16 އޮކްޓޯބަރ 2020
އެއީ 1970ގެ އަހަރުތަކުގެ ފަހުކޮޅުގެ ދުވަހެކެވެ. ތަނަކީ ކޮޅުނބުގެ ސްކައިލައިން ސައި ފިހާރަ އެވެ. އެ ބޭފުޅަކު އެތަނަށް ވެންނެވީ ޕާނެއް ބައްލަވައިގަންނަވާށެވެ. ހުންނެވީ ވަރަށް ނަލަކޮށް ހެދުން އަޅުއްވައިގެން ސީދަލަށް، ތެދަށް ސްމާޓްކޮށެވެ. އެތަނުން ދިމާވި ތިމާގެ ކުއްޖަކަށް ސައި ވެސް ދެއްވި އެވެ. އާއިލީ ވާހަކައެއް ފިޔަވައި، ރާއްޖޭގެ ވާހަކައެއް، އަމުދުން ސިޔާސީ އެއްވެސް ވާހަކައެއް، ނުދައްކަވަ އެވެ.
އެއީ 1970ގެ އަހަރުތަކުގެ ފަހުކޮޅުގެ ދުވަހެކެވެ. ތަނަކީ ކޮޅުނބުގެ ސްކައިލައިން ސައި ފިހާރަ އެވެ. އެ ބޭފުޅަކު އެތަނަށް ވެންނެވީ ޕާނެއް ބައްލަވައިގަންނަވާށެވެ. ހުންނެވީ ވަރަށް ނަލަކޮށް ހެދުން އަޅުއްވައިގެން ސީދަލަށް، ތެދަށް ސްމާޓްކޮށެވެ. އެތަނުން ދިމާވި ތިމާގެ ކުއްޖަކަށް ސައި ވެސް ދެއްވި އެވެ. އާއިލީ ވާހަކައެއް ފިޔަވައި، ރާއްޖޭގެ ވާހަކައެއް، އަމުދުން ސިޔާސީ އެއްވެސް ވާހަކައެއް، ނުދައްކަވަ އެވެ.
އެއީ ހިމޭން ދުނިޔެއެއްގައި އުޅުއްވާ އެކަނިވެރި ބޭފުޅެކެވެ. ދިވެހި ސިޔާސީ ހަރުގެ ކަމުގައިވި ސްރީ ލަންކާ އަށް އެހެލާފައި ހުންނެވި، ވަރުގަދަ އޮޑިއެކެވެ.
އޭގެ ތިރީހަކަށް އަހަރު ކުރި އެވެ. ތަނަކީ މި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެ އެވެ. އޭރު އޭނާ އަކީ ރާއްޖޭގެ ސިޔާސީ ކަނޑަށް އެންމެ ގަދަ އޮޑި އެވެ. ދިވެހި ސިޔާސީ މައިދާނުގެ އެންމެ ނުފޫޒު ގަދަ އެއް އާއިލާ ކަމަށްވާ ވެލާގޭގެ އެންމެ އަލިގަދަ އެއް ތަރި އެވެ. ބަފައިފުށުން އިބްރާހިމް ނާސިރުގެ ބޮޑުބޭބޭފުޅެވެ. މައިފުށުން މުހައްމަދު އަމީން ދީދީގެ ދެބެންގެދެދަރި ބޭފުޅެކެވެ. އެއީ ޖެނުއަރީ 1، 1953 ގައި އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ (އިބްރާހިމް ދީދީ) އެވެ.
އެންމެ ފުރަތަމަ އެކުލަވާލި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވައި ފަހުން އަވަށު މަސައްކަތުގައި އުޅުއްވި އެވެ. އެއަށް ފަހު ގައުމުގެ ދެ ވަނަ އަށް އެންމެ އިސް މަގާމާ ހަވާލުވެވަޑައިގަތީ އެވެ. އެ މަގާމަށް އިބްރާހިމް ދީދީ ލެއްވެވުނީ، އަމީން ވިދާޅުވެފައިވާ ގޮތުގައި، ވަރަށް އުނދަގުލުންނެވެ. ސަބަބަކީ އޭނާ އަކީ ތަބީއީ ގޮތުން ބަލާއިރު، ކުރީ ސަފުގައި އުޅުއްވާ ހިތްޕުޅުވާ ބޭފުޅެއް ކަމަށް ނުވުން ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޭނާ ޔަގީން ކޮށްދެއްވީ އަޅުގަނޑު ނެތިއްޖެ ދުވަހަކު ވެސް، ދައުލަތް ހިންގުމުގެ އިސް މަގާމު ގަބޫލުފުޅު ކުރެއްވުމީ ފަހަރެއްގައި ވެސް އޭނާއަށް ވެވަޑައިގެންނެވޭނެ ކަމެއް ނޫންކަމެވެ،" މުތަގައްދިމު ޕާޓީގެ އަހަރީ ޖަލްސާގައި 1950 ވަނަ އަހަރު އަމީން ވިދާޅުވި ކަމަށް "ވެރިއެއްގެ ނިމުން" މަޒުމޫނުގައި ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވެ އެވެ.
ރާއްޖޭގެ ފުރަތަމަ ނާއިބް ރައީސް އިބްރާހިމް ދީދީ.
ކަންވީ އެހެން ހެއްޔެވެ؟ ފަހަރުގައި އަމީން ދީދީ ވިދާޅުވި ފަދައިން ވެރިކަމުގެ ދަހިވެތި ކަމެއް އިބްރާހިމް ދީދީގެ ހިތްޕުޅުގައި ނެތް ކަމަށް ވެދާނެ އެވެ. އެކަމަކު އަމީނަށް ބޭވަފާތެރިވެވަޑައިގެން އޭނާގެ ވެރިކަން އިންގިލާބުކޮށްލުމުގައި އިބްރާހިމް ދީދީ މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.
"އޯކިޑް" ފޮތުގައި ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ ގޮތުގައި އަމީނުގެ ވެރިކަން ބަދަލުކުރުމަށް އިބްރާހިމް ޒަކީ (ފާމުދޭރި ތުއްތުދީދީ) އާއި އޭނާގެ ދެ ދަރިކަލުން މުހައްމަދު ޒަކީ އާއި އަހުމަދު ޒަކީ އަދި އިބްރާހިމް ނާސިރު ރޭއްވެވުމަށް ފަހު އެކަން އިބްރާހިމް ދީދީއާ ހިއްސާކުރެއްވީ އެވެ. އެކަމަށް އެތައް ފަހަރަކު އިބްރާހިމް ދީދީ ފަސްޖެހިވަޑައިގަތް ނަމަވެސް އެކަން ކުރަން އޮތީ ޖެހިފައި ކަމަށް އޭނާ ވެސް އެންމެ ފަހުން ދެކެވަޑައިގަތީ އެވެ.
އެއީ ކީއްވެ ހެއްޔެވެ؟ އަމީން ދިވެހި ދައުލަތުގެ ފައިސާ އިސްރާފުކުރެއްވުމާއި ދުންފަތް މަނާކުރެއްވުމާއި މީހުންނަށް ބޮޑެތި އަދަބުތައް ދެއްވުން ފަދަ ކަންކަމާ ގުޅިގެން އިބްރާހިމް ދީދީ ނުރުހުންވެވަޑައިގަތީ އެވެ. އޭރު އޮތީ ސިހުރު ހަދައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ މަރާލިކަމުގެ ކުށުގައި ގއ. ވިލިނގިލީ ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކޮށްފަ އެވެ. ވައްކަމެއް ސާބިތުވެ ގޮމާގޭ ސީދީގެ އަތް ވަނީ ބުރިކޮށްފަ އެވެ. އެ ދުވަހު އަމީނާ އެކު ހުޅުލެ އަށް ވަޑައިގެން ހުންނަވަނިކޮށް، ސީދީގެ އަތް ބުރިކޮށް ލޭ މަނާކުރަން ހޫނު ތެޔޮ ޖެހި މަންޒަރު ފެނި އިބްރާހިމް ދީދީ ހޭފުޅުނެތުނު ކަމަށް ވެ އެވެ.
"ބައެއް ފަހަރު އޭނާ މުހައްމަދު އަމީނަށް ނަސޭހަތްތެރިވެވަޑައިގަންނަވަ އެވެ. އެއް ދުވަހަކު އެ ވާހަކަ ދެންނެވުމުން ތިއީ އިބްރާހިމްބެއާ ބެހޭ ކަމެއް ނޫނޭ، އިބްރާހިމްބެ އަށް ދަތިވާ ކަމެއް އެބަ އޮތްތޯއޭ ވިދާޅުވެ ވަރަށް ކޯފާވެގެން އަމީން ވާހަކަފުޅުދެއްކެވި އެވެ،" ޖަމީލް ލިޔުއްވި އެވެ.
މުހައްމަދު ޒަކީ އެކަހެރިކުރެއްވުމާއި އަހުމަދު ޒަކީ ކުށްވެރިކުރެއްވުމާއި ނާސިރު ބާކީކުރެއްވުމަކީ ވެސް އިބްރާހިމް ދީދީގެ ހިތްޕުޅާ ނުވި ސަބަބުތަކެވެ. އިބްރާހިމް ދީދީގެ ބަދަލުގައި ހިލިހިލާގޭ މޫސާ ދީދީ އަށް އަމީން ބާރުތަކެއް ދެއްވަން އުޅޭ ކަމަށް ވެސް އަޑު އޮތީ އަރައިފަ އެވެ. އެހެންވެ އޭނާ ވެސް ބާކީވެ މަޑުމަޑުން ވެލާނާގޭގެ ބާރުވެރިކަން ކެނޑެނީ ކަމަށް އިބްރާހިމް ދީދީ އަށް އޮތީ ހީފުޅުވެފައި ކަމަށް ޖަމީލް ގަބޫލުކުރައްވަ އެވެ.
އިންގިލާބު ރޭއްވެވުމުގައި އިބްރާހިމް ދީދީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. ފާމުދޭރި ތުއްތުދީދީއާ އެކު މ. ނޫރާނީގޭގެ ފެންޑާގައި އަދި އިބްރާހިމް ފާމުލަދޭރި ކިލެގެފާނާ އެކު، ހ. އެއްގަމުގޭ ފޮތްބަލާ ކޮޓަރީގައި މަޝްވަރާތައް ބޭއްވެވި އެވެ.
އިބްރާހިމް ދީދީ (ކ) އާއި މުހައްމަދު އަމީން.
އިންގިލާބު ގެންނަން އޮތް ދުވަސް ކަމަށްވާ އޮގަސްޓް 21، 1953 ވީ ހުކުރު ދުވަހު އިބްރާހިމް ދީދީ ވަޔަރުލެސް އޮފީހަށް ވަޑައިގެން އެތަން ބަންދުކުރައްވައި ތަޅުދަނޑި ވެސް އަތުލެއްވި އެވެ. އޭރު ކޮޅުނބުގައި ހުންނެވި އަމީނަށް ހަބަރު ހިނގައިދާނެތީވެ އެވެ. އަދި އެ ދުވަހުގެ ހުކުރު ނަމާދަށް ފަހު ގުޅަކުޅޭ ފަސްގަނޑަށް ހަތަރު އަވަށު ރައްޔިތުން އެއްވެ އަމީނު ވެރިކަމުން ދުރުކުރާށާއި އިބްރާހިމް ދީދީ އާއި ފާމުލަދޭރި ކިލެގެފާނާ ވެރިކަން ހަވާލުކުރަން ގޮވާލައި ހައްޔަރުކުރަން ބޭނުންވާ މީހުންގެ ލިސްޓެއް އިއުލާންކުރި އެވެ. ސިފައިންގޭގެ ނައިބް ބަންދު މުހައްމަދު ކަލޭގެފާނު ފަދަ ސަރުކާރުގެ އިސް ވެރިންނާއި، ކެރަފާ މުހައްމަދު ކަލޭގެފާނު ފަދަ އަމީނުގެ ގާތް މީހުން ހިމެނޭ އެ ލިސްޓަކީ އިބްރާހިމް ދީދީގެ ބައިވެރިވުމާ އެކު ތައްޔާރުކުރި ލިސްޓެކެވެ.
ދެ ތިން ގަޑިއިރުގެ ތެރޭގައި، ލޭއޮހޮރުވުމެއް ނެތި އިންގިލާބެއް ގެނަ އެވެ. އެއަށް ފަހު އިބްރާހިމް ދީދީ އާގެ އަށް ވަޑައިގެން އަމީންގެ އަނބިކަނބަލުން ފާތިމަތު ސައީދު ގާތު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދިގެން، އެހެން އެއްވެސް ގޮތެއް ނެތިގެން މުހައްމަދު އަމީން ވެރިކަމުން ދުރުކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި މުހައްމަދު އަމީނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވަގުތީ ގޮތުން ދައުލަތުގެ ކަންކަން އިބްރާހިމް ދީދީ އާއި ފާމުލަދޭރި ކިލެގެފާނާ ހަވާލުކުރަން ފާސްކުރި ކަމަށް ޖަމީލް ލިޔުއްވާފައިވެ އެވެ.
އަމީނަށް ދޮންކަޅު އަންގަވައިލެއްވީ ވެސް އޭގެ ފަސް ދުވަސް ފަހުންނެވެ. ވަޔަރުލެސް މެދުވެރިކޮށް އަވަސް، އަދި ސިއްރު މެސެޖެއްގެ ގޮތުގައި އިބްރާހިމް ދީދީ އެންގެވީ އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މީހުން އެއުޅޭ އުނދަގޫ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ހަޅުތާލުކުރަމުންދާ ކަމަށެވެ. އަދި އެ ބޮޑު ހަޅުތާލު އައީ ކުއްލިއަކަށް ކޮންޓްރޯލްކުރެވޭ ގޮތަށް ނޫން ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް މާލެ ވަޑައިގަތުމަށް އަމީނަށް ދެންނެވި އެވެ. ވެރިކަމުން ދުރުކުރެއްވި ކަމެއް ނާންގަވަ އެވެ.
އާރްއޭއެފްގެ ކަނޑަށް ޖައްސާ ބޯޓެއްގައި ރާއްޖެ ވަޑައިގެން އަމީން ބޭނުންފުޅުވީ މާލޭގެ ކަންކަން ހަމަޖައްސާލައްވައި ރައްޔިތުންގެ އެދުންތައް ފުރިހަމަކޮށްދެއްވާށެވެ. އެކަމަކު އަމީން ގޮވައިގެން އިބްރާހިމް ދީދީ އާއި ފާމުލަދޭރި ކިލެގެފާނު ވަޑައިގަތީ ދޫނިދުއަށެވެ. ރައްޔިތުން ތިބީ ކެކިކެކި ކަމަށާއި މާލެ ވަޑައިގެންފި ނަމަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ އެވެ.
ދޫނިދޫގައި ހަތަރު މަހެއްހާ ދުވަސް ހޭދަކުރެއްވިތަނާ ކަކާގޭ އިބްރާހިމް ހިލްމީ ދީދީ އާއި އަމީނުގެ ދަނބިދަރިކަލުން ޝަމްސުއްދީން ހިލްމީ އެންގެވީ ރައްޔިތުން ތިބީ އަމީނާ އެކު ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ރޭއްވެވުމުގެ މަތިން އަލުން ވެރިކަން ހޯއްދަވަން އެއް ރެއެއްގެ މެންދަމު އަމީނު މާލެ ވަޑައިގެންނެވި އެވެ. ސިފައިންގެ އަށް ވަންނަވައި އަމީނު ވިދާޅުވީ ބޭނުންފުޅުވަނީ މުހައްމަދު ފަރީދު ރަސްކަމަށް އިސްކޮށް ތިމަންނަ އާއި ހިލްމީއާ ދެ މީހުން ވެގެން ގައުމު ހިންގަން ކަމަށެވެ. އެކަމަކު ސިފައިންގެ ތާއީދެއް ނުލިބުނެވެ.
އޭރު ހިލްމީ ހުންނެވީ އިބްރާހިމް ދީދީ ބަލާ ގ. މާޖެހިގެ އަށް ވަޑައިގެންނެވެ. އެކަމަކު އަމީން މާލެ ވަޑައިގެންފި ކަމަށް ސިފައިންގެ ތެރެއިން އިބްރާހިމް ދީދީ އަށް މައުލޫމާތު ލިބުމުން ސިއްރު ސިއްރުން ފާރު މަތިން ފުންމާލައްވައިގެން ވަޑައިގަތީ މީހުން އެއްކުރާށެވެ. ގަލޮޅު މައިޒާންދޮށުން މީހުންނަށް ގުޅަކުޅޭ ފަސްގަނޑަށް ދާން އަންގަވައި، އެހެން އަވަށްތަކުން ރައްޔިތުން އެއްކުރަން މީހުން ފޮނުވި އެވެ. އިބްރާހިމް ދީދީ ހުންނެވީ ވަރަށް ބޮޑަށް ހާސްވެފަ އެވެ. އަމީން އަލުން ވެރިކަން ހޯއްދަވައިފި ނަމަ އިބްރާހިމް ދީދީގެ ދުވަސްދިޔައީ އެވެ. އަދި އަތިރީގެ އާއި ކަކާގެ އަށް ސިޔާސީ ބާރުވެރިކަން ލިބި ވެލާނާގޭގެ ބާރު ދާނެ އެވެ.
މުހައްމަދު އަމީން އަސްކަރީ ޔުނިފޯމުގައި: ވެރިކަން ހޯއްދަވަން ވަޑައިގެންނެވި ހުންނެވީ ސިފައިންގެ ޔުނިފޯމެއްގައި ކަމަށް ތާރީހު ބުނޭ.
އެ ފިކުރުގައި ސިފައިންގެއަށް ވަޑައިގެން އަމީނުގެ އަތްޕުޅުގައި ބިޑި އަޅުވަން އަމުކުރެއްވި އެވެ. އޭރު އަމީނު މާލެ އަރައިކަމުގެ ހަބަރު ލިބިގެން ސިފައިންގެ ދޮށަށް އޮތީ ހަވަރު އެއްވެފަ އެވެ. މީހުން ތިބީ ކެކިފަ އެވެ. އަމީނުގެ ސަލާމަތަށް އޭނާ ބަޑި ގުދަނަށް ވައްދަވައި ތަޅުލަން ނުވަތަ ހަވަރު މައިތިރިކުރަން ސިފައިންނަށް އެންގެވެން އިބްރާހިމް ދީދީއަށް އޮތް ނަމަވެސް އެކަން ނުކުރައްވާ ކަމަށް ޖަމީލް ލިޔުއްވި އެވެ.
"ވަންނަން އުޅޭ މީހުން ވަންނާނެއެއްނު އަޅާނުލާ. ދޫކޮށްލާ،" ހާސްކަމުގެ ތެރޭގައި އިބްރާހިމް ދީދީ ސިފައިންގެ މީހަކަށް އެންގެވި ކަމަށް ޖަމީލްގެ ފޮތުގައިވެ އެ އެވެ.
އެކަމަކު ސިފައިންގެ އަށް ހަވަރު ވަދެ އަމީން ވަށައިލުމުން، އެމަނިކުފާނު ސަލާމަތްކުރެއްވޭތޯ އިބްރާހިމް ދީދީ މަސައްކަތްކުރެއްވި އެވެ. އެކަމަކު ދެނަކާ ދެނެއް ނެތެވެ. މީހުންތައް އަމީނުގެ ގައިކޮޅަށް ހަމަލާދޭން ފަށައި ސިފައިންގެ އިން ނެރެގެން ފަސްގަނޑަށް ގެންދިޔަ އެވެ. އަމީން ސަލާމަތްކުރެއްވޭތޯ ނާސިރާއި އިބްރާހިމް ދީދީ، ނުކުންނެވި އެވެ. ގިނަ އިރުތަކެއް ނުވެ އަމީނުގެ ލެއިން ނާސިރުގެ ގަމީސްކޮޅު ތަތްތެޅުނެވެ. އޭރު އިބްރާހިމް ދީދީ ދެން ތިއްބެވި ބޭފުޅުން ސަލާމަތްކުރެއްވޭތޯ ސިފައިންގެ ތެރެއަށް ވަންނަވައިފި އެވެ.
އެކަމަކު ކުރެވުނު ކަމެއް ނެތެވެ. ހަވަރުން އަމީނަށް އިންސާނިއްޔަތާ ހިލާފު އަނިޔާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި ފަޅުތެރޭގައި އޮތް ބައްތެއްޔަކަށް އެއްލާލި އެވެ. އިބްރާހިމް ދީދީ އަށް ކުރެއްވުނު ވަރަކީ، އިރު އެރުމާ އެކު އަމީނުގެ ގައިކޮޅުގައި ބޭސް އަޅަން ބޭސްވެރިޔަކު ފޮނުއްވުމެވެ. ދެން އޭނާ ކުރެއްވި ކަމަކީ، ނާކާމިޔާބުވި ބަޣާވާތުގެ ބައިވެރިންނަށް ހަރުކަށި އަބަދު ދެއްވާނެކަމުގެ ޔަގީންކަންދެއްވުމެވެ. ކަން ވީ އެހެންނެވެ. އެ ދުވަހުގެ 11 ޖެހިއިރު ބޮޑުބަނޑޭރިގޭގައި އަމީން ދީދީ ފަތްޖެހި އެނދެއްގައި ބާއްވައިގެން ތަހުގީގު ކުރި އެވެ. އަދި އަމީން އިއުތިރާފާ އެކު، ބަޣާވާތްކުރުމުގެ ކުށުން ކުށްވެރިވެ ހަވީރު ހަތަރެއް ޖެހިއިރު މަޚުކަމަތުލް ޝަރުއިއްޔާގައި، އެމަނިކުފާނު އުމުރުދުވަހަށް އަރުވާލަން ހުކުމްކުރި އެވެ.
ފައިންޕުޅުގައި ހިލިހިލާ ޖަހާފައި އޮތް ހާލުކޮޅުގައި، ކ. ގާފަރުގައި ހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނިކޮށް ހާލުބޮޑުވެ ކ. ވިހަމަނާފުށި (މިހާރުގެ ކުރުނބާ މޯލްޑިވްސް) އަށް ގެނަ އެވެ. މާ ގިނަ ދުވަހެއް ނުވެ އަމީން އަވަހާރަވީ އެވެ. ދުނިޔެ ދޫކުރެއްވީ އަނބިކަނބަލުން ފާތިމަތު ސައީދާއި ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އަދި ކޮއްކޯފުޅު މަރިޔަމް އަމީން ފޮނުވައިދޭން އަމީން އެދިވަޑައިގެންނެވި އެދިވަޑައިގަތުން އިބްރާހިމް ދީދީ އަށް ފުރިހަމަނުކޮށްދެވި ވަނިކޮށެވެ. އަމީން ދޫނިދޫގައި ހުންނެވިއިރު ދަރިކަނބަލުންނަށް ފޮނުއްވި ސިޓީއެއް ވެސް ރައްދުނުކުރެވި އިބްރާހިމް ދީދީގެ އަތްޕުޅުގައި އޮތެވެ. އަމީނާ އަށް އެ ސިޓީ ލިބިވަޑައިގަތީ، 1983 ވަނަ އަހަރު މާޖެހިގޭގައި ހުންނަ އިބްރާހިމް ދީދީގެ ކޮޓަރިކޮޅު ސާފުކުރަނިކޮށް ފެނިގެން އެގޭ ބޭފުޅަކު ދިނުމުންނެވެ.
އެ ސިޓީގައި އިބްރާހިމް ދީދީ އަށް ނިސްބަތްކުރައްވައި ލިޔުއްވާފައިވާ ކަމަށް ބެލެވޭ ވާހަކަތަކެއް އޮތެވެ. އެގޮތުން ވިދާޅުވެފައި އޮތީ އިންސާނަކާ ދިމާވާ ކޮންމެ ދަތިކަމަކާއި ކުރިމަތިލާން ޖެހޭ ކޮންމެ މުސީބާތަކާ އެކު ލައްވާވަފައިވަނީ އަގުހުރި ދަރުސްތަކެއް ކަމަށެވެ. އެއީ ތިމާގެ ތެދުވެރި ރަހުމަތްތެރިންނާއި ހަސަދަވެރި ދުޝްމިނުން އޮޅުމެއް ނެތް ގޮތުގައި، ވިސްނައިދެއްވުން ކަމަށް ލިޔުއްވި އެވެ.
އިބްރާހިމް ދީދީ އަށް އަމީން ހާދަ އިތުބާރެއް ކުރެއްވި އެވެ. އިންގިލާބުގެ ދުވަސްތަކެއް ކުރިން ބޭސްފަރުވާއަކަށް ބޭރަށް ވަޑައިގަތުމުގެ ކުރިން އަމީން ވިދާޅުވެފައިވާ ގޮތުގައި މި ގައުމު މާތްރަސްކަލާނގެ ވާގިފުޅާއި ލައިގެން ސަލާމަތްވާނެ އޮތީ ހަމަ އެންމެ ގޮތެއް ކަމަށާއި އެއީ އިބްރާހިމް ދީދީގެ ފަހަތްޕުޅުން، ދިވެހި އުއްމަތުގެ އެންމެހައި ދަރިން، ބިރެއް ނެތި، ސިހުމެއް ނެތި ހިނގަމުން ދިއުމެވެ.
އެކަމަކު އަމީނުގެ ނިމުން އެ އައީ އިބްރާހިމް ދީދީ ގެންނެވި އިންގިލާބެއްގައި ވެރިކަމުން ދުރުވެ ހުންނަވައި އަލުން ވެރިކަން ހޯއްދަވަން އުޅުއްވަނިކޮށް ހަވަރުން ދިން އަނިޔާތަކުގަ އެވެ.
"އަމީނުގެ ޖުމްހޫރިއްޔާގެ ނާއިބް ރައީސެއްގެ ގޮތުން އިބްރާހިމް ދީދީ، އަމީނަށް އޭނާގެ ވެރިކަން ނިމުމުގައި ވަފާތެރިވެވަޑައިގަތްކަމަކަށް އަޅުގަނޑު ނުދަންނަވާނަމެވެ،" އިންގިލާބުގެ ބައިވެރިއެއް ކަމަށްވާ އިބްރާހިމް ޝިހާބު ލިޔުއްވާފައިވެ އެވެ.
ދަރިކަނބަލުންނަށް ފޮނުއްވި ސިޓީގައި އަމީން ލިޔުއްވާފައިވާ އިބާރާތްތަކުން، އިބްރާހިމް ދީދީ އަށް ފަހުން ކުރިމަތިވެވަޑައިގަން ކަންކަން ސިފަކުރެވިދާނެ އެވެ.
"އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި، ކާމިޔާބުގެ ސިޑިން މީހަކު އަރަމުން ދާއިރު، ދުނިޔެ އޮންނާނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބު ތުންފިއްތައިލުވުމުން، ދުނިޔެ ތުންފިއްތާން ފަށާނީ ވަރަށް ވެސް އަވަހަށެވެ. އިންސާފެކޭ ކިޔާ އެއްޗެއްގެ ހަނދާން ހުންނާނީ، ދުނިޔެ އިން ވަރަށް ވެސް މަދު ބައެކެވެ،"
އިންގިލާބަށް ފަހު އިބްރާހިމް ދީދީ އާއި ފާމުލަދޭރި ކިލެގެފާނު ދުވަސްކޮޅަކު، އިންގިލާބު ކޮމިޓީގެ ލަފާގެ މަތިން، ދައުލަތް ހިންގެވި އެވެ. ފަހުން މުހައްމަދު ފަރީދު ރަސްކަމަށް އަދި ކިލެގެފާނު ބޮޑުވަޒީރަކަށް އިސްކުރި އެވެ. އިބްރާހިމް ދީދީ އަށް ލިބިވަޑައިގަތީ ކެބިނެޓުގެ މާލީ ވަޒީރުކަމާއި އަމަންއާއްމުގެ ވެރިޔާކަމެވެ.
ދުވަސްކޮޅެއް ފަހުން ބޭސްކޮޅަކަށް (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ދަރިކަލުން އަހުމަދު ދީދީ އަށް ކިޔަވައިދެއްވުމަށް) ކޮޅުނބަށް ވަޑައިގަތީ ސިފައިންގޭގެ ވެރިކަމާއި މާލީ ކަންކަން ނާސިރާ ހަވާލުކުރައްވައިފަ އެވެ. ލަންކާގައި އިބްރާހިމް ދީދީ ހުންނަވަނިކޮށް، އޭރު ލަންކާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ރެޕްރެޒެންޓޭޓިވް މުހައްމަދު ޒަކީއާ މައްސަލަތަކެއް ޖެހިވަޑައިގަތީ އެވެ. ހާރިޖީ ވަޒީރެއް ފަދަ ރެޕްރެޒެންޓޭޓިވްގެ މައްޗަށް، އެއްވެސް ޒިންމާއެއް ނެތި އަމިއްލަފުޅު ކަމެއްގައި ގޮސް ހުންނެވި އިބްރާހިމް ދީދީ އަމުރުކުރެއްވުން ވެގެންދިޔައީ ބޮޑު މައްސަލައަކަށެވެ. ހަގީގަތަކީ، މުހައްމަދު ޒަކީ އަކީ ވެސް އިބްރާހިމް ދީދީ އަށް ބޮޑުބޭބޭފުޅު ވިދާޅުވާ ބޭފުޅަކަށް ވާތީ އޭނާ ކަންކަމަށް ގޮތްކިޔުއްވަނީ ބަފައެއްގެ ވިސްނުމުންނެވެ.
ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު (ކ-4) މުހައްމަދު ޒަކީ (ވ) ކޮޅުނބަށް ސަރުކާރުން ފޮނުވި ވަފްދަކާ އެކު.
އެކަމަކު އެންމެ ފަހުން ހައިޖާނު ބޮޑުވެ މުހައްމަދު ޒަކީ ސަރުކާރަށް ޝަކުވާ ހުށަހެޅުއްވީ އެވެ. އެއާ އެކު ބޮޑުވަޒީރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކެބިނެޓަށް) ހުށެއްޅުވުމުން އެތަނުން ނިންމީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ހުންނެވީ މުހައްމަދު ޒަކީ ކަމަށެވެ. އެއަށް ފަހު ވެސް ދެ ބޭފުޅުން ސުލްހަކުރެއްވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަރުކާރުން އިބްރާހިމް ދީދީ އަށް އެންގީ ސަރުކާރުގެ އަމުރެއް ލިބިގެން މެނުވީ މާލެ ވަޑައިނުގަތުމަށެވެ.
ފަހުން ރަދުން މުހައްމަދު ފަރީދު ބޭސްކޮޅަކަށް ކޮޅުނބަށް ވަޑައިގެންނެވި ފަހަރެއްގައި ރާއްޖެ ގެންދަން އިބްރާހިމް ދީދީ އެދިވަޑައިގަތުމުން ރަދުން އެ މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު ނާސިރު ވިދާޅުވި ކަމަށް ވަނީ ގެންނަވައިފިއްޔާ ވަޑައިގަންނަވަން ޖެހޭނީ ދޫނިދުއަށް ކަމަށެވެ.
ސުވާލަކީ އިބްރާހިމް ދީދީ ސިލޯނަށް "އަރުވާލެއްވުނީ" ހަގީގަތުގައި މުހައްމަދު ޒަކީއާ ޖެހުނު މައްސަލައާ ގުޅިގެން ހެއްޔެވެ؟ މައުލޫމާތު އެނގޭ، އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި މުހައްމަދު ޒަކީ އާއި އިބްރާހިމް ދީދީއާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ފައިދާ ނާސިރު ނެންގެވީ އެވެ. ނުވަތަ ނާސިރު ހުންނެވީ އިބްރާހިމް ދީދީ މާލެ ވަޑައިނުގެންނެވޭ ގޮތެއް ވޭތޯ ބައްލަބައްލަވަ އެވެ. ސަބަބަކީ އޭރު ވެސް ނާސިރުގެ ނަޒަރު ހުއްޓިފައިވަނީ ވެރިކަމަށް ކަމަށް ވެފައި އިބްރާހިމް ދީދީ ވަޑައިގެންފި ނަމަ އެކަން ކާމިޔާބުނުކުރެއްވިދާނެތީވެ އެވެ. ނުވަތަ ކާމިޔާބުވިޔަސް މަގާމުގައި ނުހުންނެވިދާނެތީވެ އެވެ.
ނާސިރުގެ ރޭވުން އެކަމުގެ އަޑީގައި އޮތީ،" ތާރީހު ދިރާސާކުރައްވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ. "ސީދާ ވެރިކަމަށް ވިސްނާވަޑައިގެން ނާސިރު ކުރެއްވި ކަމެއް އެއީ."
އެކަމަކު އިބްރާހިމް ދީދީ ހިތްޕުޅުން އޭނާ އަށް މާލެ ވަޑައިނުގެންނެވޭ ގޮތް ހެއްދެވީ މުހައްމަދު ޒަކީގެ އެދުމުގެ މަތިން ބޮޑުވަޒީރު ފާމުލަދޭރި ކިލެގެފާނެ އެވެ. މުހަމަދު ޒަކީއާ ފަހުން ބައްދަލެއް ނުކުރައްވަ އެވެ. ވާހަކަފުޅެއް ވެސް ނުދައްކަވަ އެވެ.
މުހައްމަދު ޒަކީގެ ދަރިކަލުން އިބްރާހިމް ޝަހީދު ޒަކީ ވިދާޅުވި ގޮތުގައި އިބްރާހިމް ދީދީއާ ބައްދަލުކުރެވޭތޯ ބައްޕާފުޅު ވަރަށް މަސައްކަތްކުރެއްވި ކަމަށެވެ.
"އެކަން ނުވުމުން، ތިމަން އަވަހާރަވުމުން ތިމަން ތުއްތުބޭ (ޒަކީ އޭރު ވެސް އިބްރާހީމު ދީދީއާ މުހާތަބުކުރައްވާ ގޮތް) އަރިހުގައި ފަސްދާނުލައިދިނުން އެދިވަޑައިގެން އެކަން އެގޮތައް ކުރެވުނު،" ޝަހީދު ޒަކީ ވިދާޅުވި އެވެ.
"މަރުހޫމް ޒަކީގެ ހިޔާލުފުޅަކީ ތުއްތުބޭ މާލެ ގެންނަވައި މިނިވަންކަން މަތީ ބެހެއްޓެވުން."
ވެލާނާގޭ އިބްރާހިމް ދީދީ އާއިލީ ފޮޓޯއެއްގައި ދަރިކަލުން އަހުމަދު ދީދީ (ކ) އާއި ދަރިކަނބަލުން އާމިނަތު ދީދީއާ އެކު.
އެކަމަކު އެ ހުއްދައެއް ނެތެވެ. ސަރުކާރުން ލަންކާގައި ހުންނެވުމުގެ ހަރަދު ދެ އެވެ. މާލޭން ވަޒީރުންގެ ކާރުކޮޅު ބަދަލުކުރާއިރު އިބްރާހިމް ދީދީގެ ކާރުކޮޅު ވެސް އާކޮށްދެ އެވެ. ދަރިކަލުން އަހުމަދު ދީދީ އޮސްޓްރޭލިއާ އަށް ވަޑައިގަތުމުން ކޮޅުނބުގެ ވެލޯނާ ބިލްޑިންގެ ފްލެޓެއްގައި ދިރިއުޅުއްވީ ގިނިކަންޏާ އެވެ. ދޭތެރެއަކުން އާއިލީ ބޭފުޅުންނަށް ފަރިކޮޅަށް ދައުވަތު ދެއްވަ އެވެ. ކައްކަވަނީ އަމިއްލަފުޅަށެވެ. ބައެއް ދިވެހިން ސަޔަށް ގެންނަވަ އެވެ.
"ނަފްސާނީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް އެއީ. އަޅުގަނޑުގެ ހިޔާލުގައި، އެމަނިކުފާނު އަރުވާލައްވާފައި ހުންނެވިއިރު އެކަނިވެރިކަން އެއީ އެ ވަރުގަދަކަމުގެ ސަބަބަކީ،" އިބްރާހިމް ދީދީއާ ބައްދަލުވި ބޭފުޅެއް ކަމަށްވާ ނަސްރުﷲ ކަމާލުއްދީން ވިދާޅުވި އެވެ.
ހަގީގަތުގައި އިބްރާހިމް ދީދީ އަށް ޖެހިވަޑައިގަތީ މި ޒަމާނުގައި ސިޔާސީ ލީޑަރުންނަށް ވެސް ޖެހިވަޑައިގަންނަވާ ހާލުކޮޅެވެ. ވެރިކަން ހޯއްދަވަން އެކުގައި މަސައްކަތްކުރައްވާނެ އެވެ. އެކަމަކު ވެރިކަން ލިބުމާ އެކު، ފިޔަ ކޮށާލަނީ އެވެ. ނޫނީ ވެރިކަން ލިބުމާ އެކު ވާދަވެރިޔާ އަށް ޖެހެނީ ޖަލަށް ވަންނާށެވެ. ނުވަތަ ރާއްޖޭން ބޭރުގައި އަރުވާލެވިގެން ހުންނާށެވެ.
އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން އިބްރާހިމް ދީދީ މާލެ ވަޑައިގަތުމަށް ހުއްދަ ދެއްވި އެވެ. ނަމަވެސް އޭނާ ގަސްދުކުރެއްވީ މާލެ ވަޑައިނުގެން އިހަށް މަޑުކޮށްލަވާށެވެ.
އެގޮތުގައި ހުންނަވަނިކޮށް 1981ގައި އެކްސިޑެންޓެއްވެ ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން ކޮޅުނބުގެ ސުލައިމާނު ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. އަދި އޭގެ ހަތަރު މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޮކްޓޫބަރު ކުރީކޮޅު، އުމުރުފުޅުން 82 އަހަރުގައި އަވަހާރަވީ އެވެ. އުފަން ގައުމަށް ނާދެވި 27 އަހަރު ސްރީ ލަންކާގައި ހޭދަކުރައްވާފައިވަނިކޮށެވެ.
ވޯރާއިންގެ މައްޗަށް ނާސިރު ހޯއްދެވި ކާމިޔާބީ!
އަލީގަޅުން އަމީނުގެ ހިތުގައި އާލާވި ގައުމީ ލޯބި
އެންމެ ފަހުގެ ރަދުން: ބާރެއް ނެތް، އޮތީ އިއްޒަތް
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ
ހުކުރުން ފޭބި ގޮތަށް ގޮސް ވައްޓާލީ ވެރިކަން!
ކޯލްޓަންގެ އެ އިންޓަވިއު އަދި ބަގާވާތުގެ ހިޔަނި
ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
ނާސިރު ގޮތުގައި؛ ވާހަކަ ދައްކާނީ މިނިވަންކަން ދިނުމުން
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް