Roadha Mihaaru
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް

އޭސީސީން އަނބުރާ ހޯދަން އެންގީ 2018 ގެ ކުރީގެ މުއާމަލާތްތަކުގެ ފައިސާ: ފެނަކަ

25 އޮކްޓޯބަރ 2023

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންގާފައިވާ ފައިސާއަކީ 2018 ގެ ކުރިން ހިންގާފައިވާ މުއާމަލާތްތަކުގެ ފައިސާ ކަމަށް ފެނަކައިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންގާފައިވާ ފައިސާއަކީ 2018 ގެ ކުރިން ހިންގާފައިވާ މުއާމަލާތްތަކުގެ ފައިސާ ކަމަށް ފެނަކައިން ބުނެފި އެވެ.

އޭސީސީން އިއްޔެ ބުނީ އެ ކޮމިޝަނުން މިވަގުތު ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭސީސީން އަނބުރާ ހޯދަން އަންގާފައިވާ 20 މިލިއަން ރުފިޔާއަކީ ތަހުގީގު ނިމިފައިވާ މައްސަލަތަކުގެ ފައިސާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި ހޯދަން އޭސީސީން އެންގި 20 މިލިއަނަކީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެން ފެށިގެން މިއަދާ ހަމައަށް ހިންގާފައިވާ އެކި މުއާމަލާތްތަކުގެ ފައިސާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅުންހުރި ފައިސާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އަނބުރާ ހޯދަން އަންގާފައިވާ 20 މިލިއަން ރުފިޔާގެ މައްސަލަތައް

1. ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000ރ.

2. އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން އެ ކުންފުންޏަށް (ފެނަކަ) އަށް ލިބުނު ގެއްލުމަށްވާ 1،017،170.44ރ.

3. ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17،857،970.10ރ.

4. ފެނަކައަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ފެނަކައަށް ގެއްލިފައިވާ 1،389،342ރ.

ފެނަކައިގެ މައްސަލަތަަކުގައި އެ ކުންފުންޏަށް ފިޔަވަޅު އަޅަން އޭސީސީން ރައީސް އޮފީހަށް ވެސް އެންގި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.

ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑުވެފައި ވާއިރު، ފެނަކަ އަކީ އެންމެ ބޮޑު ދަރަނި އޮތް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަރަނި ބިލިއަނަކަށް ވުރެ ބޮޑެވެ.