Roadha Mihaaru
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ

އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ

24 ފެބުރުއަރީ 2021

ކޮލަމްބޯ (ފެބްރުއަރީ 24) - މީގެ ދެ އަހަރު ކުރިން ސްރީ ލަންކާގައި އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިންޓަލިޖެންސްގެ އިސް އޮފިސަރުންގެ މައްޗަށް ދައުވާކުރަން ޖެހޭ ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ފެބްރުއަރީ 24) - މީގެ ދެ އަހަރު ކުރިން ސްރީ ލަންކާގައި އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިންޓަލިޖެންސްގެ އިސް އޮފިސަރުންގެ މައްޗަށް ދައުވާކުރަން ޖެހޭ ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެފި އެވެ.

އެޕްރީލް 21، 2019 ގައި ލަންކާގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަށް އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 279 މީހުން މަރުވި އެވެ.

މިދިޔަ އަހަރު މަގާމުން ވަކިވި ސިރިސޭނާ ޒިންމާ އުފުއްލަވަން ޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ ބޮމުގެ ހާދިސާ ތަހުގީގު ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލި ކޮމިޝަނުންނެވެ.

ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާ ދިނުމުގެ 17 ދުވަސް ކުރިން އިންޑިއާގެ އިންޓަލިޖެންސުން ވަނީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ލަންކާ ސަރުކާރަށް އަންގައިފަ އެވެ. ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހެއްގެ ފަރާތުން އިންޑިއާގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތު ސިރިސޭނާ އަށް ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. ކޮމިޝަނުގެ ރިޕޯޓް އަންގާރަ ދުވަހު ވަނީ ޕާލަމެންޓަށް ފޮނުވައިފަ އެވެ.

ކޮމިޝަނުން ވަނީ 440 މީހެއްގެ ބަޔާން އެ ރިޕޯޓަށް ނަގައިފަ އެވެ. ރިޕޯޓުގައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ސިރިސޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އެޓާނީ ޖެނެރަލަށް ލަފާދީފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ވެރިކަންކުރާ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ސިރިސޭނާ ވަނީ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ސިރިސޭނާ ކޮމެންޓް ކުރައްވައިފައެއް ނުވެ އެވެ.

ތަހުގީގު ރިޕޯޓުގައި ވަނީ ސިރިސޭނާގެ ސަރުކާރުގެ އިންޓަލިޖެންސް ވެރިއަކަށް ހުންނެވި ނިލަންތާ ޖަޔަވަރްދަނާގެ މައްޗަށް ވެސް ދައުވާކުރަން ލަފާދީފަ އެވެ. ސަބަބަކީ އިންޑިއާގެ އިންޒާރާ ގުޅިގެން އޭނާ ވެސް ފިޔަވަޅު އަޅައިފައި ނުވާތީ އެވެ. އޭގެ އިތުރުން ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ޕުޖިތު ޖަޔަސުންދަރަގެ މައްޗަށް ވެސް ޖިނާއީ ދައުވާ ކުރަން ރިޕޯޓުގައި އެދިފައިވެ އެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާގެ ދެ ދުވަސް ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. ނަމަވެސް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ލަންކާގައި ހަމަލާ ދިން މީހުންނާއި އައިއެސްއާ ސީދާ ގުޅުން އޮންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ހަމަލާގެ ބޮޑަކަށް ހުރީ ޒަހްރާން ހާޝިމީ ކިޔާ މީހެކެވެ. ހަމަލާގައި އޭނާ ވަނީ މަރުވެފަ އެވެ.