Roadha Mihaaru
ކަނޑުންނާއި ފަޅުން ދިން ގޯތި އަތުލަންޖެހޭ: އައްބާސް

ކަނޑުންނާއި ފަޅުން ދިން ގޯތިތައް އަތުލަން ޖެހޭ: އައްބާސް

19 އޯގަސްޓް 2024

ކުރީގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ކަނޑާއި ފަޅުތައް ހިއްކައިގެން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ކަނޑާއި ފަޅުތައް ހިއްކައިގެން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގައި މިއަދު ބަހުސްކުރާ ބިނާވެށި ޕްލޭންގެ ބިލަށް ވާހަކަ ދައްކަވަމުން އެމްޑީއޭގެ މެމްބަރު އައްބާސް ވިދާާޅުވީ ކުރީގެ ސަރުކާރުން ގޯތިތައް ދީފައި ހުރީ "އަތުޖެހުނު ތާކުން" ކަމަށާއި އެއީ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ގޯތިތައް ދޫކޮށްފައި ހުރީ ރަނގަޅަށް ކަމަށް ހަދައިގެން މި ސަރުކާރުން ވެސް ގޯތިތައް ދޭން އުޅެނީ ކީއްވެގެންތޯ އައްބާސް ސުވާލު އުފެއްދެވި އެވެ. އަދި އެއީ އަތުލަން ޖެހޭ ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގާނޫނު ފޮތް ކިޔައިފިން އެއްކޮޅުން އަނެއް ކޮޅަށް. ފަޅުން ގޯތި ދޭ ވާހަކައެއް ނެތް. ކަނޑުން ގޯތި ދޭ ވާހަކައެއް ނެތް. ދެން ފަޅުން ދީފައި ހުރި ހުރިހާ ގޯތިތައް ނަންގަވަންވީ ނޫންތޯ ރައީސް، އަދިވެސް ވަގުތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މާލެ މީހެއް ނަމަ ކ. އަތޮޅުގެ ކޮންމެ ފަޅެއް ހިއްކިޔަސް އެ މީހުންނަށް ހިލޭ ބިންތައް ދޫކުރަނީ ކޮން އުސޫލަކުންތޯ ވެސް އައްބާސް ސުވާލު އުފެއްދެވި އެވެ. އެހެން އަތޮޅުތަކަށް އެ އުސޫލު ނުހިނގާ ކަމަށާއި އެހެންކަމުން އެގޮތަށް ދީފައި ހުރި ހުރިހާ ބިމެއް ބާތިލް ވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން ގޯތިތަކާއި ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގެ އެހެން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށް ފަހު އެވެ. އެ ނޫން ގޮތަކަށް އެކަންކުރާ ނަަމަ ރަށްތައް ފަޅުވެ މާލެ އިތުރަށް ތޮއްޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރަށްރަށުން މާލެ ބަދަލުވަނީ އުޅެން ފަސޭހަ ވެގެން ނޫން ކަމަށާއި ސަބަބަކީ ކޮންމެ ސަރުކާރަކުން ވެސް ރަށްރަށަށް ތަރައްގީ ގެނައުމުގެ ބަދަލުގައި މާލެއިން އާ ފަޅެއް ހިއްކައިގެން މަސައްކަތް ކުރަން އުޅޭތީ ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުންނެވެ. އެއަށް ގޯއްޗެކޭ ނުކިޔޭނެ ކަމަށް ވެސް މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.