Roadha Mihaaru
ފަތުވާ މަޖިލީހުގެ މަސައްކަތް ފުޅާކުރަން ޖެހޭ: މާރިޔާ

ދީނީ ހިލާފުތަކުގައި ފަތުވާ މަޖިލީހުގެ ދައުރު ފުޅާކުރަންޖެހޭ: މާރިޔާ

09 މާޗް 2021

ދިވެހިންގެ މެދުގައި ހިލާފު އުފެދޭ ދީނީ މައްސަލަތައް ހައްލުކޮށް، އެކަން އޮންނަ ގޮތް ސާފުކޮށްދިނުމުގައި ފަތުވާ މަޖިލީހުގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހިންގެ މެދުގައި ހިލާފު އުފެދޭ ދީނީ މައްސަލަތައް ހައްލުކޮށް، އެކަން އޮންނަ ގޮތް ސާފުކޮށްދިނުމުގައި ފަތުވާ މަޖިލީހުގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލި ދިރާސާ ރިޕޯޓެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހިލާފު އުފެދޭ މައްސަލަތައް ހައްލުކޮށް، މުޖްތަމައުގެ ސުލްހަ އާއި އަމާންކަން ކަށަވަރުކުރުމަށް، ފަތުވާ މަޖިލީހުން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ އަމާޒަކީ ކުރިއްސުރެ އެކުވެރި އަދި ބަދަހި މި މުޖުތަމުގައި، ދީން ހަތިޔާރަކަށް ހަދައިގެން، ބައިބައިކޮށްލުމެވެ.

ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކުގައި މީގެ ކުރިން ޖަވާބުދާރީ ވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ ފިގްހު އެކަޑަމީންނެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ އެތަން، 2016 ވަނަ އަހަރު ވަނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ބަދަލުކޮށްފަ އެވެ.

އެތަނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް، ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމެވެ.

ދީނީ ހަރުކަށި ފިކުރާއި ދީނާ ދެކޮޅު ވާހަކަތައް ދެއްކުން މުޖުތަމައުގައި ވަނީ އިތުރުވެފަ އެވެ. އަދި ހައްދުފަހަނައެޅުމުގެ ވިސްނުން ބައެއް މީހުންގެ ހުރި އިރު، ނުރައްކާތެރި ބޮޑެތި ކުށްތައް އެ މީހުން ރާވައި އެފަދަ ކަންކަމުގައި އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. އޭގެ ތެރޭގައި ދީނުގެ ނަމުގައި ތަންތަން ގޮއްވުމާއި މީހުން މެރުމުގެ ޕްލޭންތައް ވެސް ހަދާފައިވެ އެވެ.