Roadha Mihaaru

1948 ގެ އެއްބަސްވުމުން ހާސިލްވީ ކޮން ކަމެއް؟

ޑިސެމްބަރު 15، 1887 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައިރު، އަވަށްޓެރި ސިލޯން އޮތީ އިނގިރޭސީންގެ އަޅުވެތިކަމުގަ އެވެ. އެހެންކަމުން، އިނގިރޭސީންގެ ފަރާތުން ރާއްޖޭގެ ކަންކަން ހަމަޖައްސަވަމުން ގެންދެވީ، ސިލޯނުގައި އިނގިރޭސި ދައުލަތް ތަމްސީލް ކުރައްވަމުން ގެންދެވި ގަވަރުނަރު އަރްތޫރް ހެމިލްޓަން-ގޯޑޮން އެވެ. އޭގެ ސަބަބުން އިނގިރޭސީންނަށް ރާއްޖޭން ދައްކަމުން ދިޔަ ޖިޒީ ވެސް ފޮނުވަމުން ގެންދިޔައީ ސިލޯނުގެ ގަވަރުނަރުގެ އަރިހަށެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ސިލޯނުގެ ބައެއް މީހުންގެ ނަޒަރުގައި ރާއްޖެ އަކީ އެ ގައުމުގެ ނުސީދާ ކޮލޮނީއެކެވެ.

1948 ގެ އެއްބަސްވުމުން ހާސިލްވީ ކޮން ކަމެއް؟
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

26 ޖުލައި 2025

ޑިސެމްބަރު 15، 1887 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައިރު، އަވަށްޓެރި ސިލޯން އޮތީ އިނގިރޭސީންގެ އަޅުވެތިކަމުގަ އެވެ. އެހެންކަމުން، އިނގިރޭސީންގެ ފަރާތުން ރާއްޖޭގެ ކަންކަން ހަމަޖައްސަވަމުން ގެންދެވީ، ސިލޯނުގައި އިނގިރޭސި ދައުލަތް ތަމްސީލް ކުރައްވަމުން ގެންދެވި ގަވަރުނަރު އަރްތޫރް ހެމިލްޓަން-ގޯޑޮން އެވެ. އޭގެ ސަބަބުން އިނގިރޭސީންނަށް ރާއްޖޭން ދައްކަމުން ދިޔަ ޖިޒީ ވެސް ފޮނުވަމުން ގެންދިޔައީ ސިލޯނުގެ ގަވަރުނަރުގެ އަރިހަށެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ސިލޯނުގެ ބައެއް މީހުންގެ ނަޒަރުގައި ރާއްޖެ އަކީ އެ ގައުމުގެ ނުސީދާ ކޮލޮނީއެކެވެ.

މިދިޔަ ގަރުނުގެ މެދުބަޔަށް އެޅުނުއިރު، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމުގެ ރޫހެއް ސިލޯނުގައި އުފެދިގެން ދިޔައިރު، އެ ގައުމުގެ ބައެއްގެ ގޮތުގައި ރާއްޖެ ހިމެނުމުގެ ވާހަކަތަކެއް ދެއްކެވެން ފެށުނެވެ. އެހެނީ، ރާއްޖޭން އޭރު ވެސް ދިޔައީ، ސިލޯނުގެ ގަވަރުނަރަށް ޖިޒީ ދައްކަމުން ކަމަށް ވާތީވެ އެވެ. މި ސަބަބާ ހުރެ، އޭރު ދިވެހި ދައުލަތުގައި ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން، ހާއްސަކޮށް ދާހިލީ ވަޒީރު މުހައްމަދު އަމީން ދީދީ އަށް ވިސްނިވަޑައިގަތީ، އެ ޖިޒީ ކަނޑާނުލައިފި، ނަމަ ހަގީގަތަށް ވެސް، ސިލޯނުގެ ދަށަށް ރާއްޖެ ގޮސްދާނެ ކަމަށެވެ.

އެހެންކަމުން، އަމީން ހުށަހެޅުއްވީ، ސިލޯނުގެ ގަވަރުނަރުގެ ސިޓީއެއްގެ މައްޗަށް ރާއްޖެ އަށް އިނގިރޭސީން ދީފައި އޮތް ހިމާޔަތް، ސީދާ އިނގިރޭސި ދައުލަތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ މައްޗަށް ބަދަލުކުރާށެވެ. އެކަން އެހެން ވެއްޖެ ނަމަ ސިލޯނަށް، ރާއްޖޭގެ މައްޗަށް ދައުވާ ކުރެވޭ ފުރުސަތެއް ނުލިބޭނެ ކަމަށް އަމީނަށް ގަބޫލުކުރެއްވުނެވެ. އެ މަނިކުފާނު، އެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، އޮކްޓޫބަރު 21، 1947 ގައި ސިލޯނުގެ ގަވަރުނަރާ އެކު ކޮޅުނބުގެ ކުއީންސް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

އަމީން ވިދާޅުވީ ކަމަށް، ތާރީހީ ލިޔުންތަކުގައި ވަނީ، ރާއްޖޭން ސިޔާސީ ގުޅުން ގުޅިފައި އޮތުމަށް އެދެނީ ސީދާ އިނގިރޭސީންގެ މާތް ދައުލަތާ އެކު ކަމަށާއި ސިލޯނު ސަރުކާރު މެދުވެރިވެގެން ނޫން ކަމަށެވެ. "ސިންގަޅަ ގަވަރުނަރަކު އަތަށް ވެދުމުގެ ފަތްކޮޅު ގެނައުމަކީ އަޅުގަނޑުމެން ހިތް ރުހޭ ކަމަކަށް ނުވާނެކަން ކަށަވަރެވެ،"

މުހައްމަދު އަމީން ދީދީ (ކ) 1951 ވަނަ އަހަރުގެ ޖުމްހޫރީ ދަރުބާރުގައި.

މުހައްމަދު އަމީން ދީދީ (ކ) 1951 ވަނަ އަހަރުގެ ޖުމްހޫރީ ދަރުބާރުގައި.

ސުވާލަކީ، ސިލޯނުގެ އިތުރުން އިންޑިއާ އަށް ވެސް މިނިވަންކަން ލިބެން ދިޔަ އެ ދަނޑިވަޅުގައި ރާއްޖޭން ވެސް މިނިވަންކަމަށް ވަކާލާތު ނުކުރެއްވީ ކީއްވެބާވަ އެވެ؟ ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭން އެ ވަގުތު މިނިވަންކަމަށް ހިފައިފި ނަމަ އިނގިރޭސީން އެކަމާ ނުރުހި، ސިލޯނުގެ ދަށަށް ރާއްޖެ ދާން ދޫކޮށްލުމުގެ ބިރު އޮތެވެ. އެހެންކަމުން އިނގިރޭސީންނަށް އެ ދުވަސްވަރު އިސްތިރާޖީ ގޮތުން ރާއްޖޭގެ މުހިއްމުކަން ބޮޑުވުމުގެ ފައިދާ ނަގައި، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް އެއްބަސްވުމެއްގެ ދަށުން ގޮސް، ސިލޯނުގެ ލޯތަކުން ސަލާމަތްވުން ރާއްޖެ އަށް މާ މުހިއްމުކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަތީ އެވެ.

މިކަމުގައި އަމީން އެންމެ ފުރަތަމަ މަޝްވަރާ ކުރެއްވީ އޭރު މިސްރުގައި ދިރިއުޅުއްވަމުން ގެންދެވި، ރާއްޖޭގެ ރަދުން އަދި އަމީނުގެ ބޮޑުބޭބޭފުޅު އަބްދުލްމަޖީދު ރަންބަނޑޭރިކިލެގެފާނާ އެވެ. އެކަމުގައި އަމީނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމުގެ ހުއްދަ ރަންބަނޑޭރިކިލެގެފާނު ދެއްވުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. މަޖިލީހުން ނިންމީ "ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ސަރަހައްދަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅިގެން ރާއްޖެ އާއި އިނގިރޭސީންނާ ދެމެދު އޮތް މުއާހަދާ އާކުރަން ފެންނަ" ކަމަށެވެ. އަދި އެކަމުގައި ސިލޯނުގެ ގަވަރުނަރާ މަޝްވަރާކުރެއްވުމުގެ މަސައްކަތް އަމީންއާ ހަވާލުކުރައްވަން ވެސް މަޖިލީހުން ނިންމި އެވެ.

"އާދޭހޭވެ! އަޅުގަނޑަށް ލިބުނީ ވަރަށް ވެސް އެކަށީގެންވާ ފުރުސަތެކެވެ. އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގެ ގުޅުން އާ މިސްރާބަކަށް ބަދަލުކޮށްލުމުގެ ކުރީގައި، މައްސަލައާއިގެން ނުރަސްމީ ގޮތެއްގައި އަޅުގަނޑު ހަރަކާތްތެރިވާން ފަށައިގެންފީމެވެ،" އަމީން ލިޔުއްވާފައިުވެ އެވެ.

މި މަސައްކަތުގައި އަމީން ވަނީ އޭރު ސިލޯން ސަރުކާރު ހިންގުމުގެ ވެރިއަކަށް ހުންނެވި ޗީފް ސެކްރެޓަރީ ޗާލްސް ކޮލިންސްއާ އޮތް ގާތް ގުޅުމުގެ ބޭނުން ހިއްޕަވައިފަ އެވެ. އަދި އޭނާ އަށް ނުރަސްމީ ސިޓީއެއް ފޮނުއްވައި، ސިލޯން ގަވަރުނަރު ޗުއްޓީއެއްގައި ލަންޑަނަށް ވަޑައިގެން ހުންނެވި ހުންނެވުމެއްގައި، އެއްބަސްވުމާ މެދު އިނގިރޭސި ދައުލަތުގެ ވެރީންގެ ހިޔާލު ނުރަސްމީ ގޮތެއްގައި ހޯއްދެއްވި އެވެ. އެ ސިޓީތަކުން އަމީނަށް އެނގިވަޑައިގެންނެވީ އިނގިރޭސީން ތިބީ ދިވެހި ދައުލަތުން އެދިއްޖެ ނަމަ އެގްރިމެންޓް އާކުރުމާ މެދު ވިސްނުމަށް ތައްޔާރަށް ކަމަށެވެ.

އަމީން ސިލޯނުގައި ހުންނެވުމުން ވަޒީރުއްދާހިލިއްޔާގެ ގާއިމް މަގާމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް ސިޓީއެއް ފޮނުއްވައި، ވަލީ ކޮމިޓީގެ ފަރާތުން ސިލޯން ގަވަރުނަރަށް ރަސްމީކޮށް އެކަން ހުށަހެޅުއްވެވި އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ރާއްޖޭގައި.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ރާއްޖޭގައި.

އެއާ އެކު ރަސްމީ ވާހަކަތައް ފެށުނެވެ. އެންމެ ފުރަތަމަ މަޝްވަރާ އޮތީ ކޮޅުނބުގެ ކުއީންސް ހައުސްގަ އެވެ. އަދި ގަވަރުނަރުގެ ގެކޮޅުގައި ވެސް ބައްދަލުވުންތައް އޮތެވެ. އެއްބަސްވުމަކަށް އާދެވުނީ، މާޗު 23، 1948 ގައި، ސިލޯނުގެ ނޫރައްލިޔާގައި ހުންނަ ގަވަރުނަރުގެ ގެކޮޅުގައި އޮތް ބައްދަލުވުމެއްގަ އެވެ. އެ ހިސާބުން އެއްބަސްވުމަށް އިނގިރޭސި ދައުލަތުގެ ރުހުން ހޯދުމަށް ލަންޑަނަށް ދެލިކޮޕީ ފޮނުވި އެވެ. އެ އެއްބަސްވުމަކަށް އިނގިރޭސީން ގެންނަން ބޭނުންވި ބައެއް ބަދަލުތަކާ އެކު، ފަހު ދެލިކޮޕީ މާޗުމަހުގެ ފަހުކޮޅު ލިބުނެވެ.

ކަންދިމާވި ގޮތުން އެއްބަސްވުން ސޮއިކުރަން ތައްޔާރުވިއިރު ސިލޯނަށް މިނިވަންކަން ލިބިއްޖެ އެވެ. އެހެންވެ އެއްބަސްވުމުގެ ކަންތަކުގައި ދެން އުޅުއްވީ ސިލޯނަށް އިނގިރޭސިން ފޮނުއްވާފައި ހުރި ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަން އެވެ.

އެއްބަސްވުން ދެން ފޮނުވީ ރައްޔިތުންގެ މަޖިލީހަށެވެ. އެތަނުން، އެއްބަސްވުމަށް ރުހުން ދިނެވެ. އަދި ރަދުންގެ ބަދަލުގައި އެއްބަސްވުމުގައި ސޮއިކުރައްވާނެ ބޭފުޅުންގެ ގޮތުގައި ކަނޑައެޅީ ވަލީ ކޮމިޓީގެ ދެ މެމްބަރުން ކަމަށްވާ އަމީނާއި އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ ދެދޮރާށި ދޭތެރޭގައި އޮތް ހާއްސަ ދަރުބާރެއްގަ އެވެ. މި ރަސްމިއްޔާތަށް، މިސްރުގައި ހުންނެވި ރަންނަބަނޑޭރިކިލެގެފާނު ވެސް ވަޑައިގަތެވެ. ހުސެއިން ސަލާހުއްދީނުގެ ސަލަވާތުން ފެށި ދަރުބާރުގައި ކިލެގެފާނު ދިވެހި ބަހުން ހިތާބެއް ވެސް ދެއްވެވި އެވެ. އެ ހިތާބުގައި ކިލެގެފާނު އެދިވަޑައިގަތީ މި ލިބުނު ހުއްރިއްޔަތަކީ ހަގީގީ ހުއްރިއްޔަތެއް ކަމަށް ހެދުމަށް މަސައްކަތް ކުރުމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ދިވެހީން ފާހަގަކުރީ މިނިވަންކަން ލިބުން ފަދަ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ފުރިހަމަ މިނިވަންކަމެއް ނޫނެވެ. އިނގިރޭސީން ދިން އެންމެ ބޮޑު މިނިވަންކަމަކީ ރާއްޖޭގެ އެތެރޭގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު ދައުލަތަށް ދިނުމެވެ. ނަމަވެސް، ކުރީގެ އެއްބަސްވުމުގައި ވެސް ވާ ގޮތަށް، މި ފަހަރުގެ އެއްބަސްވުމުގެ ދަށުން ވެސް ރާއްޖޭގެ ހާރިޖީ ކަންކަމާއި އަސްކަރީ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮތީ އިނގިރޭސީންނަށެވެ.

ނަމަވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއަކީ، ރާއްޖޭން، ސިލޯން ގަވަރުނަރަށް ދައްކަމުން ދިޔަ ޖިޒީ ކަނޑާލެވުމެވެ. އަދި ދާހިލީ މިނިވަންކަމާ އެކު، ރާއްޖެ އަށް އަމިއްލަވަންތަކަމެއް ލިބުމެވެ. ސިލޯނާއި، އިންޑިއާގައި އުފެދުނު މިނިވަން ދައުލަތުގެ ރާޅުގައި ރާއްޖެ ދަށުނުވެ ސަލާމަތްވުމެވެ. އަދި ޖުލައި 26، 1965 ގައި އިނގިރޭސީންގެ އަތުން އިބްރާހީމް ނާސިރު ހޯއްދަވައިދެއްވި މިނިވަންކަމަށް، އެޅި ފުރަތަމަ ފިޔަވަޅަކީ ވެސް 1948ގެ އެއްބަސްވުން ކަމަށް ގަބޫލުކުރެވުނެވެ.