Roadha Mihaaru
ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމަނަން ސިރިސޭނާ ދެކޮޅު

ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމަނަން ސިރިސޭނާ އަަނެއްކާވެސް ދެކޮޅު ހައްދަވައިފި

06 މާޗް 2017

ކޮލަމްބޯ (މާޗް 6) - ލަންކާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށް އދ. އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް އެ މައްސަލަތައް ބަލާ ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމެނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާވެސް ދެކޮޅު ހައްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 6) - ލަންކާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށް އދ. އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް އެ މައްސަލަތައް ބަލާ ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމެނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާވެސް ދެކޮޅު ހައްދަވައިފި އެވެ.

"ލަންކާ ސަރުކާރު ހިންގަން ޖެހޭ ގޮތް ސަރުކާރެއްގައި ނުހިމެނޭ ޖަމާއަތްތަކުން ކިޔައިދިން ނަމަވެސް އެގޮތަށް ކަންތަކެއް ނުކުރާނަން. ލަންކާ ސިފައިންނާ ދެކޮޅަށް ދައުވާ ކުރަން އެ މީހުން ގޮވާލި ނަމަވެސް އެކަން އެގޮތަކަށް ނުވާނެ،" ސިރިސޭނާ ވިދާޅުވި އެވެ.

ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުން ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އދ. އިން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަތައް ބަލާ ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް ގާނޫނުތައް ބަދަލު ކުރުމަށް ވަނީ އެދިފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ވާހަކަތަކަށް ފަހު ސިރިސޭނާ ވަނީ 37 އަހަރުވަންދެން ކުރި ހަނގުރާމައިގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ކަންކަން ބެލުމަށް ބޭރުގެ ފަނޑިޔާރުން ހިމަނަން ގޮވާލާ ގޮވާލުންތަކަށް ދެކޮޅު ހައްދަވައިފަ އެވެ.

ލަންކާގެ ދާޚިލީ ހަނގުރާމައިގައި ލައްކައެއްހާ މީހުން މަރާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މެއި، 2009 ގައި ނިންމާލި ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މަރާފައިވާ ކަމަށް ބުނެފައިވެ އެވެ. ސިންހަޅަ ކޮމިއުނިޓީގައި ހިމެނޭ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ ހަނގުރާމައިގައި ސިފައިން ހިންގާފައިވާ ޖަރީމާތައް ބަލާނެ ކަމުގެ ވައުދާ އެކު، ތަމަޅައިންގެ ވެސް ތާއީދާ އެކު އެވެ. ސިރިސޭނާ ވަނީ ހިއުމަން ރައިޓްސް ކައުންސިލުން އޮކްޓޯބަރު، 2015 ގައި ފާސްކުރި ގަރާރަށް އެއްބަސްވެފަ އެވެ.

ކައުންސިލުން ގޮވާލާފައިވާ ގޮތަށް ހަނގުރާމައިގެ މައްސަލަތައް ބަލަން ޚާއްސަ ޓްރައިބިއުނަލެއް އުފައްދާ ހަނގުރާމައިގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމަށް ލަންކާ އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އދ. އިން ދިން 18 މަސް ދުވަހުގެ މުހުލަތު ފާއިތުވެދިޔަ ނަމަވެސް އެކަށީގެންވާ މަސައްކަތެއް ލަންކާ އިން ކޮށްފައެއް ނުވެ އެވެ. އދ. އިން ބުނެފައި ވަނީ މި މައްސަލާގައި ލަންކާ އަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވަނީ ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރު ވައްޓާލަން އުފެއްދި ކޯލީޝަނުގެ ތެރޭގައި ސިޔާސީ މައްސަލަތައް އުފެދިފައިވުމުން ކަމަށެވެ.