Roadha Mihaaru
އެންމެ ފަހުގެ ރަދުން: ބާރެއް ނެތް، އޮތީ އިއްޒަތް

އެންމެ ފަހުގެ ރަދުން: އާރެއް ބާރެއް ނެތް، އޮތީ އިއްޒަތާއި ޝަރަފު

21 އެޕްރީލް 2023

މޫނުގައި ފުށް ޖައްސައި ނިމިގެން، ރަނގަޅަށް ބޮލުގައި ފުނާ ނޭޅެނީސް އެ ކުއްޖާ، މަންމަގެ އަތުން ވީއްލިގެން ދުވެފައި ބޭރަށް ނުކުތެވެ. އޭރު ޖެހިގެން ހުރި ގޭގައި އުޅޭ އޭނާގެ އެކުވެރިޔާ އިންތިޒާރުގައި ހުއްޓެވެ. ދެ ކުދިން ގޮސް މަޑުކޮށްލީ އަނބު ގަހެއްގެ ހިޔަލުގަ އެވެ. ހީ ސަކަރާތް ޖަހަމުން ދިޔަ ނަމަވެސް ދެ ކުދިންގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަވެފައިވާ ތަނެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މޫނުގައި ފުށް ޖައްސައި ނިމިގެން، ރަނގަޅަށް ބޮލުގައި ފުނާ ނޭޅެނީސް އެ ކުއްޖާ، މަންމަގެ އަތުން ވީއްލިގެން ދުވެފައި ބޭރަށް ނުކުތެވެ. އޭރު ޖެހިގެން ހުރި ގޭގައި އުޅޭ އޭނާގެ އެކުވެރިޔާ އިންތިޒާރުގައި ހުއްޓެވެ. ދެ ކުދިން ގޮސް މަޑުކޮށްލީ އަނބު ގަހެއްގެ ހިޔަލުގަ އެވެ. ހީ ސަކަރާތް ޖަހަމުން ދިޔަ ނަމަވެސް ދެ ކުދިންގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަވެފައިވާ ތަނެވެ.

ހިނދުކޮޅެއް ފަހެވެ. މަގު ކޮޅުން ވަރަށް ރީތި ޗާލޫ ކާރެއް ދައްކާލައިފި އެވެ. އޮސްޓްރޭލިއާގެ ހޯލްޑެން މަރުކާގެ، ބޮނެޓު ބައި ދިގު ތިރިތިރި ކާރެކެވެ. ޑްރައިވަރާ ޖެހިގެން ކާރުގެ ކުރީ ސީޓުގައި ހުރީ އާއްމު މީހެކެވެ. ފަހަތު ސީޓުގައި، ރަތްކުލައިގެ ސޭޝްއެއް އެޅި ޔުނިފޯމެއްގައި ސިފައިންގެ މީހަކު އިނެވެ. އޭނާއާ ޖެހިގެން އިންނެވީ، އެ ބޭފުޅަކު ކާރުކޮޅުގައި ވަޑައިގަންނަވާ މަންޒަރު ދެކެން، ކުދިބޮޑު އެތައް ބަޔަކު މަގުމައްޗަށް ނުކުމެ ތިބި، ދިވެހިރާއްޖޭގެ ރަދުން ޖަލާލަތުއްމަލިކް މުހައްމަދު ފަރީދު ދީދީ އެވެ.

ފެހިކުލައިގެ ލިބާހެއް ތުރުކުރައްވައި، ތިރިން މުންޑެއް އަންނަވައިގެން، ބޮލުގައި ތަރި ޖެހި ތާކިހަލެއް އަޅުއްވައިގެން ހުންނެވި ރަދުން ފެނުމުން އުފަލުން ފޮޅިފައި ތިބި ކުދިން ސެލިއުޓް ނަގައި ހެދި އެވެ. ރަދުން ވަރަށް ހިނިފުޅުވަޑުވައި އެ ކުދިންނަށް ހަނާއަޅުއްވާލި އެވެ. އަސުރުން އިރު ތިރިވުމާ އެކު، އެކުވެރި ބޭފުޅަކާ އެކު ރަދުން އެ ޖައްސަވާ ކާރު ބުރަކީ، އެމަނިކުފާނުގެ ކޮންމެ ދުވަހެއްގެ ވެސް ސުންނަތެކެވެ.

ވަރަށް ޒުވާންދުވަސްވަރު ފެށްޓެވި ގައުމީ ހިދުމަތުގައި، ތަފާތު މަގާމުތައް ފުރުއްވުމަށް ފަހު، މާޗު 7، 1954 ގައި މުހައްމަދު ފަރީދަށް ރަސްކަން ލިބިވަޑައިގެންނެވިއިރު އެއީ ރަމްޒީ މަގާމެކެވެ. ހުރިހާ ބާރެއް އޮތީ ބޮޑުވަޒީރަށެވެ. އެމަނިކުފާނުގެ ޒާތުފުޅުގެ ގޮތުން އެފަދަ ބާރެއް ހޯއްދަވާކަށް ވެސް ނޫޅުއްވަ އެވެ. އެހެންވެ ދުވަސްތައް ހޭދަކުރެއްވީ ނަފްސަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކޮންމެވެސް ކަމެއް ކުރެއްވުމުގަ އެވެ. މަސްގެންގުޅުއްވުމާއި، ބަގީޗާ ހެއްދެވުމާއި، މިއުޒިކު އަޑުއެއްސެވުން ފަދަ ކަންކަމުގަ އެވެ.

މުހައްމަދު ފަރީދު ޒުވާންދުވަސްވަރު ބައިސިކަލްކޮޅުގައި.

މުހައްމަދު ފަރީދު ޒުވާންދުވަސްވަރު ބައިސިކަލްކޮޅުގައި.

މިދިޔަ ގަރުނުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުންގާނުގައި ހުންނެވި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީދަރިކަލުންގެ ގޮތުގައި ޖެނުއަރީ 11، 1901 ގައި އުފަންވެވަޑައިގެންވި، މުހައްމަދު ފަރީދަކީ މައިފުށުން ޝާހީ އާއިލާއަކަށް ނިސްބަތްވަވާ ބޭފުޅަކަށް ވުމުން ތުއްޕުޅު ދުވަސްތައް ހޭދަކުރެއްވީ ވެސް ގަނޑުވަރުތެރޭގަ އެވެ. ކާފާފުޅު އަދި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހޯދައިދެއްވި ފުރުސަތެއްގައި، ކޮއްކޯފުޅު ހަސަން ފަރީދު ދީދީ އާއި ދެބެންގެދެދަރި އަލްއަމީރު ހަސަން އިއްޒުއްދީނާ އެކު ސިލޯނަށް ކިޔަވާ ވިދާޅުވާން ވަޑައިގެން އުޅުއްވީ ވެސް މުއްސަނދި ދިރިއުޅުއްވުމެއްގަ އެވެ. އިނގިރޭސި ތައުލީމު އެންމެ ފުރަތަމަ ހާސިލްކުރެއްވި ދިވެހިންގެ ތެރޭ ހިމެނިވަޑައިގެން، ސިލޯނުގެ ރޯޔަލް ކޮލެޖުން ކިޔަވާވިދާޅުވެގެން މުހައްމަދު ފަރީދު ރާއްޖެ ވަޑައިގެންނެވި އިރު، ބޮޑުވަޒީރަކީ ބައްޕާފުޅު ރަންނަބަނޑޭރިކިލެގެފާނެވެ. ދިވެހި ތަހުތު ރެނދަލި ކުރައްވަނީ މައިފުށު ބޮޑުބޭބޭފުޅު މުހައްމަދު ޝަމްސުއްދީނެވެ.

މުހައްމަދު ފަރީދުއާ އެންމެ ފުރަތަމަ ހަވާލުކުރެއްވުނީ ސިފައިންގޭގެ ވެރިކަމެވެ. އަދި މާޗު 19، 1931 ގައި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ލިޔަން އެކުލަވާލި މަޖިލީހުގެ މެމްބަރުކަން ލިބިވަޑައިގަތެވެ. އެ މަޖިލީހުން ލިޔެ، ރަދުން ތަސްދީގުކުރެއްވި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އުފެދުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެ ގާނޫނު އަސާސީގެ ދަށުން އުފެދުނު ވަޒީރުންގެ މަޖިލީހުގެ އަސްކަރީ ވަޒީރުކަން މުހައްމަދު ފަރީދަށް ލިބިވަޑައިގަތެވެ.

އެކަމަކު މާގިނަ ދުވަސްތަކެއް ރައްޔިތުން ނުކުމެ އެ ގާނޫނު އަސާސީ ވީދާލި އެވެ. އޭގެ ފަހުން، މުހައްމަދު ފަރީދުގެ ކޮއްކޯފުޅު ހަސަން ފަރީދު އިސްވެ ހުންނަވައި، މުހައްމަދު ޝަމްސުއްދީން ރަސްކަމުން އަޒުލުކޮށް، ބާރު ހޯއްދެވި އެވެ. އަދި ހަސަން ނޫރައްދީން ރަސްކަމަށް އިސްކޮށް، މުހައްމަދު ފަރީދަށް ބޮޑުވަޒީރުކަން ދެއްވި އެވެ. މުހައްމަދު ފަރީދުގެ ވެސް ރުހުމާ އެކު ގެނައި އެ އިންގިލާބަށް ފަހު ހުރިހާ ބާރެއް އޮތީ ދާހިލީ ވަޒީރުގެ މަގާމުގައި ހުންނެވި ހަސަން ފަރީދުގެ އަތްޕުޅުގަ އެވެ. މުހައްމަދު ފަރީދަށް އެއްވެސް ބާރެއް ނެތެވެ. އަދި ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ސަރުކާރުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު ހަސަން ފަރީދަށް ދޭން މަޖިލީހުން ނިންމުމުން، އޭޕްރިލް 8، 1943 ގައި ރަދުން ނޫރައްދީނާ އެކު، މުހައްމަދު ފަރީދު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޯއީގައި ހަސަން ފަރީދު ދަތުރުކުރައްވަމުން ގެންދަވަނިކޮށް ޖަރުމަނުގެ ޔޫ-ބޯޓަކުން ދިން ހަމަލާގައި ހަސަން ފަރީދު ގެއްލުނެވެ. އެއާ އެކު ބާރުތައް ލިބިވަޑައިގަތީ، މުހައްމަދު ފަރީދުގެ ދެބެންގެދެދަރި ކޮއްކޯފުޅެއް ކަމަށްވާ މުހައްމަދު އަމީން ދީދީ އެވެ. އެކަމަކު ވަލީ ކޮމިޓީގެ މެމްބަރުކަން ފިޔަވައި އިތުރު މަގާމެއް، ބާރެއް މުހައްމަދު ފަރީދަށް ލިބިވަޑައިގަންނަވާ ގޮތެއް ނުވި އެވެ.

ރޯނުވެށުމުގެ މުބާރާތަކަށް މުހައްމަދު ފަރީދު ބ. ތުޅާދޫ އަށް ވަޑައިގެން އަތިރިމަތީގައި.

ރޯނުވެށުމުގެ މުބާރާތަކަށް މުހައްމަދު ފަރީދު ބ. ތުޅާދޫ އަށް ވަޑައިގެން އަތިރިމަތީގައި.

ދެން ދިމާވީ މާބޮޑު މައްސަލަ އެކެވެ. އަމީން ދީދީ އަވަހާރަކޮށްލަން ބަޔަކު ރޭވި ރޭވުމުގައި މުހައްމަދު ފަރީދު ކުށްވެރިވެވި، ގޭބަންދުކުރެވުނީ އެވެ. އަމަލީ ގޮތުން އެކަމުގައި މުހައްމަދު ފަރީދުގެ ބައިވެރިވުމެއް ނެތް ނަމަވެސް، ކޮންމެވެސް ވަރެއްގެ ދައުރެއް އޮތް ކަމަށް ފެނި، މާބަގީޗާގޭގައި ބަންދުކޮށްފައި ބެހެއްޓީ، ގޭގެ ރަޖިސްޓްރީގައި ތިބި މީހުން ފިޔަވައި އިތުރު ބަޔަކު ވަނުން މަނާކޮށްފަ އެވެ.

ބޮޑު ވަޒީރުގެ ގޮތުގައި އޭރު ވެރިކަން ހިންގަވަމުން ގެންދެވި މުހައްމަދު އަމީން، އޭގެ އަހަރުތަކެއް ފަހުން އިސްވެ ހުންނަވައި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް ޖެނުއަރީ 1، 1953 ގައި ރައީސްކަމުގެ މަގާމަށް އިސްވެވަޑައިގަތެވެ. އެކަމަކު އެ އަހަރުގެ އޮގަސްޓް މަހު ރައްޔިތުން ނުކުމެ އެ ވެރިކަން އިންގިލާބުކުރި އެވެ. ނައިބް ރައީސް ވެލާނާގޭ އިބްރާހީމް މުހައްމަދު ދީދީ އިސްވެ ހުންނަވައި ވެރިކަން ބަދަލުކުރި ކުރުމަށް، އަމީނާ މެދު އޮތް ހިތްޕުޅުހަމަނުޖެހުމާ ހެދި، މުހައްމަދު ފަރީދު ވެސް ހުންނެވީ ރުހިވަޑައިގެންނެވެ.

އިންގިލާބަށް ފަހު އަމީން ދޫނިދޫގައި ބަންދުކޮށްފައި ހުންނަވަނިކޮށް ވެރިކަން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ރައްޔިތުންގެ ބަޔަކު ދިން ރަހުމުކުޑަ އަނިޔާތަކެއްގައި އެމަނިކުފާނު އަވަހާރަވި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ރާއްޖޭގެ ވެރިކަން އަނެއްކާ ވެސް ރަސްކަމަށް ބަދަލުކުރި އެވެ. މުހައްމަދު ފަރީދަށް އަނެއްކާ ވެސް ސިޔާސީ މަސްރަހުގެ ކުރިން ޖާގަ ލިބިވަޑައިގެންނެވީ މިހިސާބުންނެވެ. އިންގިލާބު ކޮމިޓީން ނިންމީ އެއްގަމުގޭ އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމަށް އިސްކޮށް، މުހައްމަދު ފަރީދަށް ރަސްކަން ދެއްވުމަށެވެ.

އެ މަގާމު މުހައްމަދު ފަރީދަށް ދެއްވި ސަބަބަކީ، އާއިލީ ގޮތުން ރަސްކަމާ ގުޅިފައި ވުމާއި، އެމަނިކުފާނުގެ އަހުލާގު ރަނގަޅު އަދި އާއްމުންގެ އިހުތިރާމު ލިބިވަޑައިގެންވާ ބޭފުޅަކަށް ވުމެވެ. އެކަމަކު ނިޒާމު އޮތް ގޮތުން ރަސްކަމަކީ، އޭރު ރަމްޒީ މަގާމެކެވެ. ވަކިން ހާއްސަކޮށް، އިނގިރޭސިންނަށް އައްޑޫ ގަން ކުއްޔަށް ދޫކުރަން ފާމުލަދޭރި ކިލެގެފާނު ނިންމެވި ނިންމެވުމުން އުޒުރަކަށް ހައްދަވައި، އިބްރާހީމް ނާސިރު އިސްވެ ހުންނަވައި، ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރެއްވުމުން، އެކަން އެގޮތަށް ބަދަލުވި އެވެ. ބޮޑުވަޒީރު ކަމަށް ދެން ވަޑައިގެންނެވި ނާސިރަކީ، އެއްވެސް ބާރެއް އެހެން ބޭފުޅަކަށް ދެއްވަން ބޭނުންފުޅުވި ވެރިއަކަށް ނުވުމުން، މުހައްމަދު ފަރީދުގެ ރަސްކަން އިހުނަށް ވުރެ ރަމްޒީވީ އެވެ.

އިބްރާހީމް ނާސިރު ސަފީރަކާ ސަލާމްކުރައްވަނީ.

އިބްރާހީމް ނާސިރު ސަފީރަކާ ސަލާމްކުރައްވަނީ.

އެކަމަކު، ހުދުމުހުތާރު ސިފަތަކެއް ދިވެހި ވެރިކަމުގައި ޖައްސަވަން ނާސިރަށް ފުރުސަތު ލިބިވަޑައިގަތީ އެއް ބަޔަކު ދެކޭ ގޮތުގައި މުހައްމަދު ފަރީދުގެ ޝަހުސިއްޔަތުގެ ބަލިކަށިކަމުންނެވެ. އެމަނިކުފާނަކީ، ކޮއްކޯފުޅު ހަސަން ފަރީދުއާ ހިލާފަށް، ބާރު ހޯއްދަވަން ބޭނުންފުޅުނުވާ، ޑިމޮކްރަޓިކް ބޭފުޅަކަށް ވުމުން، ނާސިރަށް ގައުމު ހިތަކަށް ލިބިވަޑައިގެންނެވީ އެވެ. އެހެންވެ ރަސްކަމުގައި މުހައްމަދު ފަރީދަށް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ރަސްމިއްޔާތުތައް ޝަރަފްވެރިކުރެއްވުމާއި ގާނޫނުތައް ތަސްދީގުކުރެއްވުމެވެ.

އެމަނިކުފާނު އެކަންކަން ވަރަށް ގަޔާވެވަޑައިގެން ކުރެއްވެވި އެވެ. ސްކޫލްތަކުގެ ކޮންސަޓުތަކަށް ގަވާއިދުން ވަޑައިގެންނެވި އެވެ. ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނާ އެކު ސައިފޮދު ހިއްޕަވަ އެވެ. ރޯނުވެށުމުގެ މުބާރާތުގެ އިނާމު ދެއްވަން ރަށްރަށަށް ވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސައީ ތޮއްޑޫގައި އަލްބީނޯ ކުއްޖަކު އުފަންވުމުން، އެކަމުގެ އާދަޔާހިލާފުކަން ބޮޑުވުމުން، އެ ކުއްޖާ ދެކެވަޑައިގަތުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅެވެ.

ހާއްސަ ދުވަސްދުވަހު ރައްޔިތުންނާ މުހާތަބުކުރެއްވުމަށް ވެސް ރަދުން ލޯބިކުރެއްވި އެވެ. އެގޮތުން ފެބްރުއަރި 25، 1963 ވަނަ ދުވަހު، އީދުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ޕާސަނަލް ސެކްރެޓަރީ އަދުނާން ހުސެއިން މެދުވެރިކުރައްވައި ރޭޑިއޯ އިން ހިތާބެއް ފޮނުއްވި އެވެ. މިއީ ރަދުންގެ ހިތާބެއް، އޭގެ ދުވަސްކޮޅެއް ކުރިން ހުޅުވި ރާއްޖޭގެ ރޭޑިއޯ އިން ފޮނުވި ފުރަތަމަ ފަހަރެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނޭވެ. ތިޔަ އެންމެން ކަލުންނާއި ކަނބަލުންނަށް މުހާތަބުކުރުމުގެ ފުރުސަތު އަހުރެންނަށް ލިބުނު ހިނދު ދެތިން ކަމެއްގެ މައްޗަށް ކިތަންމެކުޑަކޮށް ނަމަވެސް. އަހުރެމެންގެ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރަމެވެ. ދެވަނަ އަށް ރައްޔިތުންނަށް ހަނދާންކޮށްދެނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ކަމެވެ،" ރަދުންގެ ބަސްފުޅު އިއްވަވަމުން އަދުނާން ހުސެއިން ވިދާޅުވި އެވެ.

މުހައްމަދު ފަރީދު ރަސްމީ އިއްޒަތުގައި ހުކުރަށް ވަޑައިގަންނަވަނީ.

މުހައްމަދު ފަރީދު ރަސްމީ އިއްޒަތުގައި ހުކުރަށް ވަޑައިގަންނަވަނީ.

އެ އަހަރުގެ ޖުލައި 22 ގައި ފާހަގަކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި ވެސް ރަދުން ހިތާބެއް ފޮނުއްވި އެވެ. މި ފަހަރު އެމަނިކުފާނުގެ އަޑުފުޅުން ރެކޯޑްކުރައްވައިގެންނެނެވެ. މިއީ ރަސްކަލެއްގެ އަޑުފުޅުން، ރޭޑިއޯ އިން ފޮނުވި ފުރަތަމަ ހިތާބެވެ. އެ ދުވަހު ރަދުން ދެއްކެވި ވާހަކަފުޅުގައި ވަނީ ބޮޑުވަޒީރު ނާސިރު ދައްކަވާ ގޮތުގެ މަތީން ގައުމުގެ ކަންތައްތަކައިގެން ކުރިއަށް ދިއުމުގައި ކޮންމެ މީހަކުމެ އެ މީހެއްގެ ވާޖިބު އަދާކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.

އެފަދަ ރަސްމީ ބައެއް ކަންކަން ކުރެއްވުން ފިޔަވައި ރަދުން ގިނަ ވަގުތު ހޭދަކުރެއްވީ ބޮޑުގަނޑުވަރުގައި، އަމިއްލަފުޅު ކަންކަން ކުރެއްވުމުގަ އެވެ. އޭގެ ތެރެއިން ވެސް ބަގީޗާ ހެއްދެވުމަށް ވަރަށް ބޮޑަށް ވަގުތު ދެއްވެވި އެވެ. އެއް ދުވަހެއްގައި ބަގީޗާ ހެއްދެވުމުގެ ތެރެއިން ސަމާސާއެއް ވިހަވެ، ފަހުން ހިތާމަފުޅުކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ވެސް ދިމާވި އެވެ.

އެގޮތުން، ރަދުން ބޭރުން ގެންނެވި ވަރަށް ތަދު ގަހެއްގެ ހޯލިކޮޅު ކޮށާލަން، ބޮޑުގަނޑުވަރުގެ ބަގީޗާ ބަލަހައްޓާ މުހައްމަދު އިބްރާހީމް (ކިނބިދޫ ސައިބެ) ގާތު ވިދާޅުވެ، ހޯލިކޮޅަށް ކުރެއްވި އިޝާރާތްތަކުން ވެސް ކޮށަންވީ ދިމާއެއް ނޭގުމުން، ސައިބެ ހިސާބަކަށް ރުޅި އައިސް ގަހުގެ ކުރިކޮށާލީ އެވެ. ރަދުން އެކަމާ ވަރަށް ބޮޑަށް ކޯފާވުމުން، ސައިބެ ބިރުން ގަނޑުވަރު ދޫކޮށް ދިޔައީ އެވެ.

ސައިބެ ބަލާ މާބަނޑޭރި އޮފީހުން ދިއުމުން ވެސް އޭނާ އެނބުރި އަންނަން އެއްބަހެއް ނުވި އެވެ އެކަމަކު ސައިބެއާ އެއްވެސް ހިތްޕުޅުހަމަނުޖެހުމެއް ނުބާއްވަވަ އެވެ. ވަޒީފާ އިން ވަކިކުރެއްވީ ވެސް ތިން މަހު މުސާރަ ފޮނުއްވައި، އޭނާ އާދެތޯ ބައްލަވައިފަ އެވެ. އޭގެ ފަހުން އެއް ދުވަހެއްގައި ރަދުން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް، ބާޒާރުމަތިން ސައިބެ ފެނިވަޑައިގެން ބިއްލޫރިގަނޑު ތިރިކުރައްވައި ހާލު އެއްސެވި އެވެ.

މުހައްމަދު ފަރީދު އަށް އިނގިރޭސި ސަރުކާރުން އިއްޒަތެއް އަރުވަނީ.

މުހައްމަދު ފަރީދު އަށް އިނގިރޭސި ސަރުކާރުން އިއްޒަތެއް އަރުވަނީ.

މުހައްމަދު ފަރީދަކީ، އެކުވެރި ބޭފުޅުންނާ ގާތް ގުޅުމެއް ބެހެއްޓެވި، ހިތްޕުޅު ތިރި ވެރިއެކެވެ. ބަގީޗާގައި ހައްދަވާ ގިނަ ބާވަތްތައް ވެސް ދެއްވަނީ އެ ބޭފުޅުންނަށެވެ. އެލޯވެރާ ގަހެއް އިންދަވައި އޭގެ ފަތްތައް، ފަނިގިރަން ރަށްޓެހި ބޭފުޅުންނަށް ފޮނުއްވުމަކީ ރޯދަމަހު ވަރަށް ގިނައިން ކުރެއްވި ކަމެކެވެ. އެއް ފަހަރަކު ސިލޯނަށް ކުރެއްވި ދަތުރުފުޅެއްގައި، ހެލިބޮރެންޖް ވިޓަމިން ސީ ގެ ބައިވަރު ކާޑުތަކެއް ބައްލަވައިގެންނެވި އެވެ. މާލޭގައި ރަދުން ފާމަސީއެއް ހުޅުއްވަނީތޯ، ކެމިސްޓް ސުވާލުކުރުމުން ހިނިފުޅުވަޑުވާފައި ވިދާޅުވީ ރަށްޓެހިންނަށް ގެންދަވާ އެއްޗެއް ކަމަށެވެ.

އޭގެ ފަހުން އެއް ދުވަހެއްގައި، އަތިރީމާފަންނުގޭ ޓްރޭޑިން އަށް މުންޑުތަކެއް ގެނައި ހަބަރު ލިބިވަޑައިގެން މުންޑުކޮޅުތަކެއް ނަންގަވަން ވަޑައިގެންނެވި އެވެ. ނާސިރު ވިދާޅުވީ ރަދުން ބޭނުންފުޅު މުންޑެއް ނަންގަވަން، ގަނޑުވަރަށް މުންޑު ބަންޑެލިތައް ފޮނުއްވާނެ ކަމަށެވެ. ލިބިވަޑައިގަތުމުން ރަދުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ މުންޑުކޮޅުތައް ނަންގަވައި ބާކީ ރަށްޓެހި ބޭފުޅުންނަށް ބައްސަވާލެއްވެވީ އެވެ.

މުހައްމަދު ފަރީދަކީ ދީލަތިކަމުގައި އެފަދަ ދެ ވަނަ އެއް ނެތް ފަދަ ބޭފުޅެކެވެ. އެއް ދުވަހެއްގައި، އެމަނިކުފާނަށް ވާހަކަ ކިޔައިދޭ އިރުފުހޭ އިބްރާހީމް މަނިކަށް، ރަދުންގެ ތާކިހާކޮޅެއް ވެސް ދެއްވި އެވެ. އޭނާ އެ އަޅައިގެން އޮލިމްޕަހަށް ދިއުމުން، އެރޭ އެތަނަށް ގޮސް ތިބި ރަޝިއާ މަނަވަރެއްގެ ބަޔަކު، އެއީ ރަދުންކަމަށް ހީކޮށް ސެލިއުޓް ވެސް ނެގި އެވެ.

ތިން ކައިވެނިފުޅެއް ކުރެއްވި މުހައްމަދު ފަރީދަށް ލިބިވަޑައިގަތީ އެންމެ ބޭފުޅެކެވެ. އެކަމަކު ތުއްޕުޅުއިރު އެ ބޭފުޅާ އަވަހާރަވީ އެވެ. އަދި މުހައްމަދު ފަރީދު ރަސްކަމުގައި ހުންނަވަނިކޮށް، އަނބިކަނބަލުން ވެސް މި ދުނިޔެ ދޫކުރި އެވެ. އެކަމަނާ އަވަހާރަވީ އަމިއްލަފުޅަށެވެ. އެމަނިކުފާނުގެ އުފާފުޅަކަށް ހެއްދެވީ އަމިއްލަފުޅު ދުނިޔެއެކެވެ. އެމަނިކުފާނަށް ހާއްސަކޮށް އަތަރުލައިގެން އަނބުރާ ރަށުބިޑި ހިއްޕެއްވުމާއި މާލޭން އެންމެ މީރު ގިތެޔޮ ބޯކިބާ ފިހާ ގެޔަކުން އެ ގެންނަވައި ފަރިއްކުޅުއްވުން ފަދަ ކަންކަމެވެ. ހަކުރުބަލީގައި އާލާސްކަންފުޅެއް ހުންނާތީ، އެފަދަ ކަންކަމާ ދުރުވާން އަރިހު ބޭފުޅުން ނަސޭހަތް ދެއްވި ނަމަވެސް މާބޮޑު ފަރުވާލެއް ނުބަހައްޓަވަ އެވެ. މެންދުރުކުރީގައި ބަގީޗާ ހައްދަވަން އުޅުއްވުމަށް ފަހު މެންދުރުފަހުން އޮންނާނީ ކާރު ބުރެވެ. ރޭގަނޑު އޮންނާނީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމެވެ. މާލެ އާއި ރަށްރަށުގެ ބޮޑުބެރު ގްރޫޕުތަކާއި ތާރަ ގްރޫޕުތަކާއި ލަނގިރި ގްރޫޕުތައް ގެންނަވައިގެން ޝޯތައް ބާއްވަވަ އެވެ.

މުހައްމަދު ފަރީދު، އަސްކަރީ ރަސްމިއްޔާތެއް އިންސްޕެކްޓްކޮށްދެއްވަނީ.

މުހައްމަދު ފަރީދު، އަސްކަރީ ރަސްމިއްޔާތެއް އިންސްޕެކްޓްކޮށްދެއްވަނީ.

ގައުމުގެ ވެރިކަމަކީ ރަދުން ބެހިވަޑައިގަންނެވި ކަމެއް ނޫނެވެ. ބޮޑުވަޒީރު ނާސިރަށް، އެއްވެސް އުނދަގޫފުޅެއް، ރަދުންގެ ފަރާތުން ކުރިމަތިނުވެ އެވެ. އެކަމަކު ނާސިރު ބޭނުންފުޅުވީ، ރަދުންނަށް އޮތް ރަމްޒީ ޒިންމާތައް ވެސް ނެންގެވުމަށެވެ. ދައުލަތުގެ ވެރިކަމަކީ ވެސް އެމަނިކުފާނަށް އޮންނަން ޖެހޭ ކަމަކަށް ހައްދަވަން ބޭނުންފުޅުވި އެވެ. އެކަމަށްޓަކައި ނާސިރު އެންމެ ފުރަތަމަ ކަމަކީ، ބޮޑުގަނޑުވަރުން ބައެއް ތަޅާލަން ފެށުމެވެ. ނޮވެމްބަރު 11، 1968 ގައި ރާއްޖޭގެ ރަސްކަން، އަލުން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، ރަދުން މަގާމުން ދުރުކުރެވި، ނާސިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތީ، ރަސްކަން އަލުން އިއާދަވެދާނެ ފަދަ ހުރިހާ ކަމެއް މުލުން ލުހެލުމަށް ފަހު އެވެ. ރާއްޖޭގެ އެތައް ޒަމާނެއްވީ ރަސްކަމުގެ ތާރީހާ ގުޅިފައިވި ބޮޑުގަނޑުވަރު ބިމާ ހަމަކުރެއްވީ އެވެ.

އެކަމަކު މުހައްމަދު ފަރީދު ވިދާޅުވި ކަމަށް ވަނީ އެ ހުރިހާ ކަމެއް ނުކޮށް ތިމަން މަނިކުފާނު ގާތު ވިދާޅުވި ނަމަ ރަސްކަން ދޫކުރެއްވީސް ކަމަށެވެ. ރަދުން އުޅުއްވަނިކޮށް ބޮޑުގަނޑުވަރު ރޫޅާލަން ފެށުމާއި، ހަކުރާގެ ވެސް ދައުލަތަށް ނަގައި އެތަނުގެ ގަސްތައް ކަނޑާލުމުން މުހައްމަދު ފަރީދަށް ވަރަށް ފުން އަސަރުތަކެއް ކުރި އެވެ.

އެގޮތުން ރަސްކަމަށް ފަހު، އަމިއްލަފުޅު ގެކޮޅު ކަމަށްވާ މާބަގީޗާގެގައި އުޅުއްވަނިކޮށް އެއް ރޭ ސިއްހީ ހާލުކޮޅު ވަރަށް ދެރަވި އެވެ. މެންދަމުން އަލިވިއިރު ވެސް ކޮޓަރިކޮޅަށް ވަޑައިނުގެން އޮންނެވީ ސޯފާގަ އެވެ. އަރިހު ބޭފުޅަކު އައިސް ބެލިއިރު އަތްޕުޅުގައި ވާތްގި ނެތެވެ. އެދިވަޑައިގަތީ އިބްރާހީމް ޝިހާބަށް ދަންނަވާލުމަށެވެ. ޝިހާބު ވަޑައިގެން ހޮސްޕިޓަލަށް ގެންދަވަން މަސައްކަތްކުރެއްވުމުން ގަބޫލުފުޅެއް ނުވި އެވެ. އެކަމަކު ހާލުކޮޅު އިތުރަށް ދެރަވުމުން ސެންޓްރަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެއްވަމުން ގެންދަވަނިކޮށް، މާޗު 27، 1969 ގައި އުމުރުފުޅުން 68 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އެވެ.

ދައުލަތާއި ސަރުކާރުގެ އެންމެ އިސް މަގާމުތައް ފުރުއްވި އެކަމަކު، އެ މަގާމުތަކުގެ ނަމާ އެއްވަރުގެ ބާރެއް ލިބިވަޑައިނުގެންނެވި ބޭފުޅެއްގެ ގޮތުގައި މުހައްމަދު ފަރީދުގެ ނަންފުޅު ތާރީހުގައި ލިޔެވިގެން ދިޔައީ އެވެ. އެކަން އެހެން ދިމާވީ، އެއީ އެމަނިކުފާނުގެ ޝަހުސިއްޔަތުގެ ބަލިކަށިކަމުން ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ ފަހަތުގައި ހުންނަވަން ޖެހިވަޑައިގެންނެވީ، ސުލްހައަށް ކުރެއްވި ލޯތްބާއި އެހެން މީހުންނަށް ދެއްވި އިހުތިރާމުގެ ސަބަބުން ކަމަށެވެ. ވެރިކަމުގެ އާރާއި ބާރަށް ވުރެ އެމަނިކުފާނު ލޯބިކުރެއްވީ، ވެރިކަމުގެ އިއްޒަތާއި ޝަރަފަށެވެ. ރަދުންގެ ދިދަ ޖެހި ކާރުކޮޅުގައި ބުރެއް ޖައްސާލެއްވުމުން ފަދަ ކަންކަމުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހިތްޕުޅުހަމަޖެހުން މާބޮޑީ އެވެ.

.....

ރިފަރެންސް: އިބްރާހީމް ޝިހާބުގެ ލިޔުއްވުންތައް، އަހުމަދު އަލާ ދީދީ، އުތީމު އާދަމް އަބްދުއްރަހްމާން، އައްބާސް އިބްރާހީމް، ރަބީއުގޭ އަބްދުﷲ މުފީދު، އަނދުން ހަސަން މަނިކު. މުހައްމަދު މުއިއްޒު އަދުނާން.