އެއީ ޑިސެމްބަރު، 1956 ގެ ފަހުކޮޅުން ދުވަހެކެވެ. މެންދުރުވާން ގާތްވެފައިވަނިކޮށް، ވަޒީރުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މުލިއާގޭގައި ފަށައިފި އެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސިލޯނުން ވަޑައިގެން ބޭއްވެވި މި ޖަލްސާގެ އެޖެންޑާގައި އޮތީ، ރާއްޖެ އާއި އިނގިރޭސިންނާ ދެމެދު ވެވޭ އެއްބަސްވުމަކަށް ވަޒީރުންގެ ރުހުން ހޯއްދެވުމެވެ. ބުނެވޭ ގޮތުގައި ބޮޑުވަޒީރު ރާއްވަވާފައި އޮތީ، އެ ޖަލްސާ އަށް ފަހު އެ އެއްބަސްވުމުގައި އިނގިރޭސި ސަފީރާ އެކު، ސޮއިކުރައްވާ ގޮތަށެވެ.
26 ޖުލައި 2025
އެއީ ޑިސެމްބަރު، 1956 ގެ ފަހުކޮޅުން ދުވަހެކެވެ. މެންދުރުވާން ގާތްވެފައިވަނިކޮށް، ވަޒީރުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މުލިއާގޭގައި ފަށައިފި އެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސިލޯނުން ވަޑައިގެން ބޭއްވެވި މި ޖަލްސާގެ އެޖެންޑާގައި އޮތީ، ރާއްޖެ އާއި އިނގިރޭސިންނާ ދެމެދު ވެވޭ އެއްބަސްވުމަކަށް ވަޒީރުންގެ ރުހުން ހޯއްދެވުމެވެ. ބުނެވޭ ގޮތުގައި ބޮޑުވަޒީރު ރާއްވަވާފައި އޮތީ، އެ ޖަލްސާ އަށް ފަހު އެ އެއްބަސްވުމުގައި އިނގިރޭސި ސަފީރާ އެކު، ސޮއިކުރައްވާ ގޮތަށެވެ.
އެއްބަސްވުމުގެ ދިވެހި ތަރުޖަމާ ޖަލްސާގައި އިއްވުމާ އެކު، ހައިރާންކަމާއި ސިހުމުގެ ހިމޭންކަމެއް މާލަމަށް ވެރިވި އެވެ. އެ އިއްވި އެއްބަސްވުމުގައި ބުނަނީ އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް އިނގިރޭސީންނަށް 100 އަހަރުގެ މުއްދަތަކަށް، މަހަކު 2000 ޕައުންޑުގެ ކުއްޔަކަށް ދޭން ދިވެހި ސަރުކާރުން އެއްބަސްވާ ކަމަށެވެ. ހަގީގަތުގައި ބޮޑުވަޒީރު ވަނީ އޭގެ ދުވަސްކޮޅެއް ކުރިން ސިލޯނުގައި، އެ އެއްބަސްވުމުގައި އިނީޝިއަލް ކޮޕީގައި ސޮއިކުރައްވައިފަ އެވެ. އެ ޖަލްސާ އަށް ފަހު، ފައިނަލް ކޮޕީގައި ސޮއިކުރެއްވުމަށްޓަކައި، ވަޒީރުންގެ ރުހުން ހޯދަން މަސައްކަތް ކުރައްވަނީ އެވެ.
"ދެން އިވުނީ އެއްވެސް ޖެހިލުމެއް ނެތި ފިސާރި ހަރުދަނާ ކަމާއި މަތިވެރި އަޒުމެއްގައި ވާހަކަ ދެއްކެވި މެމްބަރެއްގެ އަޑުފުޅެވެ،"
ވަޒީރުންގެ ތެރެއިން އެންމެ ޒުވާން މެމްބަރު، އުމުރުން 29 އަހަރުގެ އިބްރާހީމް ނާސިރު، ތެދުވެވަޑައިގެން އެކަމާ ފާޅުގައި ދެކޮޅު ހެއްދެވީ އެވެ. އެ ހިސާބުން އައްޝައިހް އިބްރާހީމް ރުޝްދީ، ހިމެނިވަޑައިގަންނަވާހެން، ކެބިނެޓުގައި ސީނިއާ ބޭފުޅުން ވެސް ނާސިރަށް ތާއީދުކުރައްވައި، އެ އެއްބަސްވުމާ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަން ފެށްޓެވި އެވެ. ނަތީޖާއަކަށްވީ، ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ބުރަކި ޖެހުމެވެ.
މިދިޔަ ގަރުނުގައި ރާއްޖޭގެ ސިޔާސީ މައިދާން ދުށް އެންމެ ނުފޫޒު ގަދަ އެއް އާއިލާ ކަމުގައިވި، ވެލާނާގެ އަށް ނިސްބަތްވެވަޑައިގެންނެވި ނާސިރަކީ އަބަދުވެސް މިނިވަންކަމުގެ ފިކުރު ގެންގުޅުއްވި ބޭފުޅެކެވެ. އެހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުން ގަބޫލު ކުރެއްވީ ރާއްޖެ އަށް ކުރިއަށް ދެވެން އޮންނާނީ އިނގިރޭސިންގެ މަދަދާ އެކު އެކު ކަމަށެވެ. އިނގިރޭސިންނަށް އައްޑު އަތޮޅުން ބައެއް 100 އަހަރަށް ކުއްޔަށް ދެއްވުމަށް ބޮޑުވަޒީރު ކިލެގެފާނު އޭރު ނިންމެވީ ވެސް އެ ސަބަބާ ހުރެ އެވެ. ކުލީގެ ގޮތުގައި ބޮޑު އަދަދެއް ލިބެން އޮތުމުންނާއި އިނގިރޭސިން ރާއްޖޭގައި ހޮސްޕިޓަލާއި ސްކޫލް އަޅައިދޭން އެއްބަސްވުމުން ކިލެލެގެފާނު އެގޮތް ނިންމެވީ އެވެ.
ފާމުލަދޭރި ކިލެގެފާނު (ކ) މުހައްމަދު އަމީން ދީދީ (ވ-2)، އަދި އިންޑިއާގެ ކުރީގެ ރައީސް ވީ.ވީ ގިރީއާ އެކު މުލިއާގޭގައި.
ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި ގަން، އިނގިރޭސިން އަލުން ބޭނުންވީ، ސިލޯނުން ފައިބަން ޖެހުމުންނެވެ. އެހެންވެ ޒުވާން ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ކިލެގެފާނުގެ އެ ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ރާއްޖެ އަށް ކުރު މުއްދަތުގައި ކިތަންމެ ފައިދާއެއް ވިޔަސް، އޭގެ ސަބަބުން ދުރު ރާސްތާގައި އޮތީ ގެއްލުމެވެ. ވަޒީރުންގެ މަޖިލީހުގައި އެކަމާ ދެކޮޅަށް އަޑުއުފުލެއްވެވީ އެހެންވެ އެވެ.
ނާސިރު ދެން މަސައްކަތްކުރެއްވީ ވޯރާއިން ފައްސާލެއްވުމަށެވެ. ރާއްޖޭގެ އިގުތިސާދު 1880ގެ އަހަރުތަކުން ފެށިގެން ކޮންޓްރޯލް ކުރަމުން އައި ވޯރާއިންގެ ނުފޫޒު އޭރު ވަރަށް ގަދަ އެވެ. އެބައި މީހުންގެ ސަބަބުން ރާއްޖެ އަށް ދިޔައީ ފެށުނީއްސުރެ ދަތިތަކާ ކުރިމަތިވަމުންނެވެ.
އެހެންވެ، ބޮޑުވަޒީރު ރާއްޖޭގައި ނެތް ދުވަސްވަރެއް ބައްލަވައި ނާސިރު ކުރެއްވި ކަމަކީ، ހެންވޭރުގެ އެއް މެމްބަރު މާދޫގޭ އަލީ އަހުމަދު ލައްވައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އެވެ. މާޗު 29، 1957 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި އެޖެންޑާކުރި އެ ބިލުގައި އޮތީ އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭން ފޮނުވާލަން ސަރުކާރަށް ލާޒިމުކޮށްފަ އެވެ.
ބިލު ހުށަހަޅުއްވަމުން އަލީ އަހުމަދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ތިން ބައިކުޅަ ދެބައި ދިވެހިންގެ އަތްމައްޗަށް އަރާފައިވީ ނަމަވެސް ހަރުދަނާ ގޮތެއްގައި ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދެވޭނީ ސައްތައިން ސައްތަ ދިވެހިންގެ އަތްމައްޗަށް އެކަން އަރައިގެން ކަމަށެވެ. ބިލު ހުށަހެޅުއްވީ އަލީ އަހުމަދު ކަމަށް ވިޔަސް، އެކަމުގެ ފަހަތުގައި ހުންނެވީ ހެންވޭރުގެ އަނެއް މެމްބަރު ނާސިރުކަން އެންމެންނަށް އެނގެ އެވެ.
ބިލުގައި ބިދޭސީ ވިޔަފާރިވެރިންނޭ ބުނެފައި އޮތް ނަމަވެސް އެ ބިލު އަމާޒުވަނީ ރާއްޖޭގެ އިގުތިސާދު ބަނޑުދަށު ލައިގެން ތިބޭތާ އޭރު ގަރުނެއް ވާން ކައިރިވެފައިވާ ވޯރާ ވިޔަފާރިވެރިންނަށް ކަން ވެސް އެންމެންނަށް އެނގެ އެވެ.
އަލީ އަހުމަދު ލައްވައި ނާސިރު ހުށަހެޅުއްވި ބިލަކީ އެ މީހުން ރާއްޖޭން ފޮނުވާލަން އޭނާ އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. އެރޭގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަލީ އަހުމަދު ދެއްކެވި ވާހަކަތަކަކީ ނާސިރުގެ ހިތްޕުޅުގެ އުދާސްތަކެވެ. ވޯރާއިންނަށް އިޝާރާތް ކުރައްވައި އަލީ އަހުމަދު މެމްބަރުންގެ ކިބައިން އެއްސެވީ ދިވެހިންނަށް ދަތި ހާލެއް، ނިކަމެތި ކަމެއް ޖެހުނު ވަގުތެއްގައި އެބައި މީހުން އެހީއެއްވި ތޯ އެވެ؟
"ރައްޔިތުންގެ އަތުން ހަ ރުފިޔާ އަށް މަސް ހަންދަރެއް ނުގަތް ހަނދާނެއް އަޅުގަނޑުމެން ނެތުނީ ބާވަ އެވެ؟ އަޅުގަނޑު ދެނެހުރި ގޮތުގައި އެބައި މީހުންނަށް ރާއްޖޭން ލިބުނު ފައިދާ އެބައި މީހުން ކުރެން އަޅުގަނޑުމެންނަށް ލިބުނު ފައިދާ އަށް ވުރެ ބޮޑެވެ،" އަލީ އަހުމަދު ވިދާޅުވި އެވެ.
މާލޭ ބާޒާރުގައި ހުރި ވޯރާއިންގެ ފިހާރައެއް (ކ).
އޭރު ރާއްޖޭގެ ސިޔާސީ އުދަރެހުން އަރަމުން އައި އެ އަލިގަދަ ތަރީގެ މި ބާރުއެޅުއްވުމާ އެކު، ހާޒިރުވެވަޑައިގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާ އެކު ބިލު ފާސްވި އެވެ. އެ ޚަބަރު ލިބިވަޑައިގަތުމާ އެކު، ސިލޯނުގައި ހުންނެވި ބޮޑުވަޒީރު ކިލެގެފާނު ވަގުތުން ރާއްޖެ ވަޑައިގެންނެވި އެވެ. އަދި ވޯރާ އިން ހަ މަސް ތެރޭ ފޮނުވާލަން ފާސްކުރި ގާނޫނު، ބާތިލުކުރުމަށް ވަގުތުން ބިލެއް ހުށަހެޅުއްވި އެވެ. އަދި ބޮޑުވަޒީރު އިސްތިއުފާ ދެއްވަފާނެ ކަމުގެ ބިރަށް ގިނަ މެމްބަރުން ވޯޓު ދެއްވީ، ކުރީގެ ނިންމުން ބަދަލުކުރާށެވެ. ނާސިރު އިތުރު ވާހަކަފުޅެއް ނުދައްކަވައި ހަތިޔާރު ބެހެއްޓެވީ އެވެ.
އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ނާސިރު ނުކުންނެވީ ސީދާ ބޮޑުވަޒީރާ ދެކޮޅަށެވެ. ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި ބޮޑުވަޒީރުގެ އަމަލުފުޅުތަކުގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ގެއްލުން ބޮޑެވެ. އައްޑު އަތޮޅުން ބައެއް އިނގިރޭސިންނަށް ދެއްވަން ނިންމެވުމެވެ. ވޯރާއިންގެ ދިފާއުގައި ތެދުވެވަޑައިގަތުމެވެ.
ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި އެއީ ބޮޑުވަޒީރު މަގާމު ދޫކޮށްލަން ޖެހޭ ވަރުގެ ކަންކަމެވެ. އެކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ދިޔައީ ނާސިރާ އެއްކޮޅަށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އެ ހުރިހާ ޕްރެޝަރަކާ އެކު، ކިލެގެފާނު އިސްތިއުފާ ދެއްވީ އެވެ. ސިއްހީ ހާލުކޮޅު އުޒުރަކަށް ދެއްކެވުމަށް ފަހު އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ނާސިރު ސިޔާސީ ގޮތުން ކުރިއެރުން ހޯއްދަވަން ކުރެއްވި ކަމެކެވެ. ކަންވީ ވެސް އެހެންނެވެ. ކިލެގެފާނަށް ފަހު، ރާއްޖޭގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ނާސިރަށެވެ. އެކަމަކު ބާރު ލިބިވަޑައިގަތުމުން، އެ މަނިކުފާނުގެ މިސްރާބު ބަދަލެއް ނުކުރައްވަ އެވެ. މަސައްކަތް ފެށްޓެވީ، އޭރު އަޑުއުފުލެއްލެވި ކަންކަން ހަގީގަތަކަށް ހެއްދެވުމަށެވެ.
އެންމެ ފުރަތަމަ ހައްލުކުރެއްވީ ވޯރާއިންގެ މައްސަލަ އެވެ. މި ފަހަރު މަޖިލީހަށް މައްސަލައެއް ނުވައްދަވަ އެވެ. ނެރުއްވީ އިއުލާނެކެވެ. އޭގައި އޮތީ މޭ 1، 1962 އިން ފެށިގެން ވޯރާ އިންނަށް ރާއްޖޭން އެކްސްޕޯޓް ކުރެވޭނީ އެ މީހުން އަމިއްލަ އަށް އުފައްދާ ތަކެތި ކަމަށާއި އެކްސްޕޯޓް މުދާ ދިވެހީންގެ އަތުން ގަނެގެން ބޭރުކުރުމަކީ މަނާކަމެއް ކަމަށެވެ. ކަން ދިމާކުރި ގޮތުން ބޮޑުވަޒީރު ނާސިރުގެ ފަރާތްޕުޅުން އެ އިއުލާނުގައި ސޮއިކުރެއްވީ، ވޯރާ އިން ބޭރުކުރަން ނާސިރުގެ ފަރާތްޕުޅުން ބިލު ވެސް ހުށަހެޅުއްވި އަލީ އަހުމަދެވެ.
އެހެންކަމުން އެ އިއުލާނުގެ މުއްދަތު އެ އަހަރުގެ ޖުލައި 31 އަށް ހަމަވުމުން ޖެހިގެން އައި އޮގަސްޓް 1 ގައި ނެރުއްވި އިއުލާނުގައި އޮތީ މުދާ އެކްސްޕޯޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ވޯރާއިން މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދުން ފެށިގެން އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އެ މީހުންނަށް ބާތިލްވީ ކަމަށެވެ. އަދި އެކްސްޕޯޓް މުދާ އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރާތީ މުއްދަތު އިތުރުކުރުމުގެ ހައްގެއް ނެތް ކަމަށާއި އެއާ އެކު، ރާއްޖޭގައި ވޯރާ އިންނަށް އެއްގޮތަކަށް ވެސް ވިޔަފާރިކުރުން މަނާވީ ކަމަށެވެ. އެ ހިސާބުން ވޯރާ އިން ރާއްޖެ ދޫކޮށް ދިޔަ އެވެ. ރާއްޖެ އަށް އިގުތިސާދީ މިނިވަންކަން ލިބުނީ އެވެ. ދެން އެ މަނިކުފާނު ފެށްޓެވީ އިނގިރޭސިންގެ އަތުން މިނިވަންކަން ހޯއްދެއްވުމުގެ މަސައްކަތެވެ. އެގޮތުން 1960ގެ އަހަރުތަކުގައި ތިން ފަހަރެއްގެ މަތިން އެކަމުގެ މަޝްވަރާ އިނގިރޭސިންނާ ކުރެއްވެވި އެވެ. ނަމަވެސް، އެކަން ސީރިއަސްކޮށް ފެށްޓެވީ އިނގިރޭސިންގެ މަދަދާ އެކު، ދެކުނުގެ ތިން އަތޮޅުން ވަކި ދައުލަތެއް އުފައްދަން ކުރި މަސައްކަތަށް ފަހު އެވެ.
އެކަން ފެއިލްވުމުން އެ ދައުލަތުގެ ލީޑަރު އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފް ދީދީ އަށް ހިމާޔަތްދިނުމަށްޓަކައި، އިނގިރޭސީން 1963 ގައި އޭނާ ސީޝެލްސް އަށް ގެންދިޔައީ އެވެ. އެ މައްސަލައިގައި އިނގިރޭސި ސަފީރު އަރިހު ނާސިރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ހުރި ދިވެއްސަކު ދިވެހި ސަރުކާރާށް ނޭގި އެގޮތަށް ނުގެންދެވޭނެ ކަމަށެވެ. ނާސިރު ވަރަށް ހަރުކަށިކޮށް އެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމުން އިނގިރޭސި ސަފީރު ވަރަށް ބޮޑަށް ކޯފާ އިސްވި އެވެ. ވިދާޅުވީ ދިވެހީން ތިބީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ކަމަށް ވުމުން، ބޭނުންތަނަކަށް ގެންދެވޭނެ ކަމަށެވެ.
ނާސިރު (ކ) އެމެރިކާގެ ނޫސްވެރިޔާ އެލިޒަބަތު ކޯލްޓަން އަށް އިންޓަވިއުއެއް ދެއްވަނީ.
އެ ހިސާބުން ނާސިރު ވިދާޅުވީ ހިމާޔަތުގެ އެއްބަސްވުން އުވާލައި، ފުރިހަމަ މިނިވަންކަން ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެއްބަސް ނުވަނީސް ދެން އިނގިރޭސީންގެ އެއްވެސް މަންދޫބަކާ އެ މަނިކުފާނު ބައްދަލުނުކުރައްވާނެ ކަމަށެވެ.
ޖެހިގެން އައި އަހަރު، ކޮޅުނބުގައި، ރާއްޖެ އާއި އިނގިރޭސީންނާ ދެމެދު މިނިވަންވުމުގެ މަޝްވަރާތައް ފެށި އެވެ. އެކަމަށްޓަކައި، އިނގިރޭސި ދައުލަތުން ޑްރާފްޓް އެއްބަސްވުމެއް ހުށަހެޅީ އެވެ. މަޝްވަރާކުރަމުން ދިޔައީ އޭގައި ހިމެނޭ ކޮންމެ މާއްދާއަކަށް ވަކިވަކިންނެެވެ. ރާއްޖޭގެ ފަރާތުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު އަބްދުއްސައްޔާރު މޫސާ ދީދީ އާއި ސެކްރެޓަރީ ކަނޑި އަހުމަދު އިސްމާއީލް މަނިކެވެ. ނަމަވެސް މާލޭގައި ހުންނަވައިގެން އެ މަޝްވަރާތައް ލީޑުކުރެއްވީ ހުދު ނާސިރެވެ.
"ކޮންމެ ދުވަހަކުހެން ނޫނީވިއްޔާ ދެން އެއްބަސްވެވޭ ދުވަސްތަކެއްގައި މަޝްވަރާ މެދުވެރިކޮށް ނާސިރަށް ދަންނަވާ ނާސިރުގެ އިރުޝާދު ލިބުމުން އަނެއްކާ ވެސް އަނެއް ބައްދަލުވުން ބާއްވަމުން ގޮސް 1963 ގައި، 1964 ގައި ވެސް ހަމަ އެގޮތަށް މަޝްވަރާކުރެމުން ދިޔަ އެވެ،" އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.
ނާސިރު ވަނީ، ރާއްޖެ އަށް ހުރިހާ ގޮތަކުން މިނިވަންކަން ލިބޭނެ ގޮތަކަށް އެއްބަސްވުން ބައްޓަން ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިފަ އެވެ. ރާއްޖޭގެ އިގްތިސާދީ ސަަރަހައްދު ކޮންޓްރޯލް ކުރަން އިނގިރޭސީންނަށް ލިބިފައި އޮތް މާއްދާގެ މަޝްވަރާ ވަރަށް ދިގުލައިގެން ދިޔަ އެވެ.
މަޝްވަރާތައް ކުރިއަށް ދިޔައިރު، ނާސިރު ދެން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ، ރާއްޖޭގެ އަމިއްލަ އެއާޕޯޓެއް ހެދުމަށެވެ. ހުޅުލޭގައި އޭރު ދަގަނޑު ފިލާ އަޅައިގެން ހަދާފައި އޮތީ އިނގިރޭސީންގެ ސްޓޭޝަނެއް ކަމުން، އަދި އިނގިރޭސީން އެތަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުން ދާތީވެ، ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި އަމިއްލަ އެއާޕޯޓެއް އެޅުމަކީ، މިނިވަންކަމަށްޓަކައި ކުރަން ޖެހޭ މުހިއްމު ކަމެކެވެ. އެކަން ކުރައްވަން ނާސިރު ނިންމެވި ހާދިސާ ގުޅެނީ، ދިވެހި ސަރުކާރުގެ ވަފުދެއް ސިލޯނަށް ދިއުމަށްޓަކައި އިނގިރޭސިން ގާތު އެދުމުން އެކަމަށް އިޖާބަ ނުދިނުމާ އެވެ.
ނާސިރު ހުޅުލޭ އެއާޕޯޓް ހަދަމުންދިޔަ ދުވަސްވަރު މަސައްކަތް ބައްލަވާލައްވަނީ.
އޭރު ރާއްޖޭން ބޭރަށް ދަތުރެއް ކުރެވެން އޮންނަނީ ހަމައެކަނި އިނގިރޭސީންގެ މަތިންދާބޯޓެއްގަ އެވެ. އަދި ހުޅުލޭ ސްޓޭޝަނަށް އެހެން ބޯޓެއް ވެސް ޖެއްސޭނީ އިނގިރޭސީން ހުއްދަ ދިނުމުންނެވެ. އެ ފަހަރު ސިލޯނަށް ދިއުމަށް އިނގިރޭސީންގެ އެހީތެރިކަން ނުލިބުމުން. ނާސިރު ކުރެއްވި ކަމަކީ އެއާ ސިލޯނުގެ ބޯޓެެއް ޗާޓަރު ކުރެއްވުމެވެ. އެކަމަކު އިނގިރޭސީން އެންގީ، ހުޅުލެ އަށް އެ ބޯޓު ނުޖެއްސޭނެ ކަމަށެވެ. ނަމަވެސް ބޯޓުގެ ކެޕްޓަނަށް ނާސިރު އެންގެވީ، ރާއްޖޭގައި އޮންނާނީ، ދިވެހީންގެ އެއާޕޯޓެއް ކަމަށާއި، އެތަނަށް ބޯޓު ޖެއްސޭނެ ކަމަށެވެ.
އެއާ އެކު، އޭޕްރިލް، 27، 1964 ގައި ސަރުކާރުން އިއުލާނެއް ނެރުނެވެ. ހުޅުލޭގައި ދިވެހީންގެ އަމިއްލަ އެއާޕޯޓެއް ހެދުމަށް، ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ އެވެ. އެކަމަށް އެތައް ބަޔަކު އެއްބާރުލުންދިނެވެ. އަދި ދަގަނޑު ފިލާތައް ނައްޓައި، އިނގިރޭސީންގެ ސްޓޭޝަން ރޫޅާލުމަށް ފަހު، ދިވެހީންގެ އަމިއްލަ މަސައްކަތުން އެއާޕޯޓެއް ހެދި އެވެ.
ނަތީޖާއަކަށްވީ، ޖެހިގެން އައި އަހަރު، އިނގިރޭސިންގެ އަތުން މިނިވަންކަން ލިބި، އެކަމަށް އެއް އަހަރު ފުރުނުއިރު، ރާއްޖޭގައި އަމިއްލަ އެއާޕޯޓެއް އޮތުމެވެ.
ހަމައެކަނި އެޔެއް ނޫނެވެ. ރާއްޖޭން އަމިއްލަ ޝިޕިން ލައިނެއް އުފަންކުރި އެވެ. ޓޫރިޒަމް ތައާރަފުކުރި އެވެ. މަސްވެރިކަން ފުޅާކުރި އެވެ. ތައުލީމު އާލާކުރި އެވެ. ނާސިރު ސާބިތުކޮށްދެއްވީ، އިނގިރޭސީންގެ އެހީއާ ނުލާ ވެސް، ނުވަތަ މިނިވަން ގައުމެއްގެ ގޮތުގައި އޮވެމެ ވެސް ރާއްޖެ އަށް ތަރައްގީ ހޯދޭނެ ކަމެވެ. އެ މަނިކުފާނަކީ އަބަދުވެސް، ކޮންމެކަމެއްގައި ވެސް މިނިވަންކަމުގެ ފިކުރު އިސްކުރެއްވި ލީޑަރެކެވެ.
މިނިވަންކަމުގެ ބަތަލު: އިބްރާހީމް ނާސިރު
ވޯރާއިންގެ މައްޗަށް ނާސިރު ހޯއްދެވި ކާމިޔާބީ!
ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟
ނާސިރު ގޮތުގައި؛ ވާހަކަ ދައްކާނީ މިނިވަންކަން ދިނުމުން
ހުޅުލޭ އެއާޕޯޓް: މިނިވަންކަމުގެ ދަތުރުގެ މައި ބަނދަރު
1948 ގެ އެއްބަސްވުމުން ހާސިލްވީ ކޮން ކަމެއް؟
އެންމެ ފަހުގެ ރަދުން: ބާރެއް ނެތް، އޮތީ އިއްޒަތް
ކޯލްޓަންގެ އެ އިންޓަވިއު އަދި ބަގާވާތުގެ ހިޔަނި
ފުރަތަމަ ޕާސްޕޯޓް ލިބުނު ހުސެން މަނިކު އަވަހާރަވެއްޖެ
މިނިވަންކަމަށް، 21 އަހަރަށް އައްޑޫ އިނގިރޭސިންނަށް