Roadha Mihaaru
މަހާތުމާ ގާންދީގެ އައިނެއް ނީލަމަކަށް

މަހާތުމާ ގާންދީގެ އައިނެއް ނީލަމެއްގައި ވިއްކާލަނީ

11 އޯގަސްޓް 2020

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާމުތާ ގާންދީގެ އައިނެއް އިނގިރޭސިވިލާތުގައި ނީލަމެއްގައި ވިއްކައިލަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާމުތާ ގާންދީގެ އައިނެއް އިނގިރޭސިވިލާތުގައި ނީލަމެއްގައި ވިއްކައިލަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 21 ގައި އީސްޓް ބްރިސްޓަލް އޮކްޝަންސް އިން ބާއްވާ ނީލަމުގައި ވިއްކައިލާ އައިނުގެ ފެށޭ އަގަކީ 19،000 ޑޮލަރެވެ. މި އައިނަކީ ރަން ކުލައިގެ ދުނިގަނޑެއް އިންނަ، ލެންސް ވަށްކޮށް އޮތް އެއްޗެކެވެ.

ތާރީހީ ވަރުގަދަ ޝަހުއްސިއްޔަތަކު ބޭނުންކުރެއްވި އައިނެއް ނީލަމެއްގައި ވިއްކައިލަން ނިންމީ ވެސް ވަރަށް އާދަޔާހިލާފު ގޮތަކަށް އައިނު ލިބުމާ ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ބްރިސްޓަލަށް ނިސްބަތްވާ އެންޑީ ސްޓޯވް ބުނި ގޮތުގައި މި އައިނު ފެނުނީ މީގެ ހަތަރު ހަފުތާއެއްހާ ދުވަސްކުރިން އޭނާ މަސައްކަތް ކުރާ ތަނުގެ ތެރޭގައި އެލުވާފައި އޮތް ލެޓާބޮކްސްއަކުންނެވެ.

އެ ނުހުޅުވާތާ އެތައް ޒަމާނަކަށް ފަހު ހުޅުވި އިރު އައިނު އޮތީ އޭގައި ތެރޭގައި އޮތް ސިޓީއުރައެއްގަ އެވެ. އަދި އެއާއެކު ނޯޓެއް ވެސް އޮތެވެ. އޭގައި ލިޔެފައި އޮތީ "މި އައިނަކީ ގާންދީގެ އައިނު ކަމަށާއި އޭތި ހަދިޔާކޮށްފައި ވަނީ އަހަރެންގެ ބޮޑުބޭބެއަށް" ކަމަށެވެ.

ނޯޓްގައި އިން ނަމްބަރަށް ގުޅައިގެން އައިނު ވިއްކި މީހާ ވެސް އެންޑީ ވަނީ ހޯދައިފަ އެވެ. އެއީ މިހާރު 80 އަހަރުން މައްޗަށް ގޮސްފައިވާ މީހެކެވެ. އެ މީހާ އެންޑީ އަށް ކިޔައިދިން ގޮތުގައި ގާންދީ ބޭނުންކުރެއްވި އައިނެއް އޭނާގެ ބޮޑުބޭބެ އަށް ލިބުނީ ދެކުނު އެފްރިކާގައި ގާންދީ އުޅުއްވި ދުވަސްވަރު ކަމަށެވެ. އައިނު ލިބުނު މީހާ އަކީ އޭރު ބްރިޓިޝް ޕެޓްރޯލިއަމް (ބީޕީ) ގައި ދެކުނު އެފްރިކާގައި މަސައްކަތްކުރި މީހެކެވެ.

ގާންދީގެ ތާރީހީ އައިނު ނީލަމުގައި ވިއްކައިލަން ނިންމީ އޭގެ ސައްހަކަން ބެލުމަށް ވެސް ގިނަ ރިސާޗްތަކެއް ހެދުމަށް ފަހު ކަމަށް އެންޑީ ބުންޏެވެ. އެގޮތުން އެއީ ސީދާ ގާންދީގެ އައިނެއްކަން ކަށަވަރުވެފައިވާ އިރު އޭގެ އަގު 13،000-19،500 ޑޮލަރަށް އަރާ ކަމަށް ބުންޏެވެ.

"އައިނާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެއީ ގާންދީގެ އައިނެއްކަން ކަށަވަރުކޮށްފައި އަހަރެމެން މީތި ނީލަމުގައި ވިއްކާލަން ނިންމީ،" އެންޑީ ބުންޏެވެ. "އެހެންވީމަ މިއީ ވަރަށް ހާއްސަ އަދި އަގުހުރި އެއްޗަކަށް ވާނެ."

މަހާތުމާ ގާންދީ ކުރެއްވި މަސައްކަތުން އިނގިރޭސީންގެ އަތްދަށުން އިންޑިއާ އަށް މިނިވަންކަން ހޯއްދަވައި ދެއްވީ އޮގަސްޓް 15، 1947 ގަ އެވެ. އިންޑިއާގެ އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ މަހާތުމާ އަވަހާރަކޮށްލީ އުމުރުން 78 އަހަރުގައި ޖެނުއަރީ 30، 1948 ގަ އެވެ.