Roadha Mihaaru
ކޮރަޕްޝަންގެ ތުހުމަތުކުރަނީ ރާވައިގެން އަގު ވައްޓާލަން

ކޮރަޕްޝަންގެ ތުހުމަތު ކުރަނީ އަގު ވައްޓާލުމުގެ ރޭވުމެއްގެ ތެރެއިން: ފެނަކަ

04 މާޗް 2021

ފެނަކަ ކޯޕަރޭޝަނަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށާއި އެއީ އެ ކުންފުނީގެ މަސައްކަތްތަކާ މެދު ހަސަދަވެރިވެގެން ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެނަކަ ކޯޕަރޭޝަނަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށާއި އެއީ އެ ކުންފުނީގެ މަސައްކަތްތަކާ މެދު ހަސަދަވެރިވެގެން ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން އެގޮތަށް ބުނީ އެ ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް އެކަން ގެންނަވާފައި ވަނިކޮށެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކުންފުންޏަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންދަނީ އެއްވެސް އަސާސެއް ނެެތި ކަމަށާއި އެކަން ކުރަނީ އެ ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާ މެދު ހަސަދަވެރިވެ، އަދި އެ ކުންފުނީގެ ނަން ކިލަނބު ކުރުމަށްޓަކައި ރޭވުމެއްގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ކުންފުނީގެ އާ މެނޭޖްމަންޓް ޑިސެމްބަރުު، 2018 ގައި އައުމަށް ފަހު މަސައްކަތް ކުރަމުން ދަނީ ތެދުވެެރިކަމާ އެކު ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެންމެހައި މަސައްކަތްތައް ކުރަމުން ދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެނިވި ގޮތެއްގައި،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ހުރިހާ އުސޫލުތަކެއް އެ ކުންފުނިން ބަދަލު ކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަނީ ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދައުލަތުގެ އިދާރާތަކުން ކަންކަން ނިންމުމުގެ ކުރިން ދިރާސާކޮށް، ހަގީގަތް ނޯޅޭނެ ގޮތަކަށް މައުލޫމާތު އާންމު ކުރަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.