20 ޖުލައި 2024
ރައީސްގެ ހައިސިއްޔަތުން، އަދި އޭގެ ކުރިން އިސް ވަޒީރެއްގެ ގޮތުން މުހައްމަދު އަމީން ދީދީ ދިވެހިރާއްޖޭގެ ވެރިކަން ހިންގެވި ދުވަސްވަރު އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމެވެ. އެ މަނިކުފާނުންގެ ސިޔާސީ އައިޑެންޓިޓީ ބިނާވެފައި އޮތީ ވެސް ހުއްބުލްވަތަން ނުވަަތަ ވަޒަން ދެކެ ލޯބިވުމުގެ މައްޗަށެވެ. އެފަދަ ލޯތްބެއް ހިތުގައި ނެތް މީހާ އަކީ ބާކީ މީހެއްގެ އިހުސާސްކުރެވޭ ވަރަށް އެ ރޫހު ދިރުއްވެވި އެވެ.
ރައީސްގެ ހައިސިއްޔަތުން، އަދި އޭގެ ކުރިން އިސް ވަޒީރެއްގެ ގޮތުން މުހައްމަދު އަމީން ދީދީ ދިވެހިރާއްޖޭގެ ވެރިކަން ހިންގެވި ދުވަސްވަރު އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމެވެ. އެ މަނިކުފާނުންގެ ސިޔާސީ އައިޑެންޓިޓީ ބިނާވެފައި އޮތީ ވެސް ހުއްބުލްވަތަން ނުވަަތަ ވަޒަން ދެކެ ލޯބިވުމުގެ މައްޗަށެވެ. އެފަދަ ލޯތްބެއް ހިތުގައި ނެތް މީހާ އަކީ ބާކީ މީހެއްގެ އިހުސާސްކުރެވޭ ވަރަށް އެ ރޫހު ދިރުއްވެވި އެވެ.
ގައުމިއްޔަތުގެ ޝިއާރު ބޭނުން ކުރައްވައިގެން އެ މަނިކުފާނު ކުރެއްވި ކަމަކީ އެއްބައެއްވަންތަކަމުގެ ވިސްނުން ހިއްސާކުރާ ރައްޔިތަކު ދިރިއުޅޭ ގައުމެއް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށް ބުނެވިދާނެ އެވެ. ގައުމު ދެކެ ލޯބިވުމަކީ "އަހަރެމެން"ނާއި، "އެ މީހުން" ގެ ވާދަވެރިކަމެއް އުފައްދައި، އޭގެ ބޭނުން ހިއްޕަވައިގެން އަމީނަށް ވަފާތެރި ރައްޔިތުންތަކެއް އުފެއްދެވުމަށް ސިޔާސީ ގޮތުން ކުރެއްވި ކަމެއް ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ.
ސުވާލަކީ އަމީނުގެ ހިތްޕުޅުގައި ގައުމީ ލޯބި އުފެދުނީ ކިހިނެއް ބާވަ އެވެ؟ އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އަތިރީއާގޭ ފެންޑާގައި ބައްޕަ އަހުމަދު ދޮށިމޭނާ ކިލެގެފާނާއި ތިއްތިބޭބެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި މީރުބަހުރު އިސްމާއީލް ދީދީ ދައްކަވާ ހަނގުރާމައިގެ ވާހަކަތަކަށް ސިއްރު ސިއްރުން އަމީން ދެއްވި ކަންފަތުގެ ތެރެއިން ސިކުނޑީގައި ހަރުލި ލޯތްބެއް ބާވަ އެވެ؟ ނުވަތަ އެއީ އެ ހަނގުރާމައިގައި ދިވެހި ދައުލަތުން އިނގިރޭސި ވިލާތަށް ދިން އެހީގެ އަގުވަޒަންކޮށް، ރަދުން މުހައްމަދު ޝަމްސުއްދީނަށް ކޭސީއެމްޖީގެ މަތިވެރި އިއްޒަތް ދެއްވުމަށް ވަޑައިގެންނެވި އިނގިރޭސި ދައުލަތުގެ އިސްވެރިންނާ އެކު، ކާފަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބޭއްވެވި ބައްދަލުވުމަށް އަމީން މަނަވަރަށް ވަޑައިގެން އުޅުއްވިއިރު ހިތްޕުޅުގައި އާލާވި ލޯތްބެއް ބާވަ އެވެ؟
ރާއްޖޭގެ މި ޒަމާނުގެ ތަރައްގީ އާއި ތަހުޒީބުގެ އެއް ބާނީގެ ހިތްޕުޅުގައި އެ ލޯބި އުފެދުނީ، މި ރާއްޖެއާ އެތައް ހާސް މޭލެއް ދުރުގައި ހުންނެވި އިރެއްގަ އެވެ. އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އޭރު އޮތް އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު އެވެ. ސިލޯނުން ކިޔަވައި ވިދާޅުވުމަށް ފަހު، އިންޑިއާގެ ލަކަނޫ އަށް ވަޑައިގެން، އެ ރަށުގައި އަލްއަމީރު މާރަންދޫ ގަނޑުވަރު ތުއްތުމަނިއްޕުޅާއި އެ މަނިއްޕުޅުގެ އާއިލާ ދިރިއުޅުއްވާ ލާލްބާގް 8 ނަމްބަރު ގޭގައި "ދިވެހިޖައްވެއްގެ ތެރެއަށް ނޭވާލުމުގެ ހިތްގައިމު ކަމާއި ހަމަޖެހުން ހޯއްދެއްވުމަށް ފަހު" އަލީގަޅަށް ވަޑައިގެން އެ ތަނުގެ ބީރައްޓެހި މާހައުލުގައި ހުންނެވި ހުންނެވުމުގަ އެވެ.
އަމީން (ކ) މައިކަލް ޑި ސިލްވާ އަށް ޓްރޮފީއެއް ދެއްވަނީ.
މުޅި ދުނިޔެ އަށް މަޝްހޫރު އެ ޔުނިވާސިޓީގެ ކޮލެޖުން އުރުދޫ ބަސް ދަސްކުރައްވައި، ލަންޑަން މެޓްރިކިއުލޭޝަން އިމްތިހާނުންނާއި އިންޓަ ސައިންސް ކްލާހުގެ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވި ނަމަވެސް އެއީ ސިލޯނުގައި ކިޔަވައި ވިދާޅުވިއިރު ކޮޅުނބާއި ޕާނަންދުރާގައި ހޭދަކުރެއްވި ފަދަ އުފާވެރި ދުވަސްތަކެއް ނޫނެވެ. ކޯރުގައި ދޯނި ދުއްވުމާއި ބައިސްކޯފުގެ އަށް ދިއުން ފަދަ ކަމެއް ނެތެވެ. އެކަމަކު އަމީން ލިޔުއްވި ގޮތުގައި އެއީ އާ ތަޖުރިބާތަކާއި އިތުރު މައުލޫމާތުތަކުންނާއި ފުން ޝުއޫރުތަކުންނާއި އަގު ހުރި ދަރުސްތަކުން ފުރިގެންވީ ދުވަސްވަރެކެވެ.
"އަޅުގަނޑު ހިތުން މިވެނި ޝުއޫރެއް އިންސާނެއްގެ ހިތުގައި ފުރަތަމަ އުފެދޭން ފެށި ދުވަސްވަރަކާއި ދިމާލަށް އިނގިލި ދިއްކުޅައުމަކީ، އާއްމު ގަވާއިދެއްގެ މަތީން އުނދަގޫ ކަމެކެވެ. އެކަމަކު.... މިހާރު ވިއްސަކަށް އަހަރު ވެއަތުވެ ދިއުމަށް ފަހު، އަޅުގަނޑު އެއިރުގެ ހަޔާތަށް ތަހުލީލީ ދުރުމީއެއް އަޅާއިރު..... އާދެ! އަޅުގަނޑުގައި ހުރި ނަމަ ހުރި، ހުއްބުލްވަތަންގެ ރޫހަށް ފުރަތަމަ ޣިޒާއެއް ލިބޭންފެއްޓީ އެދުވަސްވަރުގައި ނޫންބާވައޭ، ހީވަނީއަކީ ނޫނެވެ. ހަމަމުޅީން ޔަގީނެވެ،"
އަމީން ލިޔުއްވި ގޮތުގައި އެ މަނިކުފާނުގެ ކިބައިގައި އޭގެ ކުރީގައި ފޮރުވިފައި ހުރި ހުއްބުލްވަތަންގެ ރޫހަށް ހޭލެއްވެން ފެއްޓީ އަދި ވަޒަންދެކެ ލޯބިވުމަކީ ރީތިކަމެއް ކަމަށް ހީފުޅުވާން ފެށީ އެ ދުވަސްވަރު އެވެ. އޭގެ ސަބަބަކީ، އެއީ އިނގިރޭސީންގެ އަތްދަށުން މިނިވަންވެ، ވަކިވަކި ރާއްޖެތަކެއްގެ ގޮތުގައި އޮތް އިންޑިއާ އެކީ އެކަށް ގައުމެއްގެ ގޮތުގައި އެކުލަވައިލުމުގެ މަސައްކަތް މުޅި އެ ގައުމުގައި ހާއްސަކޮށް، އަޅީގަޅު ޔުނިވާސިޓީ ފަދަ އިލްމީ މަރުކަޒުތަކުގައި ކުރަމުން އޭރު ކުރަމުން ދިއުމެވެ. އަމީން ލިޔުއްވާފައިވާ ގޮތުގައި އަލީގަޅު ޔުނިވާސިޓީން އެ މަނިކުފާނަށް ފެނިވަޑައިގަތީ އެކި ސިފަސިފައިގައި ގައުމަށްޓަކައި ގުރުބާންވާ، އަގު ހުރި ދަރީންނެވެ. އިވެމުން ދިޔައީ ގައުމީ އަސަރުން ފުރިގެންވާ ތަގުރީރުތަކެވެ.
"އިންޑިއާގައި އަޅުގަނޑު އުޅުނީ ސިޔާސީ ޖައްވެއްގެ ތެރެއެއްގައެއް ނޫނެވެ. ތައުލީމީ ޖައްވެއްގެ ތެރޭގަ އެވެ. ނަމަވެސް އެފަދަ އަސަރުގަދަ މަންޒަރުތަކާއި އަޑުތަކުން އަޅުގަނޑުމެން ވަނީ މަހުރޫމްވެފައެއް ނޫނެވެ. އަލީގަޅު ޔުނިވާސިޓީގެ އަދަބީ ޖަމްއިއްޔާގެ މަސްރަހުގެ މަތީން ތަގުރީރު ދެއްވަމުން ގެންދަވާ ބޭކަލުންގެ ލިސްޓުގައި އެންމެ ގިނައިން ލިއެވެމުންދަނީ ސިޔާސީ މުހައްނިކުންގެ ނަންތަކެވެ،"
އެ ޔުނިވާސިޓީގައި ތަގުރީރު ދެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ފްރީޑަމް މޫވްމަންޓުގެ އެންމެ އިސް ހަރަކާތްތެރިޔާ އަަދި ހައްލު ހޯދުމަށް ސުލްހައިގެ މަގު ހިޔާރުކުރައްވައި މުޅި ދުނިޔެ އަށް މިސާލު ދެއްކެވި މަހާތުމާ ގާންދީ ހިމެނުނެވެ. ދެން ހިމެނިވަޑައިގަތް ބޭފުޅަކީ އިންޑިއަން ނެޝަނަލް ކޮންގްރެސްއާ އެކު، އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި އޯލް އިންޑިއާ މުސްލިމް ލީގުގެ ލީޑަރު އަދި މިނިވަންކަން ލިބުމާ އެކު، މުސްލިމުންނަށް ޕާކިސްތާނުގެ ނަމުގައި ވަކި ދައުލެއް އުފައްދައިދިން އެ ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހު އެވެ. މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ބައްޕާފުޅު މޯތީ ލާލް ނެހުރޫ އާއި މިނިވަން އިންޑިއާގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރު މައުލާހާ އަބްދުލްކަލާމް އާޒާދު ފަދަ ބޭކަލުން ވެސް އަސަރު ހުރި ތަގުރީރުތައް ދެއްވި އެވެ.
މަހާތުމާ ގާންދީ އަލީގަޅު ޔުނިވާސިޓީގައި ތަގުރީރުކުރައްވަނީ.
ނަމަވެސް އަމީނުގެ ހިތްޕުޅަށް އެންމެ ބޮޑު އަސަރެއް ކުރުވީ، އިންޑިއާގެ މިނިވަންކަމަށާއި އިޖުތިމާއީ ހަމަހަމަކަމަށް ވަކާލާތުކުރުމުގައި މުޅި ދުނިޔޭގައި ވެސް އޭރު ފާހަގަކޮށްލެވުނު އިނގިރޭސިއެއް ކަމަށްވާ ޑރ. އެނީ ބެސަންޓް އެވެ. އަލީގަޅު ޔުނިވާސިޓީގެ އަދަބީ ޖަމިއްޔާ އިން އިންތިޒާމުކުރި އެއްވުމެއްގައި ޑރ. ބެސެންޓް ވާހަކަ ދެއްކެވި އަޑު އަމީން އެންމެ ފުރަތަމަ އެެއްސެވިއިރު އެ ކަމަނާ ވަނީ އުމުރުންދުވަސްވެ، ގައިބާރު ދެރަވެފަ އެވެ. ތަގުރީރު ދެއްވީ ވެސް ތުރުރުއަޅާ ހާލުގައި ހުންނަވައި މޭޒެއްގެ މައްޗަށް އަރުއްވައިގެންނެވެ.
"މޭޒުގެ މައްޗަށް ހިންދެމިލެއްވުމާ އެކު ވާހަކަފުޅު ދައްކަވާން ފައްޓަވައިގަތުމުން މުޅި ތަނަށް އާއްމުވެގެން ދިޔައީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. އަޅުގަނޑުމެން ހުރިހައި ތާލިބުން ކުރާން ފެށީ މަތިވެރި އަސަރުތަކުގެ ތެރެއިން އެންމެ މަތިވެރި އަސަރުތަކެވެ. އޭނާގެ އަގަފުޅުން އޮހެމުންދިޔައީ، އެންމެ ފުރިހަމަ ލަހުޖާއަކުން އޮހެމުންދިޔަ އިހުލާސްތެރި ތެދުވެރި އަސަރުގަދަ ބަސްފުޅުތަކެވެ،"
އަމިއްލަ ގައުމުގެ އިސްތިއުމަރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކު ކަމުގައި ތާރީހުގައި ލިޔެވިފައިވާ ޑރ. ބެސަންޓް، ގައުމަށްޓަކައި ހިތްމަތް ކުރަމުން ގެންދިއުމަށާއި ނިކަމެތި ފަގީރުންގެ ހާލު އަހުވާލު ބެލުންމަތީގައި ދެމިތިބުމަށް ގޮވާލައި ދެއްވި ތަގުރީރުން ހިތަށް ދާއިމީ އަސަރެއް ނުކުރާނީ އަމީން ލިޔުއްވި ގޮތުގައި އަސަރު ކުރުމުގެ ހިއްސުތަކުން މަހުރޫމް ވެފައިވާ ހިތަކަށެވެ.
އެ އަސަރުތަކާ އެކު، އަމީން އެނބުރި ރާއްޖެ ވަޑައިގެން ވަރަށް ޒުވާން އުމުރުފުޅެއްގައި ގައުމަށް ހިދުމަތް ކުރައްވަން ފެށްޓެވި އެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތްޕުޅު ކުރެއްވި އެވެ. އެކިއެކި ވުޒާރާތައް ހިންގެވުމުގެ މަސްއޫލިއްޔަތު އުފުލެއްވި އެވެ. އެގޮތުގައި ވަޑައިގެން އިސް ވަޒީރެއްގެ ގޮތުން ގައުމު ހިންގުމުގެ ޒިންމާ ލިބިވަޑައިގަތުމުން ގައުމިއްޔަތު އާލާކުރެއްވުމުގެ މަޝްރޫއެއް ހިންގެވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ގައުމީ ސަލާމާއި މުޅިން އާ ދައުލަތުގެ ނިޝާން ތައާރަފު ކުރެއްވުމެއްވުމެވެ. އަނެއް ކަމަކީ ގައުމީ ދުވަހެއް ކަނޑައަޅައި ފާހަގަކުރައްވަން ފެއްޓެވުމެވެ. އެއީ އަމީން ލިޔުއްވި ގޮތުގައި އެެ މަނިކުފާނުގެ ހިތްޕުޅުގައި ގައުމާ މެދު އާލާވެފައި އޮތް މަތިވެރި ޝުއޫރުތަކަށް އަމަލީ ސިފައެއް ގެންނާނެ ދުވަހެއް އުފެއްދުމުގެ ބޭނުންފުޅުގައި ކުރެއްވި ކަމެކެވެ. ގައުމީ ދުވަހުގެ ގޮތުގައި އަމީން ކަނޑައެޅުއްވީ ޕޯޗުގީޒުންގެ އަޅުވެރިކަމުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަސް ކަމަށްވާ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
"މާޒީގެ އަބްތާލުންގެ މައްޗަށް އަޅުގަނޑުގެ ހިތުގައި ގިނަވަމުން ދިޔައީ، ސަރީހަ ތައުރީފަކާއި، މަތިވެރި ގަދަރެކެވެ. ތެދުވެރި ލޯތްބަކާއި މާތް އިހްތިރާމެކެވެ. އަޅުގަނޑަށް އިހްސާން ކުރެވެމުން ދިޔައީ އަޅުގަނޑުމެންގެ އުންމަތަށްޓަކައި އެފަދަ އަބްތާލުން ކުރެއްވި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭން ފެއްޓީ.....ނޫން، އިހަށް ވެސް އަޅުގަނޑުގެ ހިތުގެ އަޑީގައި އުފެދިފައިވާ، ހުއްބުލްވަތަނަށް ލިބޭން ފެށީ އައު ބާރަކާއި އައު ތާޒާކަމެކެވެ. އަޅުގަނޑުގެ ނާރުތަކުގެ ތެރޭގައި، ލެއި ހިނގާން ފެއްޓީ، އާދައާހިލާފު ބާރަކާއި އަދި ޖޯޝަކާ އެކުގަ އެވެ. އާދޭހެވެ! އަޅުގަނޑު ފަހުރުވެރިވަމެވެ. ދިވެހިރާއްޖޭގައި ގައުމީ ދުވަހެއް އުފެއްދެވުމުގެ ތައުރީގުދެއްވި ކަމަށްޓަކައި، މާތްރަސްކަލާނގެ ކިބަފުޅަށް، އަޅުގަނޑު ޝުކުރުވެރިވަނީ، ނިހާޔަތުގެ ދަރަޖައަކަށެވެ،" އަމީން ލިޔުއްވި އެވެ.
އެމަނިކުފާނު ގައުމު ހިންގެވީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން މުޅި ރާއްޖެ ނިކަމެތި ހާލަތަކަށް ވެއްޓިފައި އޮތް ދުވަސްވަރެއްގަ އެވެ. އެ ދުވަސްވަރު ރަށްރަށުގެ ހާލަތު ބައްލަވަން "ކަނޑުން ފިރުކެމުން" ކުރެއްވި ދަތުރުފުޅުގައި ފެނިވަޑައިގަތީ އެ ހާލަތުގައި ވެސް ބައިބައިވުން އޮތުމުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވަމުން ދިޔަ މަންޒަރެވެ. ކަނޑުމަތީގައި ހުންނަވައި ލިޔުއްވައި، އޭރުގެ ސަރުކާރު ޚަބަރުގައި އާއްމުކުރެއްވި އިލްތިމާސުގައި ވެސް އެދިވަޑައިގަތީ މި ހާލަތުގައި އެއްބައެއްގެ ގޮތުގައި ވިސްނުން ބެހެއްޓުމަށެވެ. އެ ދަތުރުފުޅަށް ފަހު، އެ މަނިކުފާނު ވަނީ އަދަބިއްޔާތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން، ގައުމީ ލޯބި އާލާކުރެއްވުމުގެ މަސައްކަތް ކުރައްވައިފަ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ވަތަނުގެ ދަރީންނަށް އިލްތިމާސެއް" ނަމުގައި ހެއްދެވި ޅެމެވެ. ކަންދިމާކުރި ގޮތުން އެ ޅެމުގެ ފަހަތުގައި ވެސް އޮތީ އިންޑިއާގެ މިނިވަންކަމަށް އެ ގައުމުގެ ޒުވާނުން ކުރި މަސައްކަތެވެ. އެއީ އިންޑިއާގެ ފްރީޑަމް މޫވްމަންޓުގެ ޒުވާނެއްގެ ހަޔާތަށް ބިނާކޮށް އެ ގައުމުގައި 1948 ގައި އުފެއްދި "ޝަހީދު" ފިލްމުގެ "ވަތަންކެ ރާހްމޭ ވަތަންކެ ނޯޖަވާން ޝަހީދުހޭ" ލަވައިން އަމީނަށް ކުރެއްވުނު އިހުސާސެކެވެ.
އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން "ހަވީރު" އަށް ވިދާޅުވެފައި ވަނީ ބައްޕާފުޅު އެ ލަވަ ހެއްދެވީ އިންޑިއާގެ ބައިސްކޯފުގެއެއްގައި، ދިލިޕް ކުމާރުގެ އެ ފިލްމު ބެއްލެވުމަށް ފަހު، އެނބުރި ގެޔަށް ވަޑައިގެން އެންމެ ފަސް މިނެޓުގެ ތެރޭގައި ކަމަށެވެ.
"ސިނަމާގައި އިންނެވިއިރު ވެސް ހިތްޕުޅުގައި ޅެމުގެ އެމުނިއެކުލެވުން މުޅިން ތަރުތީބުކުރައްވާފައިވާހެން ހީވޭ،" އަމީނާ ވިދާޅުވެފައިވެ އެވެ.
މުހައްމަދު ރަފީއު ވިދާޅުވެފައިވާ އެ ލަވައައަކީ ގައުމަށްޓަކައި ގުރުބާންވާ ޒުވާނުންގެ އަގުވަޒަންކޮށް، އެ މަގުގައި ކުރިއަށް ދިއުމަށް ޒުވާނުންނަށް ހިތްވަރުދޭ ލަވަ އެކެވެ. އަމީން، ހެއްދެވި ޅެމުގައި އެދެނީ ހިތުގެ އަޑިން އަޒުމްތަކެއް ކަނޑައަޅައި، އިހުގެ ބަތަލުން ފަދައިން ގައުމަށްޓަކައި ޝަހީދުވާން ކެރޭށެވެ. އަދި ފަސާދައަށް ތަން ނުދީ، ޒުވާނުން އެކުގައި މަސައްކަތްކޮށް އެންމެންނަށް އެކީ ދަތި އުނދަގުލުން ސަލާމަތްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
މި ޅެން ހެއްދެވި ދުވަސްވަރަކީ، އިނގިރޭސިންނާ އެކު އަމީން އިސްވެ ހުންނަވައި ދާހިލީ މިނިވަންކަމުގެ އެއްބަސްވުން ރާއްޖޭން ސޮއިކުރެއްވި ދުވަސްވަރެވެ. އެ އެއްބަސްވުން ނުހެދުނު ނަމަ އިނގިރޭސިންގެ އަތުން ސިލޯން މިނިވަންވާ އިރު، ރާއްޖެ އެ ގައުމުގެ ބަޔަކަށް ވުމުގެ ފުރުސަތު އޮތުމުން، މިއީ އެ ދުވަސްވަރު އަމީނުގެ ހިތްޕުޅުގައި އޮތް މިނިވަން ރާއްޖެއެއްގެ އިހުސާސް ފާޅުވާ ޅެމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުން ލަވައަކަށް ރެކޯޑް ކުރި، އެ ޅެން މިއަދުގެ ޖީލަށް އެންމެ ބޮޑަށް އެނގެނީ ރާއްޖޭގެ ސިޔާސީ އިސްލާހީ ބަދަލުތައް ރަމްޒުކޮށްދޭ ލަވައެއްގެ ގޮތުގަ އެވެ. އޭގެ ސަބަބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީ އިއްތިހާދުން އެ ލަވައިގެ ނަމާއި އެ ލަވަ ބޭނުންކުރުމެވެ. ޖުމްލަ ވޯޓަށް ބަލާއިރު ފުރަތަމަ ބުރުން ގިނަ ވޯޓު ލިބުނީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ނުކުންނެވި ކެންޑިޑޭޓުންނަށް ކަމަށް ވުމުން، ވަތަން އެދެނީ ބަދަލަކަށް ކަމަށް ބުނެ އެ ހުރިހާ ކެންޑިޑޭޓުން އެކުވެ "ވަތަން އެެދޭ ގޮތަށް" ކެމްޕެއިން ލޯންޗުކުރީ އެވެ. އެ ކެމްޕެއިނުގެ ތީމު ލަވައަކީ ވެސް އެ ލަވަ އެވެ.
އެ އިންތިހާބުގެ ފަހުންނާއި އޭގެ ކުރީގައި ވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން، އަމީން ފަދައިން ގައުމިއްޔަތު "ސިޔާސީ" އައިޑެންޓިޓީއަކަށް ބޭނުންކުރެއްވި އެވެ. ނަމަވެސް، ޅެންވެރިޔާ ޑޭޒީމާ އައިމިނަތު ފާއިޒާ ވިދާޅުވެފައިވާ ފަދައިން ގައުމިއްޔަތާއި ވަތަނިއްޔަތު ވާކަން ސާބިތުކޮށްދެއްވައި، ގައުމީ ލޯތްބަށް ދިވެހިން ހޭލެއްވީ އަމީނެވެ. އެ ލޯބި އެ މަނިކުފާނުގެ ހިތްޕުޅުގައި ކަނޑައި ނެގުނީ ޔަގީނުން ވެސް ދުނިޔޭގައި މިހާތަން މިނިވަންކަމަށް ހިންގި އެންމެ ބޮޑު އެއް ހަރަކާތުންނެވެ.
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ
ހުކުރުން ފޭބި ގޮތަށް ގޮސް ވައްޓާލީ ވެރިކަން!
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް
ދިލިޕް ކުމާރާއި ރާޖް ކަޕޫރުގެ ގެ ދާރުލްއާސާރަކަށް
ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: މަރާލާ!
68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން
އިބްރާހިމްދީދީ: ބާރުވެރިކަން، އިންގިލާބު، އަރުވާލުން!
މަހާތުމާ ގާންދީގެ އައިނެއް ނީލަމަކަށް
އަމީނާ: ދިވެހި ޖިންސުއްލަތީފުންގެ "ރޫހު"