Roadha Mihaaru
ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކޮށްފި

ފަތުވާ މަޖިލީހަށް ރައީސް ދެ މެމްބަރަކު އައްޔަންކުރައްވައިފި

17 އެޕްރީލް 2024

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައީސް އައްޔަންކުރެއްވީ ޑރ. މޫސާ އަންވަރު ހަސަނާއި ޑރ. އަލީ ޒާހިރު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދެ މެމްބަރުންގެ ތެރެއިން ޑރ. އަލީ ޒާހިރު އައްޔަންކުރެއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރަން ޖެހޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

ޑރ. މޫސާ އަންވަރު އައްޔަންކުރެއްވީ މިނިސްޓްރީގެ ލަފާގެ މަތިން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހުގައި ފަސް މެމްބަރުން ތިބެން ޖެހެ އެވެ.

މިހާރު ފަތުވާ މަޖިލީހުގައި ތިއްބަވާ މެމްބަރުން:

- ޑރ. މުހައްމަދު ރަޝީދު އިބްރާހިމް- ރައީސް އައްޔަންކުރެއްވި މެމްބަރެއްގެ ގޮތުގައި

- ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން- ރައީސް އައްޔަން ކުރެއްވި މެމްބަރެއްގެ ގޮތުގައި

- ޑރ. މޫސާ އަންވަރު ހަސަން- އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި މެމްބަރެއް

- ޑރ. އަލީ ޒާހިރު- ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަން ކުރެއްވި މެމްބަރެއް

- އައްޝައިހް އިލްޔާސް ހުސެއިން- މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި ބޭފުޅެއް.

މީގެ 15 އަހަރު ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ގައި އުފެއްދި ފިގުހު އެކަޑެމީ ގަވައިދެއްގެ ދަށުން ވަރަށް ރަނގަޅަށް ހިންގަމުން އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ގާނޫނެއްގެ ތެރެއިން ބާރުވެރިކަން ދިނެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އެ އަހަރު ގެނައި އިސްލާހެއްގެ ދަށުން ޔާމީންގެ ވެރިކަމުގައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދި އެވެ. އެ މަޖިލިސް ޔާމީންގެ ސަރުކާރުގައި ވެސް ވަރަށް ރަނގަޅަށް ހިންގަމުން އައި ނަމަވެސް އެ މަޖިލީހުގެ ފަސް މެމްބަރުންގެ މުއްދަތު 2021 ގައި ހަމަވުމާ އެކު އެ ހިސާބުން އެ މަޖިލީހުގެ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލައިގެންދިޔަ އެވެ.

އެންމެ ފަހުން މިދިޔަ އަހަރު ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކުރީ ވެސް އެ މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.