Roadha Mihaaru
"ޓެރަރިޒަމަށް ހަރަދުކުރާ ބަޔަކު ރާއްޖެއަކު ނެތް"

ޓެރަރިޒަމަށް ހަރަދުކުރާ ބަޔަކު ރާއްޖެއަކު ނެތް: ޑިފެންސް މިނިސްޓަރު

22 ސެޕްޓެމްބަރ 2016

ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދުކުރާ ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދުކުރާ ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ވެސް ރާއްޖޭގައި ޓެރެރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ހިންގަން މަގުފަހިވާނެ ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ހޭދަކުރާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހާއްސަ ގޮތެއްގައި ކްރިމިނަލްސް ނުވަތަ ކުށްކުރެވިފައި ތިބޭ މީހުން ޖަލުން ދޫކޮށްލާއިރު އެ މީހުންނަށް އަމާޒުކޮށްގެން ނުވަތަ މީހުން ރެކްރޫޓްކުރުމަށްޓަކައި ފަރުދީ ގޮތުން މަސައްކަތްކުރާ ވަކިވަކި މީހުން ތިބޭ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދުކުރާ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ސަރުކާރުން ބުންޏަސް، އެއީ ރާއްޖޭގައި ހިނގަމުންދާ ކަމެއް ކަމަށް އެމެރިކާ ފަދަ ގައުމުތަކުން ވަނީ ބުނެފަ އެވެ. އެމެރިކާ އިން އަހަރަކު އެއްފަހަރު ނެރޭ ޓެރަރިޒަމް ރިޕޯޓުގައި ރާއްޖޭގެ ހާލަތު ބަޔާންކުރާއިރު ވެސް އެ މައްސަލަ ހިމަނާފައިވެ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ހަނގުރާމަ އަށް މީހުން ފޮނުވަނީ ނެޓްވޯކަކަށް ވުރެ ބޮޑަށް ސީދާ ވަކިވަކި މީހުން ކުރާ މަސައްކަތެއްގެ ގޮތަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ މިންވަރަށް މައުލޫމާތު އެއްކުރެވިއްޖެ ނަމަ، ފިޔަވަޅު އަޅަން ފުލުހުންނަށް އަންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެރެރިޒަމްގެ ހަމަލާއަކުން ދިފާއުވުމަށް ދިވެހި ސިފައިން އަބަދު ވެސް ތަމްރީނު ހަދަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި މަހުގެ ކުރީކޮޅު ލ. އަތޮޅުގައި ތަމްރީނުތަކެއް ހެދުމަށް ފަހު، މިހާރު އެމްއެންޑީއެފްގެ ނޮދަން އޭރިއާގައި ތަމްރީނުތަކެއް ހަދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މެދުނުކެނޑި ތަމްރީނު ޕްރޮމްތައް ހިންގަމުން ދަނީ. އަޅުގަނޑުމެން މިއޮތީ ފުރިހަމަ އަށް އެ ކަމަށް [ޓެރެރިޒަމްގެ ހަމަލާއަކަށް] ތައްޔާރުވެގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި، ކައުންޓަ ޓެރެރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ކާނަލް އަބްދުއްރަހީމް ވިދާޅުވީ ޓެރިޒަމަކީ އިސްލާމް ދީނާ ގުޅުން ހުރި ކަމެއް ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ކުރާ ދިރާސާތަކުން ދެއްކި ނަމަވެސް އެއީ މުޅިން އިސްލާމް ދީނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

ކައުންޓަ ޓެރެރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކާނަލް އަބްދުއްރަހީމް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކައުންޓަ ޓެރެރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކާނަލް އަބްދުއްރަހީމް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއިން ހަނގުރާމަތަކަށް ދާ ގިނަ މީހުންނަކީ ކޮންމެ ވެސް ޖިނާއީ ކުށެއްގެ ރެކޯޑް އޮންނަ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މީގެ ތެރެއިން ފާހަގަކުރެވުނު އެއް ކަމަކީ ހާއްސަކޮށް އަޅުގަނޑުމެންނަކީ 100 ޕަސެންޓް އިސްލާމް ގައުމަކަށް ވާއިރު، އަޅުގަނޑުމެންގެ ތެރޭގައި ކުށްތަކަށް އަރައިގަނެވިފައި ތިބި މީހުން އެ މީހުންނަށް މި ހަރުކަށި ވިސްނުން ލައިދިނުމަށްޓަކައި ދެކެވޭ އެންމެ ބޮޑު ވާހަކައެއްގެ ގޮތުގައި މި އޮންނަނީ [ޖިހާދުކުރުމުގެ ވާހަކަ]،" އޭނާ ވިދާޅުވި އެވެ.

"އެ މީހުންނަށް ލައިދެވޭ މެސެޖަކީ ދެން އެހެން އެއްވެސް ގޮތެއް ނެތޭ ސަލާމަތްވާކަށް. ހަމައެކަނި އޮތް ގޮތަކީ ޖިހާދުކުރުމޭ. އެހެން ނަމަވެސް ޖިހާދުކުރުން ރަނގަޅަށް ބުނެ ނުދެވި، އޭގެ ނުބައި މައުލޫމާތު ދެވި، އެ މީހުންގެ ސިކުނޑިތަކަށް މި ވައްދައި ދެނީ ރާއްޖެއިން ބޭރުގެ ހަނގުރާމަތަކަށް ގޮސްގެން މަރުވުން ނޫން އެހެން އެއްވެސް ގޮތެއް ނެތޭ ކުށްތަކުން ސަލާމަތްވާން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސެންޓަރުން ކުރި ދިރާސާ އިން އެނގުނު ގޮތުގައި އެފަދަ ފަރާތްތަކަށް ނުބައި ގޮތަކަށް ވިސްނައިދޭން ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުންކޮށްފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހަނގުރާމަކުރަން ގޮސް އުޅޭ މީހުންގެ ފަރާތުން އެކި މެސެޖު ޕާސްކުރުމުގެ އިތުރަށް، އެކުގައި އުޅޭ ރައްޓެހިގެން އަދި އާއިލާގެ ފަރާތުން ވެސް އެ ގޮތަށް ވިސްނައި ދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.