Roadha Mihaaru
35 ޑޮލަރުގެ ބޯތައްޓެއް 500،000 ޑޮލަރަށް ވިއްކާލަނީ

35 ޑޮލަރުގެ ބޯތައްޓެއް 500،000 ޑޮލަރަށް ނީލަމެއްގައި ވިއްކާލަނީ

26 ފެބުރުއަރީ 2021

އެމެރިކާގެ ކަނެކްޓިކްގައި މިދިޔަ އަހަރު ބޭއްވި މަގުމަތީ ބާޒާރެއްގައި މީހަކު 35 ޑޮލަރު ދީފައި ގަތް ބޯތައްޓެއް ނީލަމެއްގައި ބައި މިލިއަން ޑޮލަރަށް ވިއްކައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކަނެކްޓިކްގައި މިދިޔަ އަހަރު ބޭއްވި މަގުމަތީ ބާޒާރެއްގައި މީހަކު 35 ޑޮލަރު ދީފައި ގަތް ބޯތައްޓެއް ނީލަމެއްގައި ބައި މިލިއަން ޑޮލަރަށް ވިއްކައިލަން ނިންމައިފި އެވެ.

އެމެރިކާގެ އޮކްޝަން ހައުސް ސޮދަބީޒް އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 17 ގައި ނިއު ޔޯކްގައި "އޭޝިއާ ވީކް" ގެ ނަމުގައި ފަށާ ނީލަމުގައި، ގަދަ ނޫކުލައިގެ ކުރެހުންތަކެއް އަޅާފައިވާ ހުދު ކުލައިގެ ބޯތަށި 500،000 ޑޮލަރަށް ވިއްކާލަނީ "ގަދީމީ ތާރީހީ އެއްޗެއް" ގެ ގޮތުގައި ފާހަގަކުރެވިގެންނެވެ. ބޯތަށި ވިއްކާލަން ހުޅުވާ ނީލަން ހަ މަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ.

ސޮދަބީޒް އިން ބުނީ ނީލަމުގައި ބޮޑު އަގަކަށް ބޯތަށި ވިއްކައިލަން ނިންމީ އެ ގަތް މީހާ އެއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދުމަށް ފަހު އެއީ ވަރަށް ތާރީހީ އަދި މި ވަގުތު އެ ވައްތަރުގެ އަސްލު ބޯތައްޓަކީ ފެނުން ވަރަށް ނާދިރު އެއްޗެއްކަން އެނގުމުން ކަމަށެވެ.

ފަނަރަ ވަނަ ގަރުނުގެ މި ބޯތަށިގެ އަސްލު ނިސްބަތް ވަނީ ޗައިނާއަށެވެ. އަދި އެއީ 1403-1424 އަށް ހަމައަށް އެ ގައުމުގައި އޮތް ޔޮންގްލޭ ރަސްކަމުގެ ދައުރުގެ އެއްޗެކެވެ.

މި ބޯށި ގަތް މީހާ ފޮނުވި ފޮޓޯތަކާ އެކު އެއާ ބެހޭ މައުލޫމާތު ހޯދުމުގައި އިސް ދައުރެއް އަދާކުރެއްވި ޗައިނީޒް އާޓް ޑިޕާޓްމަންޓްގެ ހެޑް އެންޖެލާ މެކެޓީރް ވިދާޅުވީ އެއީ ވަރަށް ގަދީމީ ތާރީހީ އެއްޗެއްކަމަށް ގަބޫލުކުރެވިގެން އޭގެ ވާހަކަ ހިއްސާކޮށް ދިނުމަކީ އެ ގަތް މީހާ ކުރި ވަރަށް ރަނގަޅު ކަމަށެވެ.

"އެފަދަ އެއްޗިއްސާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ މީހުން މިހާރު ވަރަށް މަދު. އަހަރެމެން ވަރަށް އުފާކުރަން އޭނާ އަށް މީތި ވަރަށް ތާރީހީ އެއްޗަކަށްވެގެން މީގެ ވާހަކަ އަހަރެމެންނާ ހިސާބަށް ގެނެސްދިނީތީ،" އެންޖެލާ ވިދާޅުޅުވި އެވެ.

ނަމަވެސް ބޯތަށި ގަތް މީހާގެ ނަން ހާމައެއްނުކުރެ އެވެ.

ނީލަމުގައި ވިއްކައިލާ ބޯތައްޓާ ބެހޭ މައުލޫމާތު އެއްކުރި މީހުން ބުނެފައިވާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ އޭގެ ތައްޓެވެ. އަދި އެ ތަކެތި ހުރި ހާއްސަ ތަންތަނުގައި ރައްކާކުރެވިފަ އެވެ. އޭގެ ތެރޭގައި ޓައިޕޭގެ ނެޝަނަލް ޕެލަސް މިއުޒިއަމާއި ބްރިޓިޝް މިއުޒިއަމް އަދި ލަންޑަންގެ ވިކްޓޯރިއާ އެންޑް އަލްބަޓް މިއުޒިއަމް ހިމެނެ އެވެ.