15 ޖެނުއަރީ 2018
ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާ ދިވެހިންގެ އަދަދު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާ ދިވެހިންގެ އަދަދު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން ކޯސްޓްގާޑް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދިޔަ އަދަދު މީގެ ކުރިން އުޅެނީ 49 ގައި ނަމަވެސް މިހާރު އެ އަދަދު 61 އަށް ބަދަލުވެފައިވާ ކަމަށެވެ.
މިއީ އެ އަދަދު ސަރުކާރުން 2016 ވަނަ އަހަރު އިއުލާނު ކުރި ފަހުން 12 މީހުންގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ހަނގުރާމަ އަށް ދާން އުޅުނު 68 މީހަކު ވެސް ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހިފަހައްޓައިފަ އެވެ. އެއީ 59 މީހަކާއި ނުވަ ކުޑަކުއްޖެއް ކަމަށް މިނިިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކުޑަކުދިން ހިފެހެއްޓީ އެ މީހުންގެ އާއިލާއާ އެކު ހަނގުރާމަ އަށް ދާން އުޅެނިކޮށް ކަމަށެވެ. ހަނގުރާމައަށް ދާން އުޅުނު 12 މީހަކު ތުރުކީން ހިފެހެއްޓި އިރު 13 މީހަކު އެކި ގައުމުތަކުން އަދި 21 މީހަކު މާލޭން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.
އިންޓެލިޖެންސް މައުލޫމާތުތަކުގެ އަލީގައި ހޯދައިގަތް އެ މީހުން ހުއްޓުވީ ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެންސީޓީސީ ފަދަ އިދާރާތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަނގުރާމަ އަށް ދިޔަ މީހުންގެ އަދަދު ޔަގީންކޮށްފައި ވަނީ ފުލުހުންނާއި ސިފައިން އަދި އެންސީޓީސީ އަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ގޮސްތިބި ދިވެހިންތަކެއް ހަތިޔާރުތަކެއް ހިފައިގެން.
ހަނގުރާމައަށް ދާން އުޅެނިކޮށް މީގެ ކުރިން ވެސް ގިނަ ދިވެހިންތަކެއް ވަނީ ހިފަހައްޓާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ އެފަދަ ހަތް މައްސަލައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އިތުރު މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ.
"ހަނގުރާމަ އަށް ދާ މީހުންގެ އަދަދު އިތުރު މިވަނީ، އަޅުގަނޑުމެން ކުރިން ވެސް ދަންނަވަމުން އައި ފަދައިން ދީނީ ގޮތުން އެންމެ ސައްހަ މައުލޫމާތު ނުލިބޭތީ. ނޫނީ އެކަމާ ގުޅޭގޮތުން އެންމެ ރަނގަޅަށް އޮޅުން ފިލުވައިނުދެވޭތީ. އެކަން ހައްލު ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ސީރިއާގެ ބައެއް ހިސާބުތަކުގައި ހަނގުރާމަ ނިމުނުކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އަދި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާ އަށް ދިޔަ އެހެން ގައުމުތަކުގެ މީހުން އެނބުރި ގައުމުތަކަށް ދާ ކަމަށް ވަނީ އެނގިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައި ތިން މީހަކު ވަނީ ހިފަހައްޓާފަ އެވެ. އަދި އެހެން ދިވެހިންނަށް ވެސް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ މީހުން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދިޔުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމަކަށް ވާތީ އޭގެ ދަށުން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ ބިރެއް ނެތް ކަމަށާއި ރާއްޖޭގެ މާހައުލު މީގެ ދިހަ ވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ތަފާތެއް ނެތް ކަމަށެވެ. ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބަޔަކު 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ދިން ހަމަލާ އަށް ފަހު މިހާތަނަށް އެފަދަ ހަމަލާއެއް ދީފައި ނެތް ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ގިނައިން ހިންގާފައި ވަނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓެރަރިޒަމަށް ހަރަދުކުރާ ބަޔަކު ރާއްޖެއަކު ނެތް"
ހަރުކަށިކަން އިސް ނުކުރަން ރައީސް އިލްތިމާސްކުރައްވައިފި
ހުވަފަތްވި ހަ މީހަކު އެނބުރި ރާއްޖެ އަންނަން ބޭނުން
ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް ކަނޑައަޅައިފި
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި
ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
ސީރިއާގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓެއް!