Roadha Mihaaru
ފެނަކަ އެމްޑީ އަށް ތުހުމަތުކުރާ 27 މައްސަލައެއް

ފެނަކައިގެ އެމްޑީ ސައީދަށް ތުހުމަތުކޮށް 27 މައްސަލައެއް އޭސީސީ އަށް

20 ސެޕްޓެމްބަރ 2020

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާތަކުގައި، 27 މައްސަލައެއް ބަލައިދޭން ވަނީ އެދިފަ އެވެ. އޭގެެ ތެރޭގައި ކުރިން ވެސް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ފެނަކައިން ތެޔޮ ގަތުމާ ގުޅޭ މައްސަލަތަކެއް ހިމެނެ އެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފެނަކައިގެ އެމްޑީގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ވަޒަން ކުރަން ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނީ މައްސަލައިގައި ކޮށްފައިވާ ތުހުމަތުތައް ވަޒަން ކުރުމަށް ފަހު އެވެ.

މިއީ މި ސަރުކާރުގައި، ފެނަކައާ ދެކޮޅަށް މިހާ ގިނަ ތުހުމަތުތައް ކުރި ފުރަތަމަ ފަހަރެވެ. ކުރީގެ ސަރުކާރުގައި، ފެނަކައަކީ ކޮރަޕްޝަންގެ "ހާއްޔެއް" ކަމަށް ތުހުމަތުކުރި ތަނެކެވެ. އެ ކުންފުންޏާ ގުޅުން ހުރި ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ތަހުގީގު ވެސް ކުރި އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ 238 މައްސަލައެއް އޭސީސީއަށް ހުށަހެޅިއިރު ފެނަކައިގެ 52 މައްސަލައެއް ހިމެނޭ ކަމަށް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބުނެފަ އެވެ.

ސައީދަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން އޭނާ އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. ސައީދުއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ހުށަހެޅިއިރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކި އިންޓަވިއުތަކުގައި، ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވައިފައިވެ އެވެ.

އެ ކުންފުނީގެ ކޮރަޕްޝަން ހުއްޓުވައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ސައީދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހު ވިދާޅުވެފަ އެވެ. އޭނާ އެ ކުންފުންޏާ ހަވާލުވެ ވަޑައިގަތް އިރު ކޮރަޕްޝަންގެ ސަބަބުން ކުންފުނީގެ ނަން ވަރަށް ބޮޑަށް ހަޑިވެފައިވިޔަސް އެކަން ބަދަލުކޮށްފައިވާ ކަމުގެ ޔަގީންކަން ދެއްވީ ކުންފުންޏަށް ފައިދާވެފައިވާ ތަފާސްހިސާބުންނެވެ.

"ފާއިތުވި 10 މަސްތެރޭގައި އަޅުގަނޑުމެން ވަނީ މި ކުންފުނީގެ ވީރާނާ ވެފައިވާ ފޭރާން ސަލާމަތް ކުރުމަށް އެތައް މަސައްކަތެއް ކޮށްފައި. މި މަސައްކަތުގެ ނަތީޖާ އަކީ ބަލަންޖެހޭ މިންގަޑުތަކުން ބެލިއިރު ކުންފުންޏަށް ފައިދާ ވެފައިވާކަން،" ސައީދު ވިދާޅުވެފައިވެ އެވެ.

އޭގެ ކުރިން އޭނާ ވަނީ ފެނަކަ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންތަކެއް ހިންގި ކޮރަޕްޝަންތަކަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. މެމްބަރުން ހިއްސާވާ ކުންފުނިތަކަކުން ފެނަކަ އަށް އަގު ބޮޑުކޮށް ތެޔޮ ވިއްކާފައިވާ ކަމަށާއި އެއީ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުންޏަކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރުގެ މަސްލަހަތު އޮންނަ ކުންުފުންޏަކުން ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.