Roadha Mihaaru
ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ އިތުރު މައްސަލައެއް ބަލަނީ

ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ އިތުރު މައްސަލައެއް ބަލަނީ

13 ޖޫން 2021

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން ދަނިކޮށް އަނެއްކާ ވެސް އިތުރު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން ދަނިކޮށް އަނެއްކާ ވެސް އިތުރު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް މިދިޔަ ސެޕްޓެމްބަރު 14 ގައި ހުށަހެޅި ކަމަށެވެ. އެ މައްސަލަ ބަލަން ޑިސެމްބަރު 7 ގައި ނިންމައި ތަހުގީގުކުރަމުން އަންނަކަމަށް ހަސަން ވިދާޅުވި އެވެ.

އޭސީސީން އޭރު ދިޔައީ ވެސް ފެނަކައިގެ ކޮރަޕްޝަންގެ 22 މައްސަލަ ތަހުގީގުކުރަމުންނެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއް ނިންމީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށެވެ. ދެން ހުރި މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.

އެނގިިފައިވާ ގޮތުގައި ފެނަކައާ ގުޅޭގޮތުން އޭސީސީ އަށް އެންމެ ފަހުން ހުށަހެޅީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޮޅިތަކެއް ހޯދި މައްސަލައެކެވެ.

ފުވައްމުލަކުގައި ޕްރޮޖެކްޓެއް ގެންދަން ހައުސިން މިނިސްޓްރީއަށް އަނބުރާ ދޭގޮތަށް ފެނަކައިން 500 ހޮޅި ހޯދި އެވެ. ކޮރަޕްޝަންގެ މި އަމަލު ހިންގިކަމުގެ ތުހުމަތުކުރަނީ، އޭގެ ބަދަލުގައި ދޭނެ ހޮޅި ހޯދުމުގަ އެވެ.

ފެނަކައާ ގުޅޭގޮތުން އޭސީސީ އަށް ކުރިން ހުށަހެޅި ގިނަ މައްސަލަތައް އަމާޒުވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ސައީދު ކުރިން ވިދާޅުވީ އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ.

ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވޭ ފެނަކައިގެ 13 ކަމެއް އިސްލާހުކުރަން ރައީސް އޮފީހުން މީގެ ކުރިން އެންގި އެވެ. އެ ކަންކަން ތަންފީޒުކޮށްފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހު ސައީދު ވިދާޅުވި އެވެ.