25 ނޮވެމްބަރ 2019
ހަރުކަށި ފިކުރު ފަތުރާ މީހުންގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ ރުޅި އާއި ނަފްރަތު އެ މީހުންނަށް މިއަދު އަމާޒުވެއްޖެ އެވެ.
ހަރުކަށި ފިކުރު ފަތުރާ މީހުންގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ ރުޅި އާއި ނަފްރަތު އެ މީހުންނަށް މިއަދު އަމާޒުވެއްޖެ އެވެ.
ށ. މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައަކާއި ދީނީ ހަރުކަށި ފިކުރުގެ މީހުން ކުޑަ އަންހެން ކުދިން ޖިންސީ ޝިކާރައަކަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލުތައް ނުހުއްޓުވެނީ ހަރުކަށި މީހުންނާ މެދު ފިޔަވަޅު ނޭޅޭތީ ކަމަށެވެ. އެ މީހުންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ، ރާއްޖޭގައި ލޭއޮހޮރުވުން ހިނގާފާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިލްމީ ގޮތުން ހިޔާލު ތަފާތުވިޔަސް، އެ މީހެއްގެ ލޭ ހުއްދަ ކުރަން ރާއްޖޭގައި ގޮވާލަމުންދާ ކަމަށެވެ. ދީނީ އިލްމުވެރިޔާ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ވެސް ހެދީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަފްރާޝީމް ފާޅުކޮށްލި ހިޔާލެއްގެ ސަބަބުން އޭނާގެ މައްޗަށް ފަތުވާއެއް ނެރެ، އޭނާގެ ލޭ ހުއްދަކޮށް، ސިސްޓަމެޓިކަލީ ރާވައި އިންތިޒާމުކޮށްގެން އޭނާ މަރާލީ،" މީކާއިލް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
މީކާއިލް ވިދާޅުވި ގޮތުގައި މިއީ ދީނީ ހަރުކަށި ފިކުރެއް ނޫނެވެ. މިއީ "ޖަންގަލީގެ" އަދި "ޖާހިލިއްޔަތު" ގެ އުސޫލު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. މިއީ ޒަމާނުއްސުރެ، ރާއްޖޭގައި ގާއިމުވެފައި އޮތް އިސްލާމީ ހަޟާރަތް ނައްތާލައި މިތަނުގައި ޖަންގަލި އުސޫލު ގާއިމުކުރަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަހިލާ އަޅުގަނޑުމެން އެކަމަށް ފުރުސަތެއް ނުދޭނަން. ތުއްތު ކުދިންނާއި އިނދެ، ކުދިންނަށް ވެކްސިން ނުދީ ޅަ އަންހެން ކުދިން ތައުލީމުން މަހްރޫމް ކުރަން ރާއްޖެ އަނބުރާލިޔަކަ ނުދޭނަން. އެގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ. މަޖިލިހުން އެކަން ޔަގީން ކުރާނަން،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖެ އޮތީ ވަރަށް ބަނަ ވިލާގަނޑެއްގެ ދަށުގައި ކަމަށެވެ. އަދި ދުނިޔޭގައި އެންމެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތުގެ ގޮތުގައި އޮތް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސެލްތައް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިރު އެކަންކަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ސީރިއަސްކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގައުމު ސަލާމަތްކަން މަތީގައި ނުބޭއްވޭނެ، މިއަދު މިކަމާ ދޭތެރޭގައި ސީރިއަސްކޮށް މަސައްކަތް ނުކޮށްފި ނަމަ، މިއަށް ވުރެ މުހިންމު ކަމެއް ސަލާމަތީ ހިދުމަތްތަކަށް މިއަދަކު ނެތް،" ހަސަން ލަތީފް ވިދާޅުވި އެވެ.
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ "އަނދިރި" ދައުލަތް ހިންގާ މީހުން ކުރާ ކަންކަމުގެ ތެރޭގައި އަމިއްލަ އަށް ވެކްސިން ކާޑު ހެދުމާއި ކައިވެނި ސެޓްފިކެޓާއި ލައިސަންސާއި ޕާސްޕޯޓު ހެދުން ހިމެނޭ ކަމަށެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ހެދި ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"ހަނގުރާމައިގެ ތުންފަތް މަތީގައި ރާއްޖެ މިވަގުތު މިއޮތީ،" މަޖިލިހުގެ މެޖޯރިޓީ ލީޑަރު އާޒިމް ވިދާޅުވި އެވެ.
މާއުނގޫދު އަށް ބަޔަކު އަރާ އެ ރަށް ހިފުމަށް ކުރި ކަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ކަންކަމަށް އާޒިމް ވިދާޅުވި އެވެ. ސަލާމަތީ ބާރުތަކުން ރާއްޖޭގައި އޮތް "އަސްލު ހާލަތު" ބުނެދޭން ޖެހޭނެ ކަމަށާއި މިކަން ފޮރުވައިގެން ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުތައް ކިތަންމެ ވަރަކަށް ހަދައިގެން ކަންކަން ހުއްޓުވަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވާހަކަ ދައްކާ މީހުން، މިކަމުގައި އިސްކޮށް އުޅޭ މީހުން ހައްޔަރު ކުރަން ޖެހޭ. ޝަރީއަތަށް އެބަ ފޮނުވަން ޖެހޭ. މިކަންކަން ނުކޮށް ދޫކޮށްލައިފި ނަމަ، ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުމެން ނިކަމެތިވެގެން ހިނގައިދާނެ،" ހަރުކަށި ފިކުރުގެ މީހުންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ހިންގާ އަމަލުތައް ނުހުއްޓުވައި ފުލުހުން ތިބުމަކީ ދިވެހިންގެ ރައްކާތެރިކަމާއި މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މިކަންކަން ހިނގާ އިރު، ފުލުހުންގެ ވެރިން ތިއްބެވީ ނިދާފައިތޯ އަފީފް ސުވާލު ކުރެއްވި އެވެ.
"ދިވެހި ފުލުހުން މިތިބީ މިއަދު ފެއިލްވެފައި. ފުލުހުންގެ އިސްވެރިއަކަށް ހުންނެވި ރާއްޖޭގެ ހޯމް މިނިސްޓަރު މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ. މިނިސްޓަރަށް އެކަން ނުކުރެވޭ ނަމަ، އެހެން މީހަކު އެބަޖެހޭ ހަމަޖައްސަން،" މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިޝާރާތް ކުރައްވައި އަފީފް ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލިހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ރާއްޖޭގައި އޮތް ބިރުވެރިކަމުގެ ސަބަބުން ކުޑަ އަންހެން ކުދިންނަށް ރައްކާތެރިކަމާ އެކުގައި ދިރިއުޅެވެން ނެތް ކަމަށެވެ. މި ބިރުވެރިކަމުގެ ވާހަކަ ނުދައްކައި މަޖިލިހުގައި އިތުރު ކަމެއް ކުރަން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން އެނގި ތިބެ އިހުމާލުވި ކޮންމެ މީހަކާ މެދުގައި ފިޔަވަޅު އަޅަން މި މަޖިލިސް ތެދުވާން ޖެހޭ،" މިފަހަކަށް އައިސް ހިންގި ލާއިންސާނީ ކަންކަމަށް އިޝާރާތް ކުރައްވައި ޖީހާން ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ކުރިއެރުވުމަށް ފުރުސަތެއް ނެތް ކަމަށެވެ. އަދި ސަރުކާރާއި މަޖިލިހާއި ރައްޔިތުން ވެސް ތިބީ އެ ފުރުސަތު ނުދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދީން ނިވާ ފަތްގަނޑަކަށް ހަދައި ފިލާ ތިބެގެން ހަނގުރާމަތަކަށް މީހުން ފޮނުވާ އިންތިޒާމުވެގެން މިކަންކަން ކުރާނެ ކަމެއް ނެތް. ދިވެހި ދައުލަތަށް، ސަރުކާރަށް ފުލުސް އޮފީހަށް މި ގޮވާލަނީ އެމީހުން ހިފައި ހައްޔަރުކޮށް ތަހުގީގު ކުރާށޭ،" އިލްޔާސް ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
އަނދިރި ދައުލަތަށް ދީލާލަދިޔަ ދީގެން ނުވާނެ: އީވާ
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!