Roadha Mihaaru
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ

މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީ ފޮތެއް މިރޭ ނެރެނީ

17 ފެބުރުއަރީ 2023

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ހަޔާތްޕުޅާ ބެހޭގޮތުން މިހާތަނަށް ލިޔުނު އެންމެ ތަފްސީލީ ބަޔޯގްރަފީ ފޮތް، ތާރީހު އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވައި ޝާއިއުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ހަޔާތްޕުޅާ ބެހޭގޮތުން މިހާތަނަށް ލިޔުނު އެންމެ ތަފްސީލީ ބަޔޯގްރަފީ ފޮތް، ތާރީހު އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވައި ޝާއިއުކޮށްފި އެވެ.

މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެތަނުން ފޮތް ހާއްސަ އަގެއްގައި ލިބޭނެ އެވެ.

މި ފޮތުގައި، އަމީނުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން މަދަރަސީ ދުވަސްތަކާއި ގައުމީ ހިދުމަތުގެ ދުވަސްތަކާއި ވެރިކަމުގެ ދުވަސްތަކުގެ ވާހަކަތައް ހިމެނެ އެވެ. އަދި އެމަނިކުފާނުގެ އަދަބީ ހިދުމަތްތަކާއި އިލްމީ ހިދުމަތްތަކުގެ ވާހަކަތަކާއި ތަރައްގީގެ މަގުގައި ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ހިމެނެ އެވެ. މީގެ އިތުރުން ދިވެހި އަންހެނުން ކުރިއަށް ނެރުއްވުމަށާއި ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ވެސް ހިމެނެ އެވެ.

"މިއީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަޔާތްޕުޅުގެ ހުރިހާ ވާހަކަތަކެއް ހިމެނޭނެ ފޮތެއް،" ޝާކިރު ވިދާޅުވި އެވެ.

މި ފޮތުގައި ލިޔުންތެރިޔާ އަމީނުގެ ވާހަކަތައް ކިޔަދޭއިރު ފަސްމަންޒަރުން، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި ދުވަސްވަރާއި ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދާއި އުތުރު ގަޑުބަޑުގެ މަންޒަރާއި ފުރަތަމަ ޖުމްހޫރިއްޔަތުގެ ކުލަތައް ފެންނާނެ އެވެ.

ފޮތް ލިޔުއްވި ކަށިމާ ޝާކިރު.

ފޮތް ލިޔުއްވި ކަށިމާ ޝާކިރު.

ގާތްގަނޑަކަށް 400 ސަފުހާގެ މި ފޮތަކީ، ޝާކިރު ވިދާޅުވި ގޮތުގައި 10 އަހަރުގެ މަސައްކަތެވެ. އޭނާ ވަނީ މި ފޮތަށް، ވަރަށް ގިނަ ބައެއްގެ އިންޓަވިއު ނަގައި، ވަރަށް ގިނަ ލިޔެކިޔުންތައް ދިރާސާކުރައްވައިފަ އެވެ. އިންޓަވިއު ކުރެވުނު މީހުންގެ ތެރޭގައި އަމީނުގެ އަރިސް ބޭފުޅުންނާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ދުނިޔޭގައި ނެތެވެ. އެފަދަ ބައެއް ބޭބޭފުޅުންގެ އިންޓަވިއުތަކަކީ، ޝާކިރު، ދިވެހި ތާރީހު ދިރާސާކުރެއްވުމަށް މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުގެ ތެރެއިން ނަންގަވާފައިވާ އިންޓަވިއުތަކެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މި ފޮތުގެ އެންމެ ހާއްސަ ކަމަކީ ވެސް، އަމީނުގެ ދިރިއުޅުއްވާއި ވެރިކަން ގާތުން ފެނިވަޑައިގެންނެވި ބޭފުޅުންގެ ވާހަކަތައް ހިމެނުން ކަމަށެވެ. އެގޮތުން އަމީނުގެ ވެރިކަން އިންގިލާބުކޮށްލުމުން، އެކަމުގެ މެސެޖެއް ކޮޅުނބުގައި ހުންނަވަނިކޮށް ލިބިވަޑައިގަތުމުން، އެ ވަގުތު އެމަނިކުފާނާއި، ގާތް އެކުވެރިޔާ އައިމިނަތު ހުސެއިންއާ ދެމެދު ދެކެވުނު ވާހަކަތައް އިވިވަޑައިގެންނެވި ބޭފުޅެއްގެ އިންޓަވިއު ހިމެނެ އެވެ.

އަދި ނުރައްކަލެއް ކުރިމަތިވެދާނެތީވެ، ރާއްޖެ ވަޑައިނުގަތުމަށް ގާތް ބޭފުޅުންނާއި އިނގިރޭސިން އެދިވަޑައިގަތުމުން ވެސް، އެކަމަށް އެއްބަސްވެވަޑައިނުގަންނަވައި، ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަތައް ހިމެނެ އެވެ. އަދި އިނގިރޭސި ރޯޔަލް އެއާފޯސްގެ ސީޕްލޭނެއްގައި ރާއްޖެ ވަޑައިގެންނެވިއިރު، މާލޭގެ މަސްރަހު އޮތްގޮތުން، ބޯޓު ޖައްސަން ޕައިލެޓް ދެކޮޅު ހެދުމުން، އަމީނު ދެއްކެވި ވާހަކަތައް ވެސް ފޮތުގައި ހިމެނޭނެ އެވެ.

އޭގެ ފަހުން އިންގިލާބުގެ ލީޑަރުން އެމަނިކުފާނު ދޫނިދޫގައި ބަންދުކުރެއްވުމުން ކަން ހިނގި ގޮތާއި، ވެރިކަން އަލުން ހޯއްދަވަން މާލެ ވަޑައިގަތުމުން ހަވަރުން ދިން އަނިޔާ އާއި، ގާފަރަށް އަރުވާލުމުން ކަންކަން ދިމާވި ގޮތާއި، އާލާސްކަންފުޅާ ވިހަމަނާފުށީގައި އޮންނެވިއިރު ކަންހިނގި ގޮތް ފޮތުގައި ހިމެނެ އެވެ.

"އެ ވާހަކަތައް ކިޔައިދެއްވީ، އެތަންތަނުގައި ސީދާ އަމީނުގެ އަރިހުގައި ތިބި މީހުން،" ޝާކިރު ވިދާޅުވި އެވެ.

މުހައްމަދު އަމީން (ކ) ރަސްމިއްޔާތެއްގައި.

މުހައްމަދު އަމީން (ކ) ރަސްމިއްޔާތެއްގައި.

ވިލާ ކޮލެޖުގައި ދިވެހި ތާރީހު ކިޔަވައިދެއްވާ ޝާކިރު ވިދާޅުވި ގޮތުގައި، މިފޮތަކީ ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ދިވެހި ތާރީހު މާއްދާގައި ބޭނުންކުރެވިދާނެ ފޮތެއް ކަމަށެވެ. އަދި މިއީ ދަރިވަރުންނާއި، ތާރީހު ދިރާސާކުރާ މީހުން އަދި ނޫސްވެރިންނަށް ރިފަރެންސަކަށް ބޭނުންކުރެވިދާނެ ފޮތެއް ކަމަށެވެ.

މިދިޔަ ގަރުނުގައި ރާއްޖޭގައި ހިނގި ކަންކަން ހިމަނައިގެން، ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2004 ގައި ނެރުނު ގަރުނު ފޮތް ސިލްސިލާ ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ޝާކިރު ވަނީ މީގެ ކުރިން ވެސް ޝަހުސިއްޔަތުންނާ ބެހޭ ތިން ފޮތެއް ލިޔުއްވައިފަ އެވެ.

އެއީ މަޝްހޫރު އަދީބު މަރްހޫމް ސައިކުރާ އިބްރާހީމް ނައީމް، ކުރީގެ ވަޒީރު މަރްހޫމް އުމަރު ޒާހިރު އަދި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގުއާ ބެހޭގޮތުންނެވެ. ޝާކިރު އަންނަނީ، ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައީސް އިބްރާހިމް ނާސިރުއާ ބެހޭގޮތުން ވެސް ފޮތެއް ލިޔުއްވަމުންނެވެ. ޝާކިރަކީ ދިވެހި ތާރީހުގެ ދާއިރާއިން، ތާރީހާބެހޭ ފޮތް އެކުލަވާލައި ލިޔެ ޝާއިއު ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވާފައިވާ ލިޔުންތެރިއެކެވެ.

މިއީ އަމީނުއާ ބެހޭގޮތުން ޝާއިއުކުރެވޭ ހަތަރު ވަނަ ފޮތެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ޑޭޒީމާގެ އައިމިނަތު ފާއިޒާ ވަނީ "އަމީނުގެ ހަނދާންތައް" ނަމުގައި 1997 ގައި ސިލްސިލާ ފޮތްތަކެއް ނެރުއްވައިފަ އެވެ. އޭގެ ފަހުން، އަމީނުގެ ވެރިކަން ނިމުނު ގޮތާއި އެމަނިކުފާނު އަވަހާރަވި ހާދިސާއާ ބެހޭގޮތުން ނޫސްވެރިޔާ މުހައްމަދު ޖަމީލް ވަނީ 2012 ވަނަ އަހަރު "އޯކިޑް" ގެ ނަމުގައި ފޮތެއް ލިޔުއްވައިފަ އެވެ. އަދި އަމީނުގެ ވެރިކަން ނިމުނު ގޮތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސީ ފޮތެއް ޝާއިއުކުރައްވައިފަ އެވެ.