Roadha Mihaaru
ކެނެޑީގެ ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަނީ

އެމެރިކާގެ ކުރީގެ ރައީސް ކެނެޑީގެ ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަނީ

08 މެއި 2021

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ލޯބީގެ ގުޅުމެއް ބޭއްވި ސްވިޑްންގެ އަންހެނަކަށް ފޮނުއްވި ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަން ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ލޯބީގެ ގުޅުމެއް ބޭއްވި ސްވިޑްންގެ އަންހެނަކަށް ފޮނުއްވި ލޯބީގެ ސިޓީތަކެއް ނީލަމެއްގައި ވިއްކާލަން ހަމަޖެހިއްޖެ އެވެ.

"ފައިން އޮޓޯގްރާފްސް އެންޑް އާޓިފެކްޓްސް ސޭލް" ގެ ނަމުގައި ބާއްވާ ނީލަން އިންތިޒާމުކުރަނީ މެސެޗޫޒެސްގެ އާރްއާރް އޮކްޝަން އިންނެވެ. ނީލަމުގައި ވިއްކައިލާ ސިޓީތަކުގެ އަދަދު އަށަކަށް އަރަ އެވެ. އާރްއާރުން އަންދާޒާކޮށްފައިވާ ގޮތުގައި މިހާރު އޮންލައިންކޮށް ބިޑްކުރަން ހުޅުވާލާފައިވާ ސިޓީތަކަށް 30،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ލިބޭނެ އެވެ. ނީލަން ނިންމާލާނީ މި މަހުގެ 12 ގަ އެވެ.

ސްވިޑްގެ ގުނީލާ ވޮން ޕޯސްޓް އާއި ކެނެޑީ ބައްދަލުވަޑައިގައި 1953 ގައި ޖެކްލީން ބޯވިއާއާ ކައިވެނި ބައްލަވައިގެންނެވުމުގެ ހަފުތާތަކެއް ކުރިންނެވެ. ދެ ބޭފުޅުން ބައްދަލުވެވަޑައިގަތީ ފްރާންސްގެ ކާންސްއިންނެވެ.

ދެ ބޭފުޅުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި ލޯބީގެ ސިޓީތައް ބަދަލުކޮށްފައި ވަނީ 1955-1956 ގަ އެވެ. އޭރު ކެނެޑީ ހުންނެވީ މެސެޗޫޒެސްގެ ސެނެޓްގެ މެމްބަރެއްގެ ގޮތުގަ އެވެ. ސިޓީތައް ލިޔުއްވާފައި ހުރީ ވެސް އެތަނުގެ ލެޓަހެޑްގަ އެވެ. އޭގެ ތެރެއިން އެއް ސިޓީގައި ގުނީލާއާ އެކު ސްވިޑްންގެ ހޭދަކުރެއްވި ދުވަސްތަކެއްގެ މަތިން ހަނދާން ވަރަށް އާވާ ކަމަށާއި އެ އުފާވެރި ދުވަސްތައް މަތިން ހަނދާންވާ ވަރުން އަލުން ބައްދަލުރަން ސްވިޑްން އަށް ވަޑައިގަންވަނަން ބޭނުންފުޅުވާ ވާހަކަ ވެސް ލިޔުއްވާފައިވެ އެވެ.

ކެނެޑީ ވިދާޅުވެފައިވާ ގޮތުގައި ގުނީލާއާ އެކު ހޭދަކުރެއްވުނު ދުވަސްތަކަކީ ހަޔާތުގެ އެންމެ ކުލަގަދަ ދުވަސްތަކެވެ. ސިޓީތަކުގެ ތެރެއިން އެކަތީގައި ފަހުން ގުނީލާ އެންޑާޒް އެކްމަން ކިޔާ ދަނޑުވެރިޔަކާ ކައިވެނި ބައްލަވައިގަންނަން އުޅޭކަން އެނގިވަޑައިގަތް ވާހަކަ ވެސް ހިމަނާފައިވެ އެވެ.

ގުނީލާ އަވަހާރަވީ 2011 ގަ އެވެ. އޭނާ އަވަހާރަވުމުގެ ކުރިން ލިޔުއްވި ފޮތް "ލަވް، ޖެކް" ގައި ވެސް ދެ ބޭޅުންގެ ގުޅުމުގެ ވާހަކަތައް ވަރަށް ބޮޑަށް ހިއްސާކުރައްވާފައިވެ އެވެ.

ޖޯން އެފް ކެނެޑީ އަކީ އެމެރިކާގެ 35 ވަނަ ރައީސެވެ. އޭނާ އެ މަގާމު ފުރުއްވީ 1961-1963 އަށެވެ. ކެނެޑީ 46 އަހަރުގައި އަވަހާރަކޮށްލީ 1963 ގަ އެވެ.

ކެނެޑީގެ އަނބިކަނބަކުން ޖެކްލީން (ޖެކީ) އަވަހަރާވީ 1994 ގަ އެވެ. ކެނެޑީ އަވަހާރަކޮށްލި ފަހުން ވެސް ޖެކީ ކައިވެންޏެއް ކުރެއްވި އެވެ. އެއީ 1968 ގައި އެރިސްޓެޓޯލްއާ އެވެ. އޭނާ އަވަހާރަވީ 1975 ގަ އެވެ.