Roadha Mihaaru
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން

ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން

24 ސެޕްޓެމްބަރ 2019

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާކުރަން ފަށައިފި އެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހުށަހެޅި ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބިލް ދިރާސާކުރަން މިހާތަނަށް ތިން ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެކަމަކު، ކޮމިޓީގެ މެމްބަރުން ބިލް ދިރާސާކުރައްވަނީ މަޖިލިހުގެ ގަވައިދުން ލިބޭ ބާރުގެ ދަށުން، މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ބިލް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ރޭ ފެށި އިރު، އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާއި އެމްއެންޑީއެފާއި ފުލުހުންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އޭގެ ފަހުން، ކޮމިޓީން މިއަދު ކުރާ މަސައްކަތަކީ ބިލްގެ ވަކިވަކި މާއްދާތައް ދިރާސާ ކުރުމެވެ. މި ހުރިހާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ބިލްގައި ގިނަ މެމްބަރުންގެ ކަންބޮޑުވުމަކީ ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރުމެވެ. ބިލްގައި އޮތީ ގާނޫނުއަސާސީއާ ތައާރަޒްވާ މާއްދާއެއް ކަމަށް މެމްބަރުން ގަބޫލުކުރައްވަ އެވެ.

ގާނޫނުއަސާސީ އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމްވެ އެވެ.

ބައެއް މެމްބަރުން ވިދާޅުވީ ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ވަރަށް ބޮޑަށް ތަފްސީލްކޮށްދީފައި ހުރި ކަން ފާހަގަކުރައްވައިފަ އެވެ.

ބިލްގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ އިޖުރާއުތައް ވަނީ ބަޔާންކޮށްފަ އެވެ.