Roadha Mihaaru
މިނިވަންކަމަށް، 21 އަހަރަށް އައްޑޫ އިނގިރޭސިންނަށް

މިނިވަންކަމުގެ ބަދަލުގައި 21 އަހަރަށް އައްޑޫ އިނގިރޭސިންނަށް

28 ޖުލައި 2022

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް އަހަރެމެން މި ފާހަގަކުރަނީ ރާއްޖެ "އިސްތިއުމާރު" ކޮށްގެން އޮތް އިނގިރޭސިން ރާއްޖެ ދޫކޮށްލައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަސް ކަމުގައި ވާތީ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް އަހަރެމެން މި ފާހަގަކުރަނީ ރާއްޖެ "އިސްތިއުމާރު" ކޮށްގެން އޮތް އިނގިރޭސިން ރާއްޖެ ދޫކޮށްލައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަސް ކަމުގައި ވާތީ އެވެ.

ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި ކޮޅުނބުގައި ހުންނެވި އިނގިރޭސި ސަފީރު މައިކަލް ވޯކާ ޖުލައި 26، 1965 ގައި ސޮއިކުރެއްވި އެއްބަސްވުމާ އެކު ރާއްޖެއަކީ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ވިލާތުން ބަލައިގަނެ ފުރިހަމަ މިނިވަންކަން ރާއްޖެ އަށް ލިބުނީ އެވެ. ނަމަވެސް އެ އެއްބަސްވުމުގައި ހުރި އެހެން ކަންކަމަށް ބަލާއިރު ފެބްރުއަރީ 14، 1960 ގައި އިނގިރޭސިންނަށް އައްޑޫން ދިން ސަރަހައްދު އިތުރު 21 އަހަރަށް އަނެއްކާވެސް އިނގިރޭސިންނަށް އޮތީ ދީފަ އެވެ. އެއީ އައްޑޫ ގަން އަދި ހިތަދޫ (މާމެންދު) އިން އިން ވަކިކޮށްފައި އޮތް 110 އޭކަރުގެ ސަރަހައްދެކެވެ

އދ.ގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި އޮތީ މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު 1960 ގެ އެއްބަސްވުން އުވޭނެ ކަމަށާއި އެކަމަކު އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިން ތިބި ސަރަހައްދަކީ ޑިސެމްބަރު 15، 1986 އާ ހަމައަށް ދިވެހި ސަރުކާރުން އިނގިރޭސިންނަށް ހިލޭ ދޭ ހަދިޔާއެއް ކަމަށް ދިވެހި ސަރުކާރުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

ރާއްޖެއަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން ޖުލައި 26، 1965 ގައި ސޮއިކުރި އެއްބަސްވުމުގެ މާއްދާއެއް

ރާއްޖެއަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން ޖުލައި 26، 1965 ގައި ސޮއިކުރި އެއްބަސްވުމުގެ މާއްދާއެއް

މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިނގިރޭސި ވިލާތުން ސޮއިކުރި ދުވަހުން ފެށިގެން 7،812 ދުވަސް ވަންދެން މި ބުނި ސަރަހައްދު، އެ ސަރަހައްދުތަކުގެ ކަނޑުފަޅާއި ވައިގެ ސަރަހައްދު ހިމެނޭހެން ހާއްސަވެފައި އޮތީ އިނގިރޭސި ސިފައިންނަށެވެ.

"ޑިސެމްބަރު 15، 1986 އާ ހަމަޔަށް ހިނގާ މުއްދަތުގައި މި ސަރަހައްދުގެ ކަނޑުފަޅާއި ވައިގެ ސަރަހައްދު އަސްކަރީ އެއްވެސް ބަޔަކަށް އަދި އެއްވެސް ދައުލަތެއްގެ ސިފައިންގެ ބޭނުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުގެ ހުއްދަ ލިބިގެން ނޫނީ ނުދިނުމަށް ދިވެހި ސަރުކާރުން އެއްބަސްވެ އެވެ." އެއްބަސްވުމުގެ ތިން ވަނަ މާއްދާފައި ބުނެފައިވެ އެވެ.

މި މާއްދާގައި އިސްތިސްނާކޮށްފައިވަނީ ރަހުމަތްތެރިކަމުގެ ދަތުރުތަކުގައި، ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އަންނަ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކެވެ.

ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއް އަހަރު ކުރިން ޖޫން 24، 1964 ގައި ރާއްޖެއަށް މިނިވަންކަން ދިނުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައި ވާއިރު އެ ޚަބަރުގައި ވެސް ބުނެފައި އޮތީ މިނިވަންކަން ދިނުމުގައި "އަންޑަސްޓޭންޑިން" އަކީ އައްޑޫގައި އިނގިރޭސިންނަށް ދީފައިވާ ހައްގުތަކާއި އެތަނުގައި ހުރި ފެސިލިޓީތައް އިނގިރޭސިންނަށް ކަށަވަރުވެފައި އޮތުން ކަމަށެވެ. އަދި އެތަން ދިވެހިރާއްޖޭން އެހެން ގައުމެއްގެ އަސްކަރިއްޔާ އަށް ނުދިނުން ކަމަށެވެ.

އިނގިރޭސިންގެ ވައިގެ މަރުކަޒަކާއި ރޭޑިއޯ ސްޓޭޝަނެއް

ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން އައްޑޫގައި އިނގިރޭސިންނަށް ދީފައި އޮތް ސަރަހައްދު، މިނިވަންކަމަށް ފަހު ވެސް ހިންގަން ދެ ގައުމުން އެއްބަސްވީ އަސްކަރީ ވައިގެ މަރުކަޒަކާއި ރޭޑިއޯ ސްޓޭޝަނެއް ހިންގާ ގޮތަށެވެ. ވައިގެ މަރުކަޒު ގަމުގަ އެވެ. ރޭޑިއޯ ސްޓޭޝަން ހިތަދޫގަ އެވެ.

މި ސަރަހައްދުގެ ކަނޑާއި ވައިގެ ސަރަހައްދު އިނގިރޭސި އަސްކަރިއްޔާގެ ބޭނުމަށް އެ ވަގުތަކު ބޭނުންކުރަންޖެހުނު ގޮތަކަށް، ޑިސެމްބަރު 15، 1986 އާ ހަމައަށް ކުރެވެ އެވެ. އެކަމަކު މި ސަރަހައްދަކީ ހުރިހާ ހާލަތެއްގައި ވެސް ދިވެހި މިނިވަން ދައުލަތުގެ ބާރު ހިނގާ ސަރަހައްދުތަކުގެ ގޮތުގައި އިނގިރޭސި ވިލާތުން އެއްބަސްވާ ކަމަށް ލިޔެފައި ވެސް އޮވެ އެވެ.

ރާއްޖޭގެ މިނިވަންކަމާ ބެހޭ މަޝްވަރާތަކާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްގައި ޖޫން 24، 1964 ގައި ޝާއިއުކޮށްފައިވާ ޚަބަރެއް

ރާއްޖޭގެ މިނިވަންކަމާ ބެހޭ މަޝްވަރާތަކާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްގައި ޖޫން 24، 1964 ގައި ޝާއިއުކޮށްފައިވާ ޚަބަރެއް

ހަތަރު ވަނަ މާއްދާގައި އޮތީ އިނގިރޭސި ސިފައިންނަށް އައްޑޫން ދޭ ސަރަހައްދު ބޭނުންކުރާނީ ހަމައެކަނި "ކޮމަންވެލްތުގެ ދިފާއުގައި" ކަމަށެވެ.

މިތަން ހިންގުމަށް ގަމާއި ހިތަދުއާ ދެމެދު ސަބްމެރިން ކޭބަލް އަޅަން ދިވެހި ސަރުކާރުން އިނގިރޭސިންނަށް މި އެއްބަސްވުމުގައި ހުއްދަ ދެ އެވެ، ހަމަ މިއާ އެކު އިނގިރޭސިންގެ ސަރަހައްދު ބޭނުންކުރުމުގައި އެ ސަރަހައްދުން ބޭރުގައި އުޅޭ އައްޑޫގެ އާންމު ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަންތައް ނުކުރަން އިނގިރޭސިން އެއްބަސްވި އެވެ.

އިތުރު ކަންކަން

● އިނގިރޭސިންނަށް ދޭ ސަރަހައްދުން އަމިއްލަ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ބިމެއް އިނގިރޭސި ސަރުކާރުން ހުއްދަ ހޯދައިގެން ނޫނީ ނުދިނުން އަދި މިފަދަ ކަމެއް ކުރުމުގެ ކުރިން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ލިޔުމުން އެއްބަސްވުމެއް ހެދުން. ހަމަ މިގޮތަށް އިނގިރޭސި ސަރުކާރުން ވެސް އަމަލުކުރުން.

● އިނގިރޭސިންނަށް ހާއްސަ ސަރަހައްދުގައި އިނގިރޭސި ސިފައިންނަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ ވަސީލަތްތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ސަގާފީ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ ހުއްދަ އޮތުން. މި ތަންތަނަށް ގެންނަ ތަކެއްޗަށް އަދި އެ ސަރަހައްދުގައި ގަނެވިއްކާ ތަކެއްޗަށް އިނގިރޭސިން ދިވެހި ސަރުކާރަށް ޓެކްސް ދައްކަން ނުޖެހުން.

● އައްޑޫގައި އިނގިރޭސިންނަށް ދޭ ސަރަހައްދުގައި އިނގިރޭސި ސިފައިންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުތައް ނުހިނގުން.

● އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިނގިރޭސިންގެ ތަކެތި ގެންދިއުމަށް އެއް އަހަރުގެ މުއްދަތެއް ދިނުން. އަދި ތަކެތި ގެންދާއިރު އިމާރާތްތަކަށް ގެއްލުން ނުދިނުމަށާއި އިނގިރޭސިން ފައިބައި ތަން ހުސްކުރަން ދޭ މުއްދަތުގެ ފަހުން ހުންނަ ކޮންމެ އެއްޗަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަމުގައި ހަމަޖެހުން.

އައްޑޫގައި ތިބީ ފޯޅަވަހި ލިބެންދެން

ރާއްޖެއަށް މިނިވަންކަން ދިނުމުގެ ވާހަކަތައް ދެކެވެމުން ދިޔައިރު އިނގިރޭސިން ދިޔައީ އައްޑޫގެ ދެކުނުން އޮންނަ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ފްރާންސުން މޮރިޝަސް އިސްތިއުމާރުކޮށްފައި އޮއްވައި އިނގިރޭސި ވިލާތުން 1810 ގައި ހަނގުރާމަކޮށް މޮރިޝަސް އަތުލި އެވެ. އަދި އޭގެ ފަހުން މޮރިޝަސް އިން އަމިއްލަ މިނިވަންކަން ހޯދަން ކުރި މަޝްވަރާތަކުގައި އިނގިރޭސި ވިލާތުން ޝަރުތުކުރީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލަމުން އައި ޗާގޯސް އައިލެންޑްސް އިނގިރޭސި ވިލާތަށް ދޫކޮށްލުމަށެވެ. އެއީ ތިން މިލިއަން ޕައުންޑުގެ ބަދަލަކާ ވެސް އެކުގަ އެވެ. މި އެއްބަސްވުމަށް ފަހު މޮރިޝަސް އަށް 1968 ވަނަ އަހަރު މިނިވަންކަން ދިނެވެ.

ފޯޅަވައްސަކީ ޗާގޮސްގެ ރަށްތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރި ރަށެވެ. ދިވެހިން އާންމުކޮށް އެ އަތޮޅަށް ނިސްބަތްކޮށް ފޯޅަވައްސޭ ކިޔަނީ އެވެ.

ޖުލައި 26، 1965 ގައި އިނގިރޭސިން ރާއްޖެ އަށް މިނިވަންކަން ދިނުމަށް ފަހު ހަމަ އެ އަހަރުގެ ނޮވެމްބަރުގައި ޗާގޯސް ގަނެލީ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސިއާ ހިމެނޭ ޗާގޯސް އައިލެންޑްސް. --ފޮޓޯ: ސައެންސް ފޮޓޯ ލައިބްރަރީ

ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސިއާ ހިމެނޭ ޗާގޯސް އައިލެންޑްސް. --ފޮޓޯ: ސައެންސް ފޮޓޯ ލައިބްރަރީ

ޗާގޯސް ހޯދުމަށް ފަހު އެ ތަނުގެ ނަން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އަށް ބަދަލުކުރި އެވެ. އަދި އެމެރިކާއާ އެކު ހެދި ސިއްރު އެއްބަސްވުމާ އެއްގޮތަށް އެތަނުގައި އަސްކަރީ މަރުކަޒެއް ހެދުމުގެ މަސައްކަތް ފެށި އެވެ. މިކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ރަށަކީ ދިރޭތަކެތި ގިނަ ތަނަކަށް ވުމުން އެ އެއްޗެހީގެ ހިމާޔަތަށް ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން ނިންމީ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހަދާށެވެ. އަދި އެ ބޭނުމަށްޓަކައި ޗާގޯސްގެ ހުރިހާ ރަށަކުން މީހުން ބޭރުކުރީ އެވެ. އޭރު އުޅުނު ތިން ހާހެއްހާ މީހުންނަށް އެ މީހުންގެ ވަޒަން ދޫކޮށް ސީޝެލްސް އާއި މޮރިޝަސް އަދި އެހެން ގައުމުތަކަށް ދާން މަޖުބޫރުކުރުވީ އެވެ. އެކަން ކޮށް ނިންމީ އައްޑޫގައި އިނގިރޭސިން އިތުރު 21 އަހަރު ތިބުމަށް ދިން މުއްދަތު ހަމަވުމުގެ ކުރިން 1967 އާއި 1973 އާ ދެމެދުގަ އެވެ.

މިއީ މާ ކުރިން ރޭވިގެން ހިންގި ކަންތައްތަކެއްކަން އެނގުނީ ކުރީގެ ސިއްރު ލިޔުންތައް ފަހުން ހާމަވުމުންނެވެ. އޭގައިވާ ގޮތުގައި މިއީ ޗާގޯސްއާ މެދު އެމެރިކާ އާއި އިނގިރޭސި ވިލާތުން މާ ކުރިން ވެސް އެއްބަސްވެފައި އޮތް ގޮތެވެ. އެ ރަށްތަކުގައި މީހުން އުޅެގެން ނުވާނެ ކަމަށާއި އުޅެން ޖެހޭނީ "ކަނޑު ދޫނި އެކަނި" ކަމަށް އޮތީ އެއްބަސްވެފަ އެވެ. ރަށްތަކުން މީހުން ހުސްކުރުމަށް ފަހު އިނގިރޭސި ވިލާތުން ފޯޅަވަހި އެމެރިކާ އަށް ކުއްޔަށް ދިން ގޮތަށް އަދިވެސް އެތަން ބޭނުންކުރަމުން އަންނަނީ އެމެރިކާއިންނެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އިނގިރޭސި ވިލާތުން ވަނީ ފޯޅަވަހި އެމެރިކާ އަށް ކުއްޔަށް ދީފައިވާ މުއްދަތު 2036 ވަނަ އަހަރާ ހަމަޔަށް އިތުރުކޮށްފަ އެވެ.