ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެނގި ހުރެ، އެކަން އިންޓަލިޖެންސް އިދާރާތަކާ ހިއްސާ ނުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ މީހުންނަށް ބޮޑު ޖަލު ހުކުމެއް ދެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
14 ސެޕްޓެމްބަރ 2019
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެނގި ހުރެ، އެކަން އިންޓަލިޖެންސް އިދާރާތަކާ ހިއްސާ ނުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ މީހުންނަށް ބޮޑު ޖަލު ހުކުމެއް ދެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް މުހިންމު މައުލޫމާތެއް ހިއްސާ ނުކުރުމުގެ ސަބަބުން އެފަދަ އަމަލެއް މެދުވެރިވެއްޖެ ނަމަ، މައުލޫމާތު ހާމަނުކުރި މީހާ އެ ކުރަނީ ކުށެކެވެ.
ބިލްގައި ބުނެފައި ވަނީ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ، ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ، އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށް ބިލްގައިވެ އެވެ.
ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މުދަލަށް ގެއްލުން ލިބިއްޖެ ނަމަ، ދޭނެ އަދަބުތައް ވެސް ބިލްގައިވެ އެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި މުދަލުގެ އަގު ފަސް ލައްކަ ރުފިޔާ އަށް ވުރެ މަތިވާ ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުދަލުގެ އަގަކީ އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ދެ އަހަރާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
މުދަލުގެ އަގަކީ ބައިލައްކަ ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ނޫން ހާލަތްތަކުގައި އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ގިނަ ނޫން މުއްދަތަކަށް ޖަލަށްލުމެވެ.
ބިލްގައި ބުނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށް ފަހު، ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރު ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ، އެކަން ފުލުހުންނަށް އަންގަން ވާނެ ކަމަށް ބިލްގައިވެ އެވެ. އެ މައުލޫމާތަކީ އެއްވެސް އިންޓަލިޖެންސް އިދާރާއަކާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ފުލުހުން އެ ފަރާތަކާ ހިއްސާ ކުރަންވާނެ ކަމަށް ވެސް ޓެރަރިޒަމް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައިވެ އެވެ.
އިންޓަލިޖެންސް އިދާރާތަކުގެ ގޮތުގައި ބިލްގައި ކަނޑައަޅާފައި ވަނީ ފުލުހުންގެ އިތުރުން އެމްއެންޑީއެފާއި ކަސްޓަމާއި އިމިގްރޭޝަނާއި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ސްޕޮންސަ ކުރެއްވި ބިލް ހުށަހެޅި ބޭނުމެއްގެ ގޮތުގައި ވަނީ ޓެރަރިޒަމްގެ ދައުވާ ނުރަނގަޅު މަގްސަދުތަކަށް ބޭނުން ކުރެވޭ ކުރުން ހުއްޓުވުމަށެވެ. އަދި ޓެރަރިޒަމް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާ އަށް ބަދަލު ގެނައުމަށެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގަ އާއި އެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޕްރޮސެކިއުޓަ ޖެނެރަލަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޒަމާނާ އެއްގޮތަށް ގާނޫނީ އިޖުރާއަތުތައް ބަޔާން ކުރުމަކީ ވެސް ބިލްގެ މަގްސަދެކެވެ.
މިހާރު އޮތް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ހުށަހެޅީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލި" މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުތަކާ ގުޅިގެން އެ ކޮމިޝަންގެ އެދުމަކަށް ފުލުހުން އެއްގަމާއި ކަނޑުގައި އޮޕަރޭޝަންތަކެއް ހިންގާފައިވަނިކޮށެވެ.
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ޓެރަރިޒަމް ގާނޫނުގައި ބޮޑެތި ހައްގުތަކެއް ނުހިފަހައްޓަން
ހަނގުރާމަވެރިން ބަންދުކުރަން ވަގުތީ މަރުކަޒުތައް ހަދަނީ
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!