Roadha Mihaaru
68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން

68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން

24 މާޗް 2021

ނާދީ ތަމައްދުންގައި އެ ދުވަހު ތިބީ އެންމެން ލަދުވެތިވެ އިސްޖަހާލައިގެންނެވެ. މަހްކަމަތުއް ޝަރިއްޔާގައި ހިންގަމުން ދިޔަ ޝަރީއަތެއް ނާދީ ތަމައްދުން އަށް ބަދަލުކޮށް ކުރިއަށް ގެންދިޔައީ ދައުލަތުގެ ހަރަދުގައި ރަށަކުން މާލެ ގެނެސް ހުރި އަންހެން ދަރިވަރަކު ކައިވެނިން ބޭރުގައި ބަލިވެ އިން ކަމަށް ބުނެ ހުށަހަޅާފައި އޮތް މައްސަލައެކެވެ. އޭނާއާ އެކު އެކި ރަށްރަށުން މާލެއަށް ގެނެސްފައި ތިބި އަންހެން ދަރިވަރުން ޝަރީއަތް އަޑުއަހުން ވައްދާފައި ތިބީ އެ ކުދިންނަށް އިބުރަތެއް ހާސިލްކޮށްދިނުމަށް އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވަޒީރުއް ދާޚިލިއްޔާގެ އެންގެވުމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ނާދީ ތަމައްދުންގައި އެ ދުވަހު ތިބީ އެންމެން ލަދުވެތިވެ އިސްޖަހާލައިގެންނެވެ. މަހްކަމަތުއް ޝަރިއްޔާގައި ހިންގަމުން ދިޔަ ޝަރީއަތެއް ނާދީ ތަމައްދުން އަށް ބަދަލުކޮށް ކުރިއަށް ގެންދިޔައީ ދައުލަތުގެ ހަރަދުގައި ރަށަކުން މާލެ ގެނެސް ހުރި އަންހެން ދަރިވަރަކު ކައިވެނިން ބޭރުގައި ބަލިވެ އިން ކަމަށް ބުނެ ހުށަހަޅާފައި އޮތް މައްސަލައެކެވެ. އޭނާއާ އެކު އެކި ރަށްރަށުން މާލެއަށް ގެނެސްފައި ތިބި އަންހެން ދަރިވަރުން ޝަރީއަތް އަޑުއަހުން ވައްދާފައި ތިބީ އެ ކުދިންނަށް އިބުރަތެއް ހާސިލްކޮށްދިނުމަށް އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވަޒީރުއް ދާޚިލިއްޔާގެ އެންގެވުމަށެވެ.

ރާއްޖޭގެ ޑައިރީއެއް ފަދައިން ދައުލަތުން ބަލަހައްޓައި ލިޔަމުން އައި "އެކި ކަންކަން ހިނގާ ގޮތް" ފޮތުގައި ޒުލްގައިދާ 6، 1371 (ޖުލައި 28، 1952) ގައި ބޭއްވި މި ޝަރީއަތާ ބެހޭ ގޮތުން ބުނެފައިވަނީ ނާދީ ތަމައްދުންގައި ބޭއްވި "މަހުކަމަތުއް ޝަރިއްޔާގެ ޝަރިއްޔަތްކުރާ މަޖިލިސް ހިމެނިގެންދާނީ، ދިވެހިރާއްޖޭގެ އަދުލް އިންސާފުގެ ތާރީހުގެ ވަރަށް ހާއްސަ ސަފުހާއެއްކަމާ މެދަކު ޝައްކެއް ނެތް" ކަމަށެވެ.

"ޝަރީއަތުގެ ހާއްސަކަން ހިމެނިފައި އޮތީ ހަމައެކަނި ހާމަވަމުން ދިޔަ ހާދިސާތަކުގެ ހިތިކަމުގެ މައްޗަކަށް ނޫނެވެ. އަދި ކިއެއްތޯ އެވެ؟ އެ ޝަރީއަތުގެ ނަތީޖާއެއްގެ ގޮތުން، އާންމުކޮށް ދިވެހި އަންހެނުންގެ، ހާއްސަކޮށް ދިވެހި ތާލިބާއިންގެ، ސަލާމަތަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅުތަކެއްގެ ހާއްސަކަމުންނެވެ." އެ ފޮތުގައި ލިޔެފައިވެ އެވެ.

އެ ހާއްސަ ފިޔަވަޅަކީ ކައިވެނިން ބޭރުގައި ބަލިވެއިނުމުން އޭރު އަންހެނުންގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވަމުން ދިޔައިރު އެކަމާ ގުޅުން ހުރި އެހެން މީހުންގެ މައްސަލަތައް ދޫކޮށްލާފައި އޮތް އޮތުމުން އެ މީހުންނަށް އަދަބު ނުލިބި ސަލާމަތްވުން ހުއްޓުވުން ކަމަށް މި ޝަރީއަތާ ބެހޭ "ޔައުމިއްޔާ" އިން ދޭހަވެ އެވެ. މައްސަލާގައި ހިމެނުނު އަންހެން ދަރިވަރު ޒިނޭގެ ކުށަށް އިއުތިރާފު ވެފައި އޮތް ނަމަވެސް އޭރު ކަން ހިނގަމުން ދިޔަ ގޮތަށް ބަލާއިރު އެކަމުގެ ވަށައިގެން ހުރި ކަންކަން އޮތީ ވަންހަނާކޮށްފަ އެވެ. މިފަދަ އެހެން މައްސަލަތަކުގައި ވެސް ކަން ހިނގާ ގޮތަށެވެ.

ޝަރީއަތުގެ ހާއްސަކަން ހިމެނިފައި އޮތީ ހަމައެކަނި ހާމަވަމުން ދިޔަ ހާދިސާތަކުގެ ހިތިކަމުގެ މައްޗަކަށް ނޫނެވެ. އަދި ކިއެއްތޯ އެވެ؟ އެ ޝަރީއަތުގެ ނަތީޖާއެއްގެ ގޮތުން، އާންމުކޮށް ދިވެހި އަންހެނުންގެ، ހާއްސަކޮށް ދިވެހި ތާލިބާއިންގެ، ސަލާމަތަަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅުތަކެއްގެ ހާއްސަކަމުންނެވެ.

ދަރިވަރުގެ ވަކީލެއްގެ ގޮތުގައި އިސްކޮށް ތެދުވެ ވަޑައިގަތީ މި ޝަރީއަތުގެ ފަސް މަސް ދުވަސް ފަހުން ރާއްޖޭގެ ފުރަތަމަ ރައީސްކަން ކުރެއްވި މުހައްމަދު އަމީން ދީދީ އެވެ. އޭނާ ހާމަކޮށްދެއްވީ ރޭޕްގެ ބޮޑު މައްސަލައެކެވެ.

ސުލްތާން އަބްދުލް މަޖީދު ދީދީ އަވަހާރަވުމާ އެކު އަމީން ދީދީ އަށް ރަސްކަން ހުށަހެޅުމުން އެކަން ގަބޫލުނުކުރައްވައި އަމީން ދީދީ އޭރު ހުންނެވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ނެގި ކޮމިޝަންގެ ވެރިޔަކަށެވެ. އެކަމަކު އޭރު ވެސް "ވެރިޔާ" އެވެ.

މި މައްސަލާގައި ހިމެނޭ މީހުންގެ ނަންތައް ލިޔެކިޔުމުގައި އެނގެން ހުއްޓަސް މި ލިޔުން ކުރިއަށް ގެންދާނީ ނަންތަކާ ނުލަ އެވެ.

ނިކަމެތި ދަރިވަރުގެ ޝަރީއަތް ބޮޑުވެ ފުޅާވުން

އަންހެނުންނަށް ތައުލީމު ހޯދައިދޭން ސަރުކާރުން އޭރު ކުރި މަސައްކަތުގައި ގެނައި މި ދަރިވަރު ކައިވެނިން ބޭރުގައި ބަލިވެއިން ކަމުގެ އަޑާ އެކު މުޅި މާލޭގައި އެ ވާހަކަ ފެތުރުނެވެ. "އެކި ކަންކަން ހިނގާ ގޮތް" ލިޔެފައިވާ ފޮތުގައި ބުނެފައިވަނީ އެ ދަރިވަރަށް "މީސްތަކުންގެ މަލާމާތާއި ނަފްރަތު ދިޔައީ ހައްގު ގޮތުގައި ގިނަގުނަވަމުން" ކަމަަށެވެ. އެކަމަކު ދަރިވަރުގެ ރަސްމީ ބެލެނިވެރިކަން އޭރު އޮތީ ވަޒީރުއް ދާޚިލިއްޔާ އަށް ކަމަށް ވާތީ ފަނޑިޔާރު މަނިކުފާނުގެ އިޒުނައާ އެކު މައްސަލަ ތަހުގީގުކުރަން ފެށީ އެވެ. އޭރު ކަން އޮތް ގޮތުން ނަމަ "ރެޔަކާ ދުވާލުގެ" ބޮޑު ތަހުގީގެއް ހިންގި އެވެ.

މި ޝަރީއަތުގެ ހާއްސަކަން ބޮޑުކަމުން، މަހްކަމަތުއް ޝަރިއްޔާ އިން ނާދީ ތަމައްދުން އަށް ޝަރީއަތުގެ މަޖިލިސް ބަދަލުކުރެއްވީ ވެސް ފަނޑިޔާރު މަނިކުފާނުގެ އަމުރަށެވެ. އަދި ހާމަވަމުން ދިޔަ ކަންކަމުގެ މައްޗަށް ބައްލަވައި ތަހުގީގަކަށް ވެސް އަމުރުކުރެއްވީ އެވެ.

އެހެން ޝަރީއަތްތައް ފަދައިން އާދައިގެ ގޮތަށް ފެށި ނަމަވެސް ދަރިވަރުގެ ދިފާއީ ވަކީލުންގެ ވާހަކަތަކާ އެކު މައްސަލަ ބޮޑުވެ ހަގީގަތް ހާމަވާން ފެށީ އެވެ. އަނިޔާ ލިބުނު ދަރިވަރަށް އެކަން ދިމާވީ ކުޅުދުއްފުށީ ފިރިހެނެއްގެ ފަރާތުން ކަމަށާއި އެ ދަރިވަރު ޝިކާރައަކަށް ހަދައި އެ ފިރިހެން މީހާއާ "ތަތްކުރުވާން" އުޅުނީ މާލޭ އަންހެނަކާއި ކުޅުދުއްފުށީ އަންހެނެއް ކަމަށް ޝަރީއަތާ ބެހޭ ލިޔުމުގައި ބުނެފައިވެ އެވެ. އެކަމަކު އެ ދެ އަންހެނުން ހުވާކޮށްފައި ބުނަމުން ދިޔައީ ދެނަހުރި ކަމެއް ނޫން ކަމަށެވެ. އެ ދެ މީހުން ދަރިވަރާއި ފިރިހެން މީހާ "ތަތްކުރުވާން" ކުރި ކަމެއް ފެނުނު މީހަކު ނެތީމަ އެވެ.

"ޝަރީއަތް އަޑުއަހާން ތިބި މީހުންގެ ތެރޭގައި އެންމެ ގިނައިން ތިބީ، ރާއްޖެތެރެއިން އައިސް ތިބި ހާއްސަ ތާލިބާއިންނެވެ. އާދޭހެވެ! އޭގެތެރެއިން އެއް ކުއްޖަކަށް ކުރެވުނު ވަރަށް ނުރަނގަޅު ކުށަކުން، އިބުރަތެއް ހާސިލްކޮށްދެއްވުމަށްޓަކައި ވަޒީރުއް ދާޚިލިއްޔާ އެ ކުދިން އެއްކުރައްވާފައިވަނީ އެވެ."

ވަކީލް އަމީން ދީދީގެ އަސަރުގަދަ ދިފާއު

ޝަރީއަތުގެ މަޖިލިސް ފެށުމާ އެކު ދައުލަތުގެ ބަންޑާރަ ނައިބު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ ކުށުގެ ތުހުމަތު އޮތީ ހާއްސަ ފަރާތަކަށް ކަމަށާއި އެހެންވެ ވަކާލާތުކުރަމުން ދާނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށެވެ. އަދި އެކަން ވެސް ހާއްސަ ގޮތަކަށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ މުއާވިނަކު ވަކާލާތުކުރެއްވުމުގެ ބަދަލުގައި ވަކީލު ކަމުގެ ސަނަދު އޮތް މުހައްމަދު އަމީނާއި އިބްރާހިމް ޝިހާބް "މުޅިން އަމިއްލަ ގޮތެއްގައި" ދިފާއު ހުށަހަޅުއްވާ ގޮތަށެވެ.

"ތެދުވެވަޑައިގަތީ އަލް އަމީރް މުހައްމަދު އަމީނެވެ. އެންމެ ފުރަތަމައިން އޭނާ ތައާރަފްކޮށްދެއްވީ އޭނާ އެވެ. އާދޭހެވެ! އޭނާ ތެދުވެވަޑައިގެން ހުންނެވީ، ހަމަ މުޅިން އަމިއްލަފުޅު ހައިސިއްޔަތަކުންނެވެ. ވަކީލެއްގެ ގޮތުގަ އެވެ. އަދި ކިއެއްތޯ އެވެ. [ނަން އުނިކޮށްފައި] ކުށަށް އޭނާ އިއުތިރާފު ނުވާ ނަމަ އޭނާ ދިފާއުކުރައްވާކަށް މުހައްމަދު އަމީން ތެދުވެވަޑައި ވެސް ނުގަތީހެވެ،"

އަމީންގެ ވާހަކަފުޅު އަސަރާ އެކު ބަޔާންކޮށްދެމުން ލިޔެފައިވެ އެވެ؛

"... ކަން ދިމާވެފައިވާ ގޮތުން [ނަން އުނިކޮށްފައި] އަކީ [ރަށާއި ބައްޕަގެ ނަން އުނިކޮށްފައި] ދަރިއެއް ކަމުގައި ވިޔަސް، ހަގީގަތުގައި އޭނާ އަކީ ކާކުތޯ އެވެ؟ ވަޒީރުއްދާޚިލިއްޔާގެ ހާއްސަ ބެލެހެއްޓުމުގައި ހުރި ދިވެހި ތާލިބާއެކެވެ. ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ސަލާމަތެއް ކަމުގައި ވާނޭ ކުދީންގެ ތެރެއިން އެކެކެވެ. މިއަދު އޭނާ ވަނީ ނިހާޔަތުގެ ދަރަޖައަކަށް ކުށްވެރިވެފަ އެވެ. ޒިނޭކުރި ކަމަށް އިއުތިރާފު ވޭވެ އެވެ. ޝައްކެއް ނެތެވެ. ދިވެހި ހިތްތައް، އަސަރުކުޅައުމުގެ ހިއްސުން މަހުރޫމުވެފައި ނުވަނީ ނަމަ ކޮންމެ ދިވެހި ލޮލަކުން އެ ދުވަހު އޮހޮރި އޮހޮރި ހުންނާނީ ލެއި ކަރުނަތަކެވެ."

މި މޭރުމުން ވާހަކަ ދެއްކެވުމަށް ފަހު އަމީން ދީދީ ވަނީ ދައުވާ ލިބޭ ދަރިވަރުގެ ކުށަށް "މަތިވެރި ދަރަޖައަކަށް" ވަކީލްގެ ހައިސިއްޔަތުން އިއުތިރާފްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ދެން އެއާ އެކު ހުށަހެޅުއްވީ ދަރިވަރުގެ އުޅުމާއި އަހްލާގު ހުރި ގޮތް ސާބިތުކޮށްދެއްވުމަށް، ފާއިތުވެ ތިޔަ ހަތަރު އަހަރު ދަރިވަރު އުޅުނު ދެ ގޭގެ ވެރިންނެވެ.

ރުހުމަކު ނޫން، ނަގައިގަނެގެން ގެންގޮސް އިއްފަތް ފޭރިގަތީ

އެ ދެ މީހުން ހެކި ދިނީ "އެއް ދުލުން"ނެވެ. އެކި ބަހުގައި ތަފާތެއް ނެތީ އެވެ. ދަރިވަރުގެ އަހުލާގީ އެއްވެސް ކުށެއް ދުވަހަކު ވެސް ނުފެންނަ ކަމަށް ބުންޏެވެ.

ހެކިބަހަށް ފަހު އަމީން ވިދާޅުވީ ދަރިވަރުގެ އިއްފަތް ފޭރިގަތް މީހާ އުޅުނީ ދަރިވަރާ "އަވަލައިގެން" ކަމަށެވެ. އެގޮތުގައި އެތައް މަހެއް ހޭދަވި ކަމަށާއި އެ ފިރިހެން މީހާ އާއި ދަރިވަރު "ތަތްކުރުވާން" އަނެއް ދެ އަންހެނުން މަސައްކަތް ކުރަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. ހެކިން ސިފަކުރި ގޮތުގައި އެ ފިރިހެން މީހާ ފެނުމުން ދަރިވަރު ފިލަނީ "ބުޅަލު ބުޑުގައި އުނބުން ޖެހީމާ" ދާހެންނެވެ.

އިއްފަތްތެރިކަން ފޭރިގަތް ފުރަތަމަ ރޭ އަނެއް ދެ އަންހެނުން ފިރިހެން މީހާ އަށް އެހީވި ކަމަށާއި އޭނާ ދަރިވަރު ނަގައިގަނެގެން ގެންގޮސް އެނދެއްގެ މައްޗަށް ވައްޓާލައި އެ ދަރިވަރާ ފުރަތަމަ ފަހަރަށް ޖިންސީ އަމަލެއް ހިންގީ ގަދަބާރުން، އެ ދަރިވަރު ތެޅިތެޅި އޮއްވައި ކަމަށް އަމީން ވިދާޅުވި އެވެ. އަދި މިކަމުގެ ތެރޭގައި ދަރިވަރަށް އަނިޔާވެ ވަރަށް ބޮޑަށް ދުޅަވި ކަމަށާއި މައްސަރު ކަންތައް ނުޖެހި ލަސްވެފައި ވަނީ ވެސް އެ އަނިޔާތަކުގެ ސަބަބުން ކަމަށް ވެދާނެތީ އޭރު އަދި ބަލިވެ އިންކަން ޔަގީން ނުވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓަކާ ހަވާލާ ދެއްވައި އަމީން ވިދާޅުވި އެވެ. އެ ރިޕޯޓް ފަނޑިޔާރަށް ދެއްވި އެވެ.

"ދެ ވަނަ ފަހަރަށް ޒިނޭ ކުޅައީ ވެސް އޭނާގެ އެދުމާ ދިމާ އިދިކޮޅަށް" ކަމަށާއި އެކަމަކު އޭގެ ފަހުން ދަރިވަރަށް ވެސް "ދީލައިލެވުނީ" ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމާއި އަނިޔާވެފައިވާ ކަމާއި މައްސަރު ކަންތައް ނުޖެހި ތިން މަސް ވެފައި ވާއިރު އެއީ އަނިޔާގެ ސަބަބުން ދިމާވި ގޮތަކަށް ވެދާނެ ކަމާއި ބަލިވެ އިންކަން އަދި ޔަގީން ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އަމީން ދެން ހާމަކޮށްދެއްވީ ދަރިވަރުގެ ތެދުވެރިކަމެވެ. ހެކިތައް މިހެން ހުރި އިރު ދަރިވަރަށް ޒިނޭ ސާބިތުވާނީ އަމިއްލަ އަށް އިއުތިރާފުވުމުން ކަމަށާއި ހައްދު ގާއިމުކުރެވޭނީ ބަލިވެއިންކަން ވެސް ޔަގީން ވެގެން ކަމަށް ވިދާޅުވި އެވެ.

ދިފާއީ ހެކިތަކާއި ވާހަކަތަކަށް ފަހު، ފިރިހެން މީހާ ވަނީ "ގަދަބަވިކަމުން، ދަމާ ކޫއްތާފައި ގެންގޮސް" އެކަން ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފު ވެފަ އެވެ.

އިންޒާރަކާއި ނަސޭހަތަކަށް ފަހު އަދަބު

މި ކަންކުރި ފިރިހެން މީހާ އާއި އަނެއް ދެ އަންހެނުން ފަދަ "ނުލަފާ އިންސާނުންނޭ ކިޔުން އެކަށީގެންވާ ފަދަ ނުލަފާ މީހުންގެ ކިބައިން ސަލާމަތްވުމަށް" އަމީނާއި ޝިހާބު ވެސް އެދިވަޑައިގަތެވެ.

މީގެ އިތުރުން އަމީން ވަނީ ދިވެހި އަންހެން ކުދިން ދިފާއުކުރަން ވަރުގަދަ އުގޫބާތްތަކެއް ހައްދަވައިދެއްވުމަށް ގާނޫނުލް އުގޫބާތު ކޮމިޓީގެ ރައީސް، ފަނޑިޔާރު މަނިކުފާނު އަރިހުން އެދިވަޑައިގެންފަ އެވެ.

ކުށްވެރިވި މީހުންނަށް އުގޫބާތް ކަނޑައެޅީ ޖެހިގެން އައި ދުވަހު އެވެ. ރޭޕަށް އެއްބަސްވި ފިރިހެން މީހާ 39 އެތިފަހަރުން ތައުޒީރުކޮށް 100 އެތިފަހަރުން ހައްދު ޖަހައި 500ރ. އިން ޖޫރިމަނާކޮށް، އަހަރު ދުވަހަށް އަރުވާލީ އެވެ. ފިރިހެން މީހާ އަށް އެހީވި އެއް އަންހެނަކު 39 އެތިފަހަރުން ތައުޒީރުކޮށް އެއް އަހަރަށް ގޭ ބަންދުކުރި އެވެ. ދެން ހުރި ކުޅުދުއްފުށީ އަންހެން މީހާ 10 އެތިފަހަރުން ތައުޒީރުކޮށް ރަށަށް ފޮނުވާލި އިރު އިތުރު ފިރިހެނަކު 10 އެތިފަހަރުން ތައުޒީރުކުރި އެވެ.

ރޭޕުގެ އަމަލުތަކަށް ފަހު "ދީލައިލެވި" ޒިނޭކުރި ކަމަށް އެއްބަސްވެފައި ވާތީ ދަރިވަރަށް ޒިނޭގެ ހައްދު ކަމަށްވާ 100 އެތިފަހަރުން ހައްދު ޖެހުމަށް ވެސް ހުކުމްކުރި އެވެ.