Roadha Mihaaru
މާލޭގެ ދަފްތަރު އުވާލަން ޖެހޭ: އަސްލަމް

މާލޭގެ ދަފްތަރު އުވާލަން ޖެހޭ: އަސްލަމް

10 މާޗް 2021

މާލޭގެ ދަފްތަރަކީ މާ ކުރިއްސުރެން ވެސް އުވާލަން ވެފައިވާ އެއްޗެއް ކަމަށާއި ދަފްތަރާ ހެދި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ދަފްތަރަކީ މާ ކުރިއްސުރެން ވެސް އުވާލަން ވެފައިވާ އެއްޗެއް ކަމަށާއި ދަފްތަރާ ހެދި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ދަފްތަރު އުވާލުމާ ގުޅޭ ގޮތުން މިނިސްޓަރު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ރައްޔިތުންގެ މަޖިލީހުގައި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެއްސެވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއީ އޮންނަން ޖެހޭ އެއްޗެއް ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މާލޭގައި ދާއިމީކޮށް ދިރިއުޅޭ ރަށްރަށުގެ މީހުން ރަޖިސްޓްރީވާ އެ ދަފްތަރު އުވާލަން ޖެހޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. އެއީ މާލޭގައި ދިރިއުޅެނީ އަމިއްލަ އިހްތިޔާރުގައި ކަމަށް ވާތީ ކަަމަށް ވިދާޅުވި އެވެ.

"އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި އުޅުމަކީ މާލޭގެ ރަޖިސްޓްރީގައި ޖައްސަން ޖެހޭ ސަބަބެއް ކަަމަކަށެއް ގަބޫލެއް ނުކުރަން، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިހްތިޔާރުގައި މާލޭގައި އައިސް އުޅެނީ އުފަންވީ ރަށަށް ވުރެން ކޮންމެވެސް ކަމެއް އިތުރަށް ލިބޭ ކަމަަށް ގަބޫލުކުރާތީ ދަފްތަރުގައި ޖެހިގެން ހުންނަނީ. އެކަމަކު ރަޖިސްޓްރީގައި ޖެހޭނެ ތަނެއް އޮވޭ."

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއަށް ހުޅުވާލިއިރު އެންމެ މައްސަލަ ބޮޑުވި އެއް ކެޓަގަރީއަކީ ދަފްތަރެވެ. މާލޭގެ ދަފްތަރު މީހުންނަށް 1044 ފްލެޓް ދޫކުރަން ނިންމުމުން 3،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހެޅި އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓަށް އެދި ކުރިމަތިލާން ވެގެން ގިނަ ބަޔަކު ދަފްތަރުގައި ރަޖިސްޓްރީވި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި 2018 ވަނަ އަހަރަކީ އެންމެ ގިނަ ބަޔަކު ދަފްތަރުގައި ރަޖިސްޓްރީވި އަހަރެވެ.

ގަވާއިދުގައި އޮންނަ ގޮތުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން ފަސް އަހަރު މާލޭގައި އުޅުނު ކަމުގެ ލިއުންތަކާ އެކުގައި ނަމަވެސް ރަށްރަށުގައި ދިރިއުޅުނު މީހުން ދަފްތަރުގައި ޖެހި ފްލެޓް ހޯދަން މަސައްކަތް ކުރި ކަމަށް ހައުސިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ފްލެޓް ކޮމިޓީން ވަނީ ދަފްތަރު ކެޓަގަރީން ވެސް ޝަރުތު ހަމަނުވާ ލިސްޓެއް ނެރެފަ އެވެ.