Roadha Mihaaru
ލަންކާގެ މައްސަލަތައް ބަލަން ބޭރުގެ ފަނޑިޔާރުން ގެންނަން ލަފާދީފި

ލަންކާގެ މައްސަލަތައް ބަލަން ބޭރުގެ ފަނޑިޔާރުން ގެންނަން ލަފާދީފި

08 ޖެނުއަރީ 2017

ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގެ މަދަނީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ބޭރުގެ ފަނޑިޔާރުން ގެނައުމަށް ކޮންޒަލްޓޭޝަން ޓާސްކް ފޯސް (ސީޓީއެފް) އިން ސަރުކާރަށް ލަފާދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގެ މަދަނީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ބޭރުގެ ފަނޑިޔާރުން ގެނައުމަށް ކޮންޒަލްޓޭޝަން ޓާސްކް ފޯސް (ސީޓީއެފް) އިން ސަރުކާރަށް ލަފާދީފި އެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އުފެއްދެވި ޓާސްކް ފޯހުން މި ގޮތަށް ހުށަހެޅި ނަމަވެސް ބޭރުގެ ބަޔަކު ބައިވެރިކޮށްގެން މައްސަލަ ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ ތާއީދެއް ނުކުރައްވަ އެވެ. ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވީ ބޭރުގެ ފަނޑިޔާރުން ބައިވެރި ނުކުރާނެކަން އދ. އަށް ވެސް ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ.

ޓާސްކް ފޯހުން ބުނީ ބޭރުގެ ފަނޑިޔާރުން ބައިވެރި ކުރަން ޖެހެނީ ލަންކާގެ ސަރުއީ ނިޒާމާ މެދު އިތުބާރު ކުޑަވުމާ އަދި ހަނގުރާމައިގެ ޖަރީމާތައް ބެލޭވަރުގެ ގާބިލްކަން އެ ފަނޑިޔާރުންނަށް ލިބިފައި ނުވާތީ ކަމަށެވެ. އދ. އިން ވެސް ތާއީދުކޮށްފައި ވަނީ ބޭރުގެ މިނިވަން ބަޔަކު ލައްވާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށެވެ.

ސަރުކާރު ސިފައިންނާއި ތަމަޅަ ޓައިގަރުންނާ ދެމެދު ކުރި 26 އަހަރުވީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ނަމަވެސް ހަނގުރާމައިގެ ފަހު ދުވަސްވަރު ހިންގާފައިވާ ޖަރީމާތައް ބެލުމާ މެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ވެސް ވަނީ އެ މައްސަލަތައް ބަލަން ދެކޮޅު ހަދައިފަ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ލަފާކުރާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި ވަނީ ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރައިފަ އެވެ. ހަނގުރާމައިގެ ޖަރީމާތައް ތަމަޅަ ޓައިގަރުން ހިންގާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.