Roadha Mihaaru
ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް

ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް

19 ސެޕްޓެމްބަރ 2019

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދެ އެވެ. އެ ގާނޫނުގެ ވަކި ބައިތަކެއް މާނަކޮށްގެން، ސިޔާސީ މީހުން މައިތިރިކުރަން ބޭނުންކުރާ އެއްޗަކަށް ވެދާނެކަމުގެ ބިރެވެ. އެކަން ރާއްޖެ އިން އަބަދުމެ ފެނެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދެ އެވެ. އެ ގާނޫނުގެ ވަކި ބައިތަކެއް މާނަކޮށްގެން، ސިޔާސީ މީހުން މައިތިރިކުރަން ބޭނުންކުރާ އެއްޗަކަށް ވެދާނެކަމުގެ ބިރެވެ. އެކަން ރާއްޖެ އިން އަބަދުމެ ފެނެ އެވެ.

ކުރީގެ ރައީސް، އަދި މިހާރު ރައްޔިތުނގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރި ޓެރަރިޒަމް ދައުވާއާ ގުޅިގެން 13 އަހަރުގެ ޖަލު ހުކުމެއް އަ އެވެ. މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ފަދަ ބޭފުޅުންނަށް ދައުވާކޮށް، ޓެރަރިޒަމް ގާނޫނުގެ ބިރު ދެއްކި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފަދަ ބޭފުޅުން ޓެރަރިޒަމްގެ ގާނޫނުގެ ތެރެއަށް ފައްތާނެ ކަން ކުރިން އެނގިވަޑައިގަތުމާ އެކު، ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި މި ހުރިހާ ކަމެއް މިހާރު އެއީ މާޒީ އެވެ. އެކަމަކު މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް، ޓެރަރިޒަމްގެ ގާނޫނަށް ހުށައެޅި އިސްލާހުތަކާ އެކު އެ ހަނދާންތަކުން ދުރަކަށް ސިޔާސީ ބައެއް މީހުންނަކަށް ނުދެވެ އެވެ.

ޓެރަރިޒަމްގެ ބައެއް ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކުރެވޭ ގޮތަށް ބިލްގައި އޮންނާތީ، ބައެއް މީހުން ގަބޫލުކުރަނީ، ތަފާތު އުޒުރުތައް ދެއްކުމަށް ފަހު ސިޔާސީ މީހުންގެ ފަހަތުން އަނެއްކާ ވެސް ދުއްވައިގެންފާނެ ކަމަށެވެ.

އެކަމަށް ސަރުކާރުން ދޭ ރައްދަކީ މިއީ އެވެ؛

މިއީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހުއްޓުވަން އަޅާ ފުރަތަމަ ފިޔަވަޅެވެ! ސިޔާސީ މީހުންގެ އަތްފައި ބަންނަ ހަތިޔާރަކަށް ބިލް ނުވާނެ އެވެ. ބިލަށް އަލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ސިޔާސީ މީހުންގެ ފަހަތުން ދުވުން ވެސް ނިމުމަކަށް އަންނާނެ އެވެ. އެއްވުމެއްގައި ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކުޑަ ކަމަކުން ޓެރަރިޒަމްގެ ގާނޫނުގެ ތެރެއަށް އެމީހަކު ނުފެތޭނެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި (ކ) ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި (ކ) ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް.

ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބިލުން ބުނާ މަގްސަދުތައް

- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން.

- ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން.

- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން.

- މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުން.

- އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވާ ހާލަތެއް ކުރިމަތިކުރުވުން.

- އުމްރާނީ ވަސީލަތެއް ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.

- ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުން ކުރުން.

ބޭރު ގައުމުތަކުގައި ޓެރަރިޒަމްގެ ގާނޫނު އޮންނަނީ ކިހިނެއް؟

މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް ފަދަ ބޮޑެތި ގައުމުތަކުގައި ޓެރަރިޒަމްގެ ގާނޫނު އޮތީ ވަރަށް ހަރުކަށިކޮށެވެ. އެ ގައުމުތަކުގެ ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ. ކުށުގެ ތުހުމަތުކުރެވޭ މީހާ އެތައް ގަޑިއިރެއް ވަންދެން ބަންދުގައި ބެހެއްޓެ އެވެ. އެއީ މައްސަލައިގެ ސީރިއަސްކަން ބޮޑުކަމުންނާއި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގެ ބޭނުމުގަ އެވެ. ޓެރަރިޒަމްގެ ކުށްތައް ކުރާ މީހުންނަށް އެ ގައުމުތަކުގައި ވެސް އޮތީ ބޮޑެތި ޖަލު ހުކުމްތަކެކެވެ.

މެލޭޝިއާގައި އޭޕްރީލް 7، 2015 ގައި އަމަލު ކުރަން ފެށި ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތެއް ކުރުމެއް ނެތި ދެ އަހަރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު އެ ގައުމުގެ ފުލުހުންނަށް ލިބެ އެވެ.

މެލޭޝިއާގެ ގާނޫނުގައި ބުނާ ގޮތުން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެކަށީގެންވާ ސަބަބެއް އޮވެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރު ވެސް ކުރެވިދާނެ އެވެ. ފުލުހުން އެމީހަކު ހައްޔަރު ކުރާތާ ހަތް ދުވަހުގެ ކުރިން ޕްރޮސެކިއުޓަ ޖެނެރަލަށް އަންގަން ޖެހެ އެވެ. އެމީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން ލާޒިމް ކުރެ އެވެ.

ގާނޫނުގައި ބުނާ މަގްސަދުތަކާ ހިލާފަށް ސިޔާސީ ގޮތުން ހިންގާ ހަރަކާތަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ގަބޫލުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ސިންގަޕޫރުގައި އަމަލުކުރަމުން އަންނަ ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފައިސާ ހަރަދު ކުރާ މީހެއް ނަމަ، އެމީހަކު 10 އަހަރަށް ޖަލަށް ލުމުގެ ބާރު ލިބެ އެވެ. އަދި އެ ކުށެއް ސާބިތުވާ މީހަކު 500،000 ޑޮލަރުން (7.7 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރާނެ އެވެ.

"ފަރުމާ ކުރީ ސިޔާސީ މީހުންނަކަށް ނޫން، ޓެރަރިސްޓުންނަށް"

މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބިލްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހަނިވުމެވެ. ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ގާނޫނުއަސާސީގައި އޮންނަ އިރު، ބިލުގައި ވަނީ އެ މުއްދަތު 48 ގަޑިއިރަށް ދިގުކޮށްފަ އެވެ.

"ހާލަތު ނިޔާކުރާ ގޮތުން ވަކީލެއްގެ އެހީތެރިކަން ފޯރުނުކޮށްދީ 48 ގަޑިއިރު ބެހެއްޓިދާނެ. މިކަހަލަ ކަންކަން ހުރީމަ އަޅުގަނޑުމެން ކަންބޮޑުވަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސީރިއާގައި ހަނގުރާމަ ކުރަމުން އަންނަ ދިވެހިން. ބައެއް ދިވެހިން ވަނީ މަރުވެފައި.

ސީރިއާގައި ހަނގުރާމަ ކުރަމުން އަންނަ ދިވެހިން. ބައެއް ދިވެހިން ވަނީ މަރުވެފައި.

ގާނޫނު އަސާސީގެ 16 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ވެސް ހިފެހެއްޓިދާނެ އެވެ. އެކަމަކު އެކަން ކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ގާނޫނު އަސާސީ ލާޒިމްކުރެ އެވެ. އެއީ ގާނޫނުގެ ދަށުން ވެސް ހައްގު ހަނިކުރަނީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި އެ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރާ މިންވަރަކަށް ކަމަށް ވުމެވެ.

ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ތުހުމަތުކުރެވޭ މީހާ އަށް ވަކީލަކާ އެކު ތަހުގީގު ކުރިއަށް ގެންދަން، މިހާރުގެ ބިލުން، ހުރަހެއް ނޯންނާނެ ކަމަށެވެ. އެކަމަކު އެފަދަ މީހަކު ވަކީލަކާ އެކު އެކަހެރި ބައްދަލުވުމެއް ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއަކަށް ބަލާފައި، އެ ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ނުލިބިދާނެ އެވެ. އެހެންކަމުން އެއީ، އަފީފް ގަބޫލުކުރައްވާ ގޮތުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެކެވެ.

"އެކަހެރި ބައްދަލުވުން ބޭއްވީމަ، ވަކީލް ގޮސް އެހެން މީހެއް ކައިރީ ދައްކާ ވާހައަކުން ހެކި ފޮރުވަފާނެ. އޭރުން މި ކުރަން އުޅޭ ކަންތައްތަކުގެ ނަތީޖާ ހާސިލެއް ނުވާނެ،" އަފީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމަށް ވެއްޖެ ނަމަ، އާންމު އުސޫލެއްގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ފިޔަވަޅު އެޅިދާނެ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ނުކޮށް ކުއްލިއަކަށް އެހާ ބޮޑެތި ބާރުތަކެއް ދޭ ކަމަށްވާ ނަމަ، އެކަށީގެން ނުވާ ކަމެއް ކުރުމުގެ ފުރުސަތު އޮތުމަކީ، އޭނާ ސިފަކުރެއްވި ގޮތުން ނަމަ، "ވަރަށް ބިރުވެރި ކަމެކެ"ވެ.

އަފީފް ވިދާޅުވީ ޓެރަރިޒަމްގެ ބިރުވެރިކަން އޮތީ ހަމައެކަނި ރާއްޖެ އަށް އެކަނި ނޫން ކަމަށެވެ. ބިލްގެ ބޭނުމަކީ އެފަދަ ހަމަލައެއް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކަމާ އެކު ކުރުމުގެ ބާރު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވެސް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނު މިހާރު އޮތީ ސިޔާސީ މީހުންގެ ފަހަތުން ދުވާ ގާނޫނެއްގެ ގޮތުގަ އެވެ. ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް ޓެރަރިޒަމް ގާނޫނު ބައްޓަންވެފައި ނެތުމާއި ޓެރަރިޒަމްގެ އަމަލުތަކަކީ އާދައިގެ ކުށްތަކަކަށް ނުވާ އިރު، އެފަދަ ކުށްތައް ކުރުމުގެ ކުރިން ހުއްޓުވަން ގައުމުތަކުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަސާސީ ހައްގުތައް ހިފަހައްޓަނީ ދުނިޔޭގެ އެހެން ގައުމުތަކުން ގެންގުޅޭ މިންގަނޑުގެ ތެރެއިންނެވެ.

ތިމަންނަ ގަބޫލު ކުރާ ފިކުރެއް، ގަބޫލު ނުކުރާ މީހެއްގެ މުދަލާއި ލޭ ހުއްދަ ކުރަން ގޮވުން ހުއްޓުވަން މިއުޅެނީ. ހަގީގަތުގައި އެއީ ޓެރަރިޒަމަކީ. --- އަފީފް

"ހަގީގަތުގައި މިކަމުން އަންނާނެ ބަދަލަކީ ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް ޓެރަރިޒަމް ތަފްސީލްވެފައި އޮތުން،" ޓެރަރިޒަމްގެ ބިލް ދިފާއު ކުރައްވައި އަފީފް ވިދާޅުވި އެވެ.

"ސިޔާސީ މީހުންނަށް ފިޔަވަޅު އެޅޭ ކަމަށް ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. ސިޔާސީ ކަމެއް ކުރީމަ، ކުށްވެރިއެއް ނުވާނެ. އެކަމަކު ސިޔާސީ މީހަކު ވެސް ޓެރަރިޒަމާ ގުޅޭ ކަމެއް ކޮށްފި ނަމަ، ކުށްވެރިވާނެ."

ސަރުކާރުން އެ ބިލް ދިފާއުކުރެއްވިޔަސް އާދަމް ޝަރީފުގެ ހިޔާލު މުޅިން ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތްތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެވެ. އަދި ސިޔާސީ މީހަކު ހައްޔަރުކުރުމުން، ބޭރު ދުނިޔެ އިން އެކަމާ ދެކޮޅަށް ތެދުވިޔަސް، ދީނީ އިލްމުވެރިންގެ ހިމާޔަތުގައި އެ އަޑު ނީވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާ މީހުންނާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބޭރުގެ އެއްބާރުލުމެއް ލިބިދާނެ ކަމާ ދޭތެރޭގައި ޝައްކު،" ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު ގާނޫނުއަސާސީއާ ހިލާފަށް ސިފައިން ކުރި އެތައް ކަމެއް، އޭރު ދިފާއުކުރެއްވި އާދަމް ޝަރީފް، ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ބިލުން މަނާކުރަން އުޅެނީ "ލާދީނީ" ވާހަކަތައް އެކަނި ކަމަށެވެ. އެހެންކަމުން ހަރުކަށި ފިކުރަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުންގެ "އަތާ ހަމައަށް" އެ ގާނޫނު ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ "ފަގުޑި އާއި ޖުއްބާ" ލާފައި ހުންނަ ކޮންމެ މީހަކު ހައްޔަރުނުކުރާނެ ކަމަށެވެ.

"ތިމަންނަ ގަބޫލުކުރާ ފިކުރެއް، ގަބޫލުނުކުރާ މީހެއްގެ މުދަލާއި ލޭ ހުއްދަ ކުރަން ގޮވުން ހުއްޓުވަން މިއުޅެނީ. ހަގީގަތުގައި އެއީ ޓެރަރިޒަމަކީ. އެކަހަލަ ފިކުރަކަށް ތާއީދުކޮށް ވާހަކަ ދެއްކުން ހުއްދައެއް ނުވާނެ އެއްވެސް ގައުމެއްގައި،" އަފީފް ވިދާޅުވި އެވެ.

އެކަމަކު އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ބިލުގައި އޮންނަ ކަމެއް ތަރުޖަމާކޮށްގެން ނަގާ ބަޔަކު "އެއީ ބޮޑުވަރެއް" ކަމަށް ބުނާ ހިސާބުން އެމީހަކާ މެދު ފިޔަވަޅު އެޅިދާނެ އެވެ. އަފީފް ވިދާޅުވަނީ ދީނީ އިލްމުވެރިންގެ ފަހަތުން ދުވާ އެއްޗަކަށް އެ ބިލް ނުވާނެ ކަމަށެވެ.

ބައެއް މީހުންގެ ނަޒަރުގައި ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ބިލް ބައްޓަންވެފައި އޮތުމަކީ ހަގީގަތުގައި ވެސް މައްސަލައެކެވެ. އެކަމަކު، އަފީފް ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެނީ އަލަކަށް ނޫނެވެ. އަލަށް ލިބޭ ބާރަކީ ހަމައެކަނި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ހޯދަން ފުލުހުންނަށް ނުޖެހުން ކަމަށް ވިދާޅުވި އެވެ.

ފުލުހުން މާލޭގެ ގެއެއް ބަލައި ފާސްކުރަން ވަންނަނީ: އާ ބިލުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުން މާލޭގެ ގެއެއް ބަލައި ފާސްކުރަން ވަންނަނީ: އާ ބިލުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ނ) ގައި ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހަކު ހައްޔަރު ކުރެވިދާނެ އަށް ހާލަތެއް އޮވެ އެވެ. ގާނޫނުގައި ބުނާ ބައެއް ހާލަތްތަކަކީ މީހަކު ކުށެއް ކޮށްފި ކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގަ އާއި މީހަކު އެ ވަގުތު އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލު ކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުުވަތަ ހެކިތަކެއް ލިބިފައިވާ ހާލަތުގައި އެ ކުށް ކުރިޔަ ނުދިނުމަށާއި ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވަން ނުވަތަ ނައްތާލުމަށް މަސައްކަތް ކުރުމެވެ.

ބިލްގައި ރަނގަޅު ބަދަލުތަކެއް ހުރި ކަމަށް، އާދަމް ޝަރީފް ވެސް ގަބޫލުކުރައްވަ އެވެ. އެއް ކަމަކީ ހަނގުރާމަ އަށް ގޮސްފައި ރާއްޖެ އަނބުރާ އައުމުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި ރިހެބިލިޓޭޓް ކުރުން ފަދަ ކަންކަން ލާޒިމްވާ ގޮތަށް ހިމަނާފައި އޮތުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލްގައި ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ވާހަކަ ނެތީމަ، ކުރިއަށް އޮތް ތަނުގައި އެ ސެންޓަރުގެ ދައުރު ވަރަށް ބޮޑަށް ހަނިވެގެންދާނެ އެވެ. އެހެންކަމުން ބިލްގައި ނުބެދި ހުރި "ލޯވަޅުތަކެއް" ރަނގަޅު ނުކުރެވިއްޖެ ނަމަ، އޭގެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ރައްޔިތުންނާ ގުޅުން ހުރި، މުހިންމު ބައެއް ކަމަށެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ ޖިނާއީ ކުށްތަކަށް ވުރެ ބޮޑު ކުށްތަކަކަށް ވީ އިރު، އެފަދަ ކުށްތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތެއް ލިބުނީމަ، ވަގުތު ބޭކާރު ކުރާނީތޯ ކޯޓު އަމުރެއް ހޯދަން؟ އަނެއްކާ އިންޓަލިޖެންސް މައުލޫމާތަކަށް ބިނާކޮށް ކޯޓު އަމުރެއް ނުދޭ މިހާރަކު. އެހެންވީމަ، އެތައް ގަޑިއިރަކަށް ފުރަތަމަ މީހާ ހިފަހައްޓައިގެން ބަލަންވީ ރައްޔިތުން އެކަމުން ސަލާމަތް ކުރަންތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެން ވެސް މަސައްކަތް ކުރަން ވާނީ އެ ކަމެއް ހިނގިޔަ ނުދޭން،" އަފީފް ވިދާޅުވި އެވެ.