Roadha Mihaaru
އީސްޓާ ހަމަލާގައި 3 މީހަކަށް އެމެރިކާއިން ދައުވާކޮށްފި

އީސްޓާ ބޮމުގެ ހަމަލާގައި ލަންކާގެ ތިން މީހުންގެ މައްޗަށް އެމެރިކާ އިން ދައުވާކޮށްފި

09 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 9) - ސްރީ ލަންކާގައި 2019 ވަނަ އަހަރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާގައި ޓެރަރިޒަމަށް ވާގިވެރިވިކަމުގެ ކުށުގައި ލަންކާގެ ތިން މީހެއްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 9) - ސްރީ ލަންކާގައި 2019 ވަނަ އަހަރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާގައި ޓެރަރިޒަމަށް ވާގިވެރިވިކަމުގެ ކުށުގައި ލަންކާގެ ތިން މީހެއްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާކޮށްފި އެވެ.

އެޕްރީލް 21، 2019 ގައި ދިން ހަމަލާގައި ވަނީ 268 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ފަސް މީހުން ވެސް ހިމެނެ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ދައުވާކުރި ތިން މީހުންނަކީ އައިއެސް ސްރީ ލަންކާ ގްރޫޕަށް ނިސްބަތްވާ ބައެއް ކަމަށާއި ތިން ފައްޅި އާއި ތިން ހޮޓަލަށް ދިން ހަމަލާގެ ފަހަތުގައި އިސްކޮށް ތިބީ އެ މީހުން ކަމަށެވެ.

ލަންކާގައި ދިން ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފަ އެވެ. އަދި އެއީ ސީރިއާގައި އައިއެސްއާ ދެކޮޅަށް ހުޅަނގުގެ ކޯލިޝަނުން ދޭ ހަމަލާތަކުގެ ބަދަލު ހިފަން ދިން ހަމަލާއެއް ކަމަށް ވެސް އައިއެސް އިން ބުނެފައިވެ އެވެ.

އެމެރިކާ އިން ދައުވާކުރި ލަންކާގެ ތިން މީހުންނަކީ މުހައްމަދު ނައުފަރު (ލަންކާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ދެވަނަ އަމީރު އަދި ލަންކާގައި އައިއެސް ޖަމާއަތަށް މީހުން ވައްދާ، ތަމްރީނު ދޭ މީހާ)، މުހައްމަދު އަންވަރު މުހައްމަދު ރިސްކަން (ލަންކާގައި ދިން ބޮންތައް ހެދުމަށް އެހީވި މީހާ) އަދި އަހުމަދު މިލްހާން ހަޔާތު މުހައްމަދު (ހަމަލާގައި ފުލުސް އޮފިސަރަކު މަރާލި މީހާ) އެވެ.

އެ ތިން މީހުން ވެސް މިހާރު ތިބީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ތިން މީހުންގެ މައްސަލަ ބެލުމުގައި ލަންކާ އަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ މީހުން ލަންކާ އިން މިނިވަންވެއްޖެ ނަމަ އެމެރިކާ އިން އަލުން އެ މައްސަލަ ބަލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިކަމުން އަންގައިދެނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އެމެރިކާ މީހަކަށް ބަލާދީފި ނަމަ ޓެރަރިސްޓުންނަށް އިންސާފު އަރާ ހަމަކުރާނެކަން،" އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރަކު ވިދާޅުވި އެވެ.