަޑައިގެންފަ އެވެ.