Roadha Mihaaru
މެނޭޖުމަންޓުން ކޮރަޕްޝަން ނުހިންގާނެ: ފެނަކަ

ކޮރަޕްޝަން ހިންގި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފެނަކަ

15 ޖޫން 2021

ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން ފެންމަތިކޮށް، އެ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ ކަންކަން ގެނެސްފައިވާއިރު، ކޮރަޕްޝަން ނުހިންގާނެ ކަމަށް ބުނެ ދިފާއަށް އެ ކުންފުނިން މި ފަހަރު ނުކުތީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޮޅިތަކެއް ހޯދި ކަމުގެ މައްސަލައެއް އޭސީސީން ބަލާ ވާހަކަތަކެއް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ.

މި ތުހުމަތުތަކާ ގުޅިގެން، ފެނަކައިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖުމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފެނަކއިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ހަގީގަތް ނެތް ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވެސް ހުށަހަޅާފައިވާނެ އެވެ.

ފެނަކައަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނިން ކުރި ޓްވީޓު--

އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޮޮޅިތަކެއް ހޯދި މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. ފެނަކަ އިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރަނީ ފުވައްމުލަކުގައި ޕްރޮޖެކްޓެއް ހިންގަން ހައުސިން މިނިސްޓްރީ އަށް އަނބުރާ ދޭގޮތަށް އެ ކުންފުނިން 500 ހޮޅި ހޯދައި އޭގެ ބަދަލުގައި ދޭނެ ހޮޅި ހޯދީ ކޮރަޕްޝަން ހިމަނައިގެން ކަމަށް ބުނެ އެވެ.

އޭސީސީ އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފެނަކައިގެ ކޮރަޕްޝަންގެ 22 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މި މައްސަލަ ތަހުގީގުކޮށް އޭގެ ތެރެއިން ހަތަރު މައްސަލައެއް ނިންމީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށެވެ. ދެން ހުރި މައްސަލަތައް މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.