Roadha Mihaaru
ނާސިރު ގޮތުގައި؛ ވާހަކަ ދައްކާނީ މިނިވަންކަން ދިނުމުން

ނާސިރު ހުންނެވީ ގޮތުގައި؛ މިނިވަންކަން ދިނުމުން ނޫނީ ވާހަކައެއް ނުދައްކާނަން

26 ޖުލައި 2021

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަތާ ހަތްދިތަ އެތައް އަހަރެއް ފަހުން ފުރިހަމަ މިނިވަންކަމަކަށް އެދިގެން ދިވެހިން އެއް އަޒުމެއްގައި ނުކުތުމަށް މެދުވެރިވި އެތައް ސަބަބެއް އެބަހުއްޓެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަތާ ހަތްދިތަ އެތައް އަހަރެއް ފަހުން ފުރިހަމަ މިނިވަންކަމަކަށް އެދިގެން ދިވެހިން އެއް އަޒުމެއްގައި ނުކުތުމަށް މެދުވެރިވި އެތައް ސަބަބެއް އެބަހުއްޓެވެ.

އިހުގެ އެކި ހާދިސާތަކާއި އެކަންކަމާ ބެހޭ ގޮތުން ދިރާސާކުރައްވާ ބޭފުޅުން ލިޔުއްވާފައިވާ ލިޔުއްވުންތަކުން އެނގޭ ގޮތުގައި އިނގިރޭސިންގެ "ހިމާޔަތް" ބޭނުން ނުވެ މިނިވަންކަން ހޯދުމުގެ މަސައްކަތް ފެށުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އައްޑޫގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ހިންގަން އެތަން 100 އަހަރަށް ކުއްޔަށް ދޭން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އެއްބަސްވެ ވަޑައިގެން އިނގިރޭސި ސަރުކާރާ އެކު ސޮއިކުރެއްވުމެވެ.

މި މުހިންމު ދިގު ދަތުރު ހުލާސާކޮށްލާނަމެވެ.

ޑިސެމްބަރު 16، 1887 ގައި ދިވެހިރާއްގެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮވެ، އިނގިރޭސި ވިލާތަށް ޖިޒީ ދައްކަމުން ދިޔަ އެވެ. އެއީ އޭރުގެ ރަސްގެފާނު އައްސުލްތާންން މުހައްމަދު މުއީނުއްދީން (ދެ ވަނަ) އާއި ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑުން ސޮއިކުރެއްވި "ސިޓީ" އަކުންނެވެ. އެހެން އޮންނަތާ 60 އަހަރު ފަހުން އޭޕްރީލް 24، 1948 ގައި ރާއްޖޭގެ ފަރާތުން މުހައްމަދު އަމީނާއި އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އަދި އިނގިރޭސިންގެ ފަރާތުން ސިލޯނަށް ފޮނުވި ފުރަތަމަ ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަން މި ސިޓީއަށް އެއްބަސްވުމެއްގެ ސިފަ ގެންނަވައި ސޮއިކުރެއްވި އެވެ. އިނގިރޭސިންނަށް ރާއްޖޭން ދެމުން ދިޔަ ޖިޒީ އެ ހިސާބުން ނިމުމަކަށްއައެވެ.

އެކަމަކު މި އެއްބަސްވުން ވެގެން ދިޔައީ ރާއްޖޭގައި ދިގު މުއްދަތަކަށް އިނގިރޭސިން ގާއިމުވެ ތިބެން ތަނަވަސްކުރި ފުރުސަތަކަށެވެ. އަހަރުތަކެއް ފަހުން 1955 ގައި އިނގިރޭސި ވައިގެ ސިފައިންގެ ބަޔަކު އައްޑުއަށް ދިޔަ އެވެ. މިއީ އައްޑޫގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އަޅަން ފެށުމުގެ ތައްޔާރީތަކަށް ފޮނުވި ބައެއްކަން ފަހުން އެނގުނެވެ، އެއީ އައްޑޫ 100 އަހަރަށް ކުއްޔަށް ދޭން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، އިނގިރޭސި ހައި ކޮމިޝަނަރު ސިސިލް ސާޔާއާ އެކު "އިނިޝިއަލް" އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑުއަށް މި އިނގިރޭސި ސިފައިން ފޭބި ފަހުން ކަމަށް ވާތީ އެވެ.

ދެކޮޅުވެރިކަމުގެ ފެށުން

އައްޑޫގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ހަދަން އެތަން 100 އަހަރަށް ކުއްޔަށް ދޭން ސޮއިކުރި އިނީޝަލް އެއްބަސްވުން އޭރުގެ ކެބިނެޓުން ފާސް ނުވެ ބޮޑުވަޒީރަށް ފިއްތުން އިތުރުވާން ފެށިގެ އެވެ. ނަތީޖާއަކަށްވީ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ. މި ހިސާބަށް ދިއުމުގެ ކުރިން އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ޝިހާބު ސިލޯނަށް ވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއް އެޅުމާ ދިވެހިން ދެކޮޅުކަން ހާމަކުރެއްވި އެވެ. ޝިހާބު ދެއްވި ބަޔާނުގެ ވާހަކަ ނިއު ޔޯކް ޓައިމްސް އިން އޭޕްރީލް 6، 1964 ގައި ރިޕޯޓްކޮށްފައި އެބަ އޮތެވެ.

އިނގިރޭސިންނާ ދެކޮޅުވެ، ހުޅުލޭ އެއާސްޓްރިޕަށް ގެއްލުންދީ އެތަން ބޭނުން ނުކުރެވޭ ވަރު ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް އިނގިރޭސި ހައި ކޮމިޝަނަރާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ލިބުނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށެވެ.

"އިނގިރޭސި ވިލާތް އޮތީ ދިވެހިންގެ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވެފައި. އަދި މިހާރު ވަާނީ އެ މަޝްވަރާ އަށް ދައުވަތު ދީފައި،" ކޮލަމްބޯގައި ހުންނެވި އިނގިރޭސި ތަރުޖަމާނަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.

މިނިވަންކަމުގެ އެއްބަސްވުން

ފަހުން ރާއްޖޭގެ ރައީސްކަން ކުރެއްވި، އިބްރާހިމް ނާސިރަށް މި ދުވަސްވަރު ދާހިލީ ވަޒީރުކަން ލިބިވަޑައިގަތެވެ. ސަރުކާރުގައި ތިއްބެވި، އިނގިރޭސިންނާ ދެކޮޅު ފިކުރުުގެ ކެރޭ ބޭފުޅުންނަށް ނާސިރުގެ މި މަގާމާ އެކު ބާރު ލިބުނެވެ. އަދި އިނގިރޭސިންގެ ކިބައިން މިންޖުވެ މިނިވަންކަމަށް ކުރާ މަސައްކަތް ވަރުގަދަކުރެއްވި އެވެ. އަދި ޑިސެމްބަރު 12، 1957 ގައި އުމުރުން އެންމެ 31 އަހަރުގައި ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ. މިއީ އިނގިރޭސިންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށްވި އެވެ.

ނާސިރުގެ ބޮޑުވަޒީރުކަމުގައި، އިނގިރޭސިންނަށް އައްޑޫ ދިނުމުގެ އެއްބަސްވުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ އެއްބަސްވުން ގަބޫލު ނުކުރުމަށް، އިނގިރޭސި ހައި ކޮމިޝަނަރު އެލެގްޒެންޑަ މޯލީ ވެސް އަޑުއައްސަވަން އިންނެވި މަޖިލީހެއްގައި ފާސްކުރުމުން އިނގިރޭސިންނަށް ގޮތް ހުސްވާ ހިސާބަށް ދިޔަ އެވެ. އެއީ މާޗް 2، 1958 ގަ އެވެ.

ޖެހިގެން އައި އަހަރު، އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފް އިސްވެ ހުންނަވައި، "ޔުނައިޓެޑް ސުވެޑީބު އައިލެންޑްސް" ގެ ނަމުގައި ވަކިވެގަތުމުގެ ހަރަކާތެއް ފެށި އެވެ. މި ހަރަކާތް ވަރުގަދަވެ ރާއްޖޭގައި ދާޚިލީ ބޮޑު ހަމަނުޖެހުމެއް އުފެދުމުން މައްސަލަ ހައްލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި އެވެ. ސަރުކާރުން ސިޔާސީ މަސައްކަތް ކުރަމުން ދިޔައިރު އާންމުން ސީދާ ހަރަކާތަށް ވެސް ނުކުތެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވަންނަކަމުގެ ތުހުމަތާ އެކު، އިނގިރޭސި ސަފީރާ ދެކޮޅަށް ވެސް ވަރުގަދަ މުޒާހަރާއެއް ކުރި އެވެ. މިއީ އަންހެނުން އިސްވެ ކަނޑުމަތީގައި ކުރި މުޒާހަރާއެކެވެ. އެ ދުވަސްވަރު ދަގަނޑު ފިލާ އަޅައިގެން އިނގިރޭސިން ހުޅުލޭގައި އަޅާފައި އޮތް އެއާސްޓްރިޕަށް، ދިވެހި ސަރުކާރުގެ ބޭނުމަށް ސިލޯނުން އައި ވަފުދެއްގެ ބަޔަކު ޖައްސަން ހުއްދަ ނުދިން ހިސާބުން އިނގިރޭސިންގެ ރަންވޭގެ ދަގަނޑު ފިލާތައް ގެއްލެން ފެށި އެވެ. އަދި ދިވެހިންގެ އަމިއްލަ އެއާޕޯޓެއް ހެދުމުގެ ވަރުގަދަ އަޒުމުގައި މަސައްކަތް ފަށައިގަތެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން، އިނގިރޭސިންނާ ދެކޮޅު ހަރަކާތް ވަރުގަދަވެ މިނިވަންކަމަށް ގޮވާލާ އަޑު ރާއްޖޭގައި ގަދަވީ އިނގިރޭސިން ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާތީ އާއި އައްޑޫގައި އަސްކަރީ މަރުކަޒު ހަދާތީ އެވެ. މީގެ ތެރޭގައި ދެކުނުގެ ވަކި ދައުލަތުގެ ވެރިޔަކަށް ހުންނެވި އަފީފް ދީދީ ސިއްރުން ސީޝެލްއަށް ގެންދިޔަ މައްސަލަ ވެސް ހިމެނެ އެވެ.

"އިނގިރޭސި ސަފީރުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ހުންނެވީ ސިއްރިއްޔާތުގައި އަފީފް ދީދީ ގެންދިއުމާ މެދު އިނގިރޭސި ވިލާތުން އަލުން ވިސްނައި އަދި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމުން ނޫނީ އިނގިރޭސި މަންދޫބުންނާ އެކު ސީދާ މަޝްވަރާ ނުކުރައްވާ ގޮތަށެވެ." ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ.

އެތައް މަސައްކަތަކަށް ފަހު، މިނިވަންކަން ދިނުމުގެ އެއްބަސްވުމުގެ މަޝްވަރާތައް އޯގަސްޓް 12، 1964 ގައި ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ، އިނގިރޭސި ހައި ކޮމިޝަނާ އެކު ފެއްޓެވީ އިނގިރޭސިންނާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވެ ދޫ ނުދޭނެކަން އެނގުމުން އިނގިރޭސިން ވެސް މަޝްވަރާއަށް ބޭނުންވެގެންނެވެ. މި މަޝްވަރާތަކުގެ ނަތީޖާ އަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމެވެ. މިކަމުގެ އެއްބަސްވުމުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އިނގިރޭސި ސަފީރު މައިކަލް ވޯކާ ސިލޯނުގެ އިނގިރޭސި ހައި ކޮމިޝަންގައި ސޮއިކުރެއްވީ ޖުލައި 26، 1965 ގަ އެވެ.