Roadha Mihaaru
ކެނެޑީގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ

ކެނެޑީގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ

15 އޮކްޓޯބަރ 2023

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ލިމިޓެޑް ސީރީޒެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ލިމިޓެޑް ސީރީޒެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ސީރީޒް ބިނާކުރަނީ އެމެރިކާގެ ތާރީހީ ލިޔުންތެރިޔާ ފްރެޑްރިކް ލޮޖެވަލް 2020 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތް “ޖޭއެފްކޭ: ކަމިންގް އޮފް އޭޖް އިން ދަ އެމެރިކަން ސެންޗަރީ، 1917-1956”ގެ މައްޗަށެވެ. އެ ފޮތަކީ ކެނެޑީގެ ބަޔޮގްރަފީގެ ފުރަތަމަ ބައެވެ. އެ ފޮތުގެ ދެވަނަ ބައެއް ވެސް ގެނެސްދޭން ނިންމާފައިވެ އެވެ.

އެމެރިކާގެ 35 ވަނަ ރައީސްއާ ބެހޭ ގޮތުން ލިޔުއްވާފައިވާ އެ ފޮތުގެ ފުރަތަމަ ބައިގައި އަލިއަޅުވާލާފައި ވަނީ ކެނެޑީ އުފަންވެޑައިގަތުމުން ފެށިގެން އެމެރިކާގެ ސެނެޓުގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވުމާ ހަމައަށް ދިރިއުޅުމުގައި ހިނގި ކަންތައްތަކަށެވެ.

ކެނެޑީގެ ހަޔާތަށް ހަދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކުރަނީ "ފޮރެސްޓް ގަމްޕް"ގެ ސްކްރީންޕްލޭ ލިޔެގެން އޮސްކާ އެވޯޑު ހޯދި އެރިކް ރޮތު އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސް އިން މި ސީރީޒްއާ މެދުގައި ދެކެނީ މިއީ އެމެރިކާގެ "ދަ ކްރައުން" ސީރީޒް ކަމުގަ އެވެ. ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "ދަ ކްރައުން" އަކީ އިނގިރޭސި ރާނީ އެލިޒަބަތު އާއި އިނގިރޭސި ޝާހީ އާއިލާގެ ތާރީހަށް ބިނާކޮށް ގެނެސްދޭ ސީރީޒެކެވެ.

ނެޓްފްލިކްސް އިން އަދި ރަސްމީކޮށް މި ސީރީޒް އިއުލާން ނުކުރެ އެވެ. އެހެންވެ، މި ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުންގެ މައުލޫމާތު އަދި ނޭނގެ އެވެ.