Roadha Mihaaru
ކެނެޑީގެ ލޯބީގެ ސިޓީތަކަށް 88،000 ޑޮލަރު

އެމެރިކާގެ ކުރީގެ ރައީސް ޖޭއެފް ކެނެޑީގެ ލޯބީގެ ސިޓީތަކަށް 88،000 ޑޮލަރު

16 މެއި 2021

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ލޯބީގެ ގުޅުމެއް ބޭއްވި ސްވިޑްންގެ އަންހެނަކަށް ފޮނުއްވި ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަން ހުޅުވައިލުމުން ހުށަހެޅި އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ލޯބީގެ ގުޅުމެއް ބޭއްވި ސްވިޑްންގެ އަންހެނަކަށް ފޮނުއްވި ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަން ހުޅުވައިލުމުން ހުށަހެޅި އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ވިކިއްޖެ އެވެ.

"ފައިން އޮޓޯގްރާފްސް އެންޑް އާޓިފެކްޓްސް ސޭލް" ގެ ނަމުގައި މި މަހުގެ 12 ވަނަ ދުވަހު މެސެޗޫޒެސްގެ އާރްއާރް އޮކްޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ނީލަމުގައި، އަށް ސޮފުހާ ހިމެނޭ ސިޓީ ކަލެކްޝަން ވިކުނީ 88،000 ޑޮލަރު (1,359,600ރ.) އަށެވެ. އެ ތަކެތި ނީލަމުގައި ވިއްކާލަން އަގު ފެށީ 30،000 ޑޮލަރު (463,500ރ.) އިންނެވެ.

ވިއްކާލި ސިޓީތަކަކީ އެމެރިކާގެ 35 ވަނަ ރައީސް ކެނެޑީ ސްވިޑްގެ ގުނީލާ ވޮން ޕޯސްޓަށް ފޮނުއްވި ސިޓީތަކެކެވެ. ދެ ބޭފުޅުންގެ މެދުގައި 1953 ގައި ލޯބީގެ ގުޅުމެއް އުފެދި ލޯބީގެ ސިޓީތައް ބަދަލުކޮށްފައި ވަނީ 1955-1956 ގަ އެވެ. އޭރު ކެނެޑީ ހުންނެވީ މެސެޗޫޒެސްގެ ސެނެޓްގެ މެމްބަރެއްގެ ގޮތުގަ އެވެ. ސިޓީތައް ލިޔުއްވާފައި ހުރީ ވެސް އެތަނުގެ ލެޓަހެޑްގަ އެވެ.

އާރްއާރް އޮކްޝަން އިން ބޭއްވި ނީލަމުގައި ވަނީ ކެނެޑީ އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން އިއުލާންކުރައްވަން 1960 ގައި ލިޔުއްބި ތަގުރީރުގެ ޑްރާފްޓް ވެސް ވިއްކާލައިފަ އެވެ. ތިން ސޮފުހާގެ އެ ޑްރާފްޓް ވިކުނީ 276،000 ޑޮލަރު (4,264,200ރ.) އަށެވެ.

ކެނެޑީ އެމެރިކާގެ ރައީސްކަން ކުރެއްވީ 1961-1963 އަށެވެ. އޭނާ 46 އަހަރުގައި އަވަހާރަކޮށްލީ 1963 ގަ އެވެ.