11 ނޮވެމްބަރ 2021
ނާދީ ތަމައްދުން ފުރިބާރުވެއްޖެ އެވެ. ރާއްޖޭގެ ވެރިކަން ހިންގާނެ ނިޒާމެއް ނުވަތަ އުސޫލެއް ހަމަޖެއްސުމުގައި ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނަގަން ނިންމިކަން އެންގުމަށް އެއްކޮށްފައި ތިބީ އެ ވަގުތު މާލޭގައި ތިބި ރާއްޖޭގެ އެހެން ރަށްރަށުގެ އެންމެންނެވެ. މި ވޯޓު ނެގުން ދެ ދުވަހެއް ފަހުން އޮންނާނެކަން އެންގެވި އެވެ.
ނާދީ ތަމައްދުން ފުރިބާރުވެއްޖެ އެވެ. ރާއްޖޭގެ ވެރިކަން ހިންގާނެ ނިޒާމެއް ނުވަތަ އުސޫލެއް ހަމަޖެއްސުމުގައި ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނަގަން ނިންމިކަން އެންގުމަށް އެއްކޮށްފައި ތިބީ އެ ވަގުތު މާލޭގައި ތިބި ރާއްޖޭގެ އެހެން ރަށްރަށުގެ އެންމެންނެވެ. މި ވޯޓު ނެގުން ދެ ދުވަހެއް ފަހުން އޮންނާނެކަން އެންގެވި އެވެ.
ހަމަ އެ ދުވަހު ހަވީރު 4:00 އަށް މާލޭ ހަތަރު އަވަށުގެ ފިރިހެނުން ހެންވޭރު ބޯޅަދަނޑަށް އެއްކުރައްވައި މި އެންގެވުން އެންގެވި އެވެ. އެއީ ރަޖަބް 19، 1371 އެވެ. މީލާދީ ތާރީހުން ނަމަ އޭޕްރީލް 14، 1952 އެވެ.
މި ވޯޓުގެ ވާހަކަ ދައްކަން ޖެހުނީ އޭރު "އިންތިގާލީ ވެރިޔަކަށް" ހުންނެވި އަމީން ދީދީ ރާއްޖޭގެ ރައީސް ކަމަށް ގެންނަން ފެށި މަސައްކަތާ އެކުގަ އެވެ.
ރަސްގެފާނު އައްސުލްތާން ހަސަން ނޫރައްދީން (ދެ ވަނަ) އާއި އޭރުގެ ބޮޑުވަޒީރު އަލް އަމީރު މުހައްމަދު ފަރީދު އޭޕްރީލް 7، 1943 ގައި އެއްފަހަރާ އިސްތިއުފާ ދެއްވުމުން ތަޚުތު ހުސްވެ ގާނޫނީ ހުސްކަމެއް އަ އެވެ. މި ހުސްކަން ނިމުމަކަށް ގެންނަން "ވަލީ ކޮމިޓީ" އެއް ހަދައި އޭޕްރީލް 11، 1943 ގައި ރަސްކަމަށް ސުމުއްވުލް އަމީރު އަލްހާއްޖަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އިސްކުރި އެވެ. އޭރު އެ މަނިކުފާނު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މި ސަބަބާ ހެދި ރަސްމީކޮށް ރަސްކަން ހުސްކޮށް އޮތީ އެވެ. ދެން މަސައްކަތްފެށީ ގައުމުގެ ކަންކަން ހިންގަވަމުން ގެންދެވި މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ވެރިކަން ހަވާލުކުރާށެވެ. އެކަމަކު އެ މަނިކުފާނުގެ ޝަރުތަކަށްވީ މިކަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާށެވެ.
ޖުމްހޫރީ ދުވަހު ރައީސް މުހައްމަދު އަމީން މުލީއާގެއަށް ވަޑައިގަންނަވަނީ. އަމީންގެ ފަހަތްޕުޅުގައި އެ ހުންނެވީ އިނގިރޭސި ހައި ކޮމިޝަނަރު ހެނކިންސަން. -- ފޮޓޯ: ނެޝަނަލް އާކައިވް
ހުށަހެޅުމަކަށް އޮތީ ވިރާސީ ރަސްކަމެއްތޯ، އިންތިހާބީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ އެވެ. ރައީސް ކަމަށް މުހައްމަދު އަމީން އަދި ނައިބަކަށް އިބްރާހިމް މުހައްމަދު ދީދީ ހުންނަން ފެނޭތޯ އެވެ.
"އެކި ކަންކަން ހިނގާ ގޮތް" ޔައުމިއްޔާކޮށްފައިވާ ލިޔުންތަކުގައި، ބޯޅަދަނޑަށް ރައްޔިތުން އެއްކުރައްވައި ޖުމްހޫރީ ވެރިކަން މުހިންމު ކަމުގެ ވާހަކަ ދެއްކެވި ގޮތް ހުލާސާކޮށްފައިވެ އެވެ.
"އެންމެ ފުރަތަމަ ވާހަކަދެއްކެވީ ސުމުއްވުލްއަމީރް މުހައްމަދު އަމީން އެވެ. ރައްޔިތުންނަށް އޭނާ އަނެއްކާވެސް ބަޔާންކޮށްދެއްވީ މިކަމުގައި އޭނާގެ އެދުންފުޅު އޮތް ގޮތާއި، ކުރިން ހަމަޖެހިވަޑައިގެން ހުންނެވި ގޮތެވެ. އާދެ! އޭނާގެ ގޮތަކީ ރަސްކަމެކެވެ. ނަމަވެސް އަލްއަމީރް މުހައްމަދު އަމީންގެ ވާހަކަ ދެއްކެވުން ނިންމާލެއްވީ، ކަން ދިމާވި އެތައް ގޮތަކުން، ރައްޔިތުންގެ އެދުމުގެ މަތިން، މިތަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށް ޟަރޫރަތްތެރިކަން ނިޔާކޮށްފި ކަމުގައި ދެކެވަޑައިގަތުމަށް ފަހުގަ އެވެ."
ލިޔުންތަކުން ފެންނަން ހުރި ގޮތުގައި އަމީން ދީދީ އަށް ފަހު ދެން ވާހަކަ ދެއްކެވީ ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ.
"އެ ކިލެގެފާނުންގެ ހިތްޕުޅުގައި ވެސް ރަސްކަމަށް ދެއްވާފައިވާ ގަދަރާއި އިއްޒަތް ބޮޑެވެ. ނަމަވެސް ދިވެހި ގައުމުގެ މަސްލަހަތަށް މި ހިނދަށް ނިޔާކުރި ކަމަށް، އެ ކިލެގެފާނު ވެސް ދެކެވަޑައިގަންނަވަނީ، މިތަން ޖުމްހޫރިއްޔަތަކަށް ފިރުމާލުމަށެވެ."
އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަން ފެއްޓެވި އިރު "ރަހްމަތުގެ ވާރޭ" ވެހެމުން ދިޔަ ކަމަށް ލިޔެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކަށް ލާޒިމްވެއްޖެ ކަމަށެވެ.
މަގްބޫލް ހެކިތައް ދައްކަމުން އޭނާ ވެސް ބުރަވެވަޑައިގަތީ ޖުމްހޫރިއްޔަތަކަށެވެ. އެންމެ މުހިންމު ސަބަބަކީ، ސުމުއްވުލް އަމީރް މުހައްމަދު އަމީނަށް މިތާގެ ރަސްކަން ގަބޫލުފުޅުކުރެއްވެން ނެތްކަމެވެ. ދިވެހި ރައްޔިތުންނަށް އެ ނޫން އިސް ވެރިޔަކު ގަބޫލުކުރެވެން ނެތްކަމެވެ.
އޭގެ ފަހުން ވާހަކަ ދެއްކެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ.
"މަގްބޫލް ހެކިތައް ދައްކަމުން އޭނާ ވެސް ބުރަވެވަޑައިގަތީ ޖުމްހޫރިއްޔަތަކަށެވެ. އެންމެ މުހިންމު ސަބަބަކީ، ސުމުއްވުލް އަމީރް މުހައްމަދު އަމީނަށް މިތާގެ ރަސްކަން ގަބޫލުފުޅުކުރެއްވެން ނެތްކަމެވެ. ދިވެހި ރައްޔިތުންނަށް އެ ނޫން އިސް ވެރިޔަކު ގަބޫލުކުރެވެން ނެތްކަމެވެ." އިބްރާހިމް ދީދީއާ ހަވާލާދީ ލިޔެފައިވެ އެވެ.
މީގެ ފަހުން އިބްރާހިމް ޝިހާބް ތެދުވެވަޑައިގެން ކުރިން ވާހަކަ ދެއްކެވި ބޭފުޅުންނަށް ތާއީދުކުރެއްވި އެވެ.
އަނެއް ދުވަހު މާލޭ ހަތަރު އަވަށުގެ އަންހެނުން ހެންވޭރު ބޯޅަދަނޑަށް އެއްކުރައްވައި ހަމަ މި މޭރުމުން ވާހަކަ ދެއްކެވި އެވެ. އެ ރޭ ވާހަކަ ދެއްކެވީ މުހައްމަދު އަމީނާއި އައްނަބީލާ އައިމިނަތު ހުސައިން އެވެ.
ހަމަ ދުވަހުން ދުވަހަށް، ވަޒީރުލް އައުޒަމް މުހައްމަދު އަމީންގެ އަމުރަށް، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، ވެރިކަން ހިންގާނޭ އުސޫލެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ނަގަން ފާސްކުރި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި އަންހެނުން ބައިވެރިވި ފުރަތަމަ ޖަލްސާ ވެސްމެ އެވެ. އެ ޝަރަފް ލިބިވަޑައިގަތީ އައްނަބީލާ އައިމިނަތު ހުސައިން އާއި ފާތިމަތު އިބްރާހިމް ދީދީއަށާއި ފާތިމަތު ސައީދަށެވެ.
ވެރިކަން ހިންގާ ގޮތް ބަދަލުކުރަން ވޯޓު ނަގަން ނިންމިކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުން ރަޖަބް މަހުގެ 21 ވަނަ ދުވަހު ވޯޓް ނަގަން ހާއްސަ މަޖިލީހުން ނިންމީ އެވެ. އެއާ އެކު މުޅި މާލެތެރެއިން އިވެން ފެށީ އޭރު އޮތް ހަމައެކަނި ސިޔާސީ ޕާޓީ ކަމަށްވާ މުތަގައްދިމް ޕާޓީގެ ލަވަ އާއި އެހެން ބައެއް ލަވަތަކުގެ އަޑެވެ.
ކުލަކުލައިގެ ދިދަތައް ހިފައިގެން މާލެ ތެރޭ މީހުން ހިނގާލުންތަކާއި ބައިސްކަލް ބުރުތައް ޖަހަން ފެށީ އެވެ. މާލޭ ރައްޔިތުންނާއި ރަށްރަށުން މާލެ އައިސް ތިބި މީހުން ވެސް މިކަމުގައި ބައިވެރިވެ އެއްބައިވަންތަކަން ދައްކަމުން ދިޔައިރު ޖުމްހޫރީ ވެރިކަމެއް ބޭނުންވެ އެކަމުގެ ޖޯޝު، ރަށްރަށުން އައިސް ތިބި މީހުންގެ ފަރާތުން މާބޮޑަށް ފެނުނު ކަމަށް ވެސް ލިޔެފައި އެބަ އޮތެވެ.
ނާދީ ތަމައްދުންގައި މާލޭ މީހުންނާއި އެކި އަތޮޅުތަކުގެ މީހުންނަށް ވޯޓު ފޮށި ބަހައްޓާފައި ހުއްޓެވެ. މެންދުރު ކުރީގައި ވޯޓު ލައި ނިމިއްޖެ އެވެ.
މިއީ ރަޖަބް މަހުގެ 22 ވީ ހުކުރު ދުވަހެވެ. ހަވީރު ހަތަރެއް ޖެހި އިރު މާލޭ އެންމެންގެ މިސްރާބު ހުރީ ހެންވޭރު ބޯޅަކުޅޭ ވިނަގަނޑަށެވެ.
"ބޯޅަ ކުޅޭ ބިމޭތޯ އެވެ؟ އެތަން ތައްޔާރުކުރެވިފައި އޮތީ މީގެ ކުރީގައި ދުވަހަކު ވެސް ނުފެންނަ ގޮތެއްގެމަތިންނެވެ."
އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ބައިބަޔަށް ގޮނޑި ޖަހައި ތަނުގެ އިންތިޒާމްގައި ގާލް ގައިޑުން އުޅެ އެވެ. ސިފައިންގެ ބޭކަލުން ޖަހަމުން ދިޔަ ބޭނުގެ އަޑު ކެނޑި އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔައީ "ދިވެހި ގައުމުގެ ލޮބުވެތި ޒައީމް. ސުމުއްވުލް އަމީރް މުހައްމަދު އަމީން" ވަޑައިގަތުމާ އެކުގަ އެވެ. އެ މަނިކުފާނުގެ ވަޑައިގެން ސްޓޭޖުގައި ހާއްސަކޮށްފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމާ އެކު މުތަގައްދިމް ޕާޓީގެ ލަވަ ފެށި އެވެ.
ސްޓޭޖްގެ އެންމެ ކުރީގައި މުހައްމަދު އަމީނާ އެކު އަރިހުގައި އިންނެވީ ސުުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އައްޝައިޚް އަބްދުﷲ ޖަލާލުއްދީނާއި އިބްރާހިމް މުހައްމަދު ދީދީ އެވެ. ދެން ތިއްބެވީ ޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނާއި ކާންނާކަލޭގެފާނާއި އިބްރާހިމް ޝިހާބެވެ. އެއީ ރަސްމިއްޔާތުގެ އެކި ކަންކަމާ ހަވާލު ތިއްބެވި ބޭފުޅުންނެވެ.
ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ފުރަތަމަ ނެގި ވޯޓްގައި، މާލޭގެ އަންހެނުންނާއި ފިރިހެނުންގެ ވޯޓުގެ ނަތީޖާ
ދެން އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެންފި އެވެ. ރައްޔިތުން އެއްކުރެވުނީ ވެރިކަން ބާއްވާނެ "އުސޫލެއް" ބަލަން ނެގި ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށް ކަމަށް ވިދާޅުވެ ތައާރަފެއް ދެއްވި އެވެ. ފަނޑިޔާރު މަނިކުފާނުގެ އަމުރުފުޅަށް އިބްރާހިމް ޝިހާބް "އަޑު ބޮޑުކުރާ" ގެ ޒަރިއްޔާ އިން، ތާރީޚީ ވޯޓުގެ ތާރީޚީ ނަތީޖާ އިއުލާނުކުރެއްވި އެވެ. 99 ޕަސެންޓުގެ ތާއީދާ އެކު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ފާސްވީ އެވެ.
ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ފުރަތަމަ ނެގި ވޯޓްގައި، މާލޭގައި ތިބި ރަށްރަށުގެ މީހުންގެ ވޯޓުގެ ނަތީޖާ
އަމީންގެ މި ތާރީހީ ވެރިކަން ފެށުނީ ޖެނުއަރީ 1، 1953 ގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމުގެ ފެށުމެވެ. އެކަމަކު މި ވެރިކަމަށް އަހަރު ނުވަނީސް ވައްޓާލައި އަނެއްކާވެސް ރަސްކަމަކަށް މާޗް 7، 1954 ގައި ރާއްޖެ ބަދަލުވި އެވެ. ރަސްކަމަށް އިސްކުރެއްވީ މުހައްމަދު ފަރީދުލްއައްވަލް އެވެ.
މިހާރު މި ފާހަގަކުރާ ޖުމްހޫރީ ދުވަސް ގުނަން ފެށުނު ތާރީހަކީ މުހައްމަދު ފަރީދުގެ ރަސްކަމަށް ފަހު އެކުލަވާލި ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތެއް ކަމަށް ކަނޑައަޅައި އޭގެ ދަށުން ރައީސްކަމަށް އިންތިހާބުކުރި އިބްރާހިމް ނާސިރު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށި ދުވަހެވެ. އެއީ ނޮވެމްބަރު 11، 1968 އެވެ. މިއަދަށް އޭގެ ފަހުން 53 އަހަރެވެ. ފުރަތަމަ ޖުމްހޫރީ ވެރިކަމުން ގުނާ ނަމަ 68 އަހަރާއި 10 މަސް ވެއްޖެ އެވެ.
އަލީގަޅުން އަމީނުގެ ހިތުގައި އާލާވި ގައުމީ ލޯބި
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ
ހުކުރުން ފޭބި ގޮތަށް ގޮސް ވައްޓާލީ ވެރިކަން!
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް
ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: މަރާލާ!
68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން
ޖުމްހޫރީ ވެރިކަން ފެށުމާއި ދައުރު ފެށުން ވެސް އޮޅިފައި
އިބްރާހިމްދީދީ: ބާރުވެރިކަން، އިންގިލާބު، އަރުވާލުން!
އަމީނާ: ދިވެހި ޖިންސުއްލަތީފުންގެ "ރޫހު"
އަމީނާއާ ގުޅޭ މުހިންމު ހަނދާނެއް: ފަހު ސިޓީފުޅު