Roadha Mihaaru
"ވައްކަމެއް ނުކުރަން، އޭސީސީއަށް ދިއުމަކީ ރޭވުމެއް"!

ވައްކަމެއް ނުކުރަން، އޭސީސިއަށް ދިޔައީ ބަަޔަކު ރާވައިގެން: ސައީދު

21 ސެޕްޓެމްބަރ 2020

ފެނަކައާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވިޔަސް މަގާމުގައި ހުންނަވައި މިހާތަނަށް ހިންގެވި ވައްކަމެއް، ކޮރަޕްޝަނެއް އަދި ރިޝްވަތުގެ އަމަލެއް ވެސް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެނަކައާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވިޔަސް މަގާމުގައި ހުންނަވައި މިހާތަނަށް ހިންގެވި ވައްކަމެއް، ކޮރަޕްޝަނެއް އަދި ރިޝްވަތުގެ އަމަލެއް ވެސް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ފެނަކައާ ގުޅޭ 28 މައްސަލައެއް މެނޭޖިން ޑިރެކްޓަރަށް ތުހުމަތުތަކަކާ އެކު އޭސީސީއަށް ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. އޭގެ ތެރެއިން 22 މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނުން އިއްޔެ ވަނީ ނިންމައިފަ އެވެ.

މި ތުހުމަތުތަކަށް ރާއްޖެ ޓީވީގައި ސައީދު ވިދާޅުވީ އެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އެއީ ބަޔަކު ރާވައިގެން އޭނާއާ ދެކޮޅަށް ހިންގާ ކަމެއް ކަމުގެ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ޗެލެންޖު ކޮށްފައި މި ދަންނަވަނީ، ފެނަކަ އިން ވައްކަމެއް، ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ނުހިންގާނެ، ނުވެސް ހިންގޭނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނި އެ ގޮތުގައި ހިންގާތީ ހަސަދަވެރިވާ ބަޔަކު އޭސީސީ އަށް މައްސަލަތަކެއް ހުށަހެޅުމަކީ ލިބިވަޑައިގަތް އުފަލެކެވެ. އެ މައްސަލަތައް ވީހާވެސް މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ބަލަން އޭނާ ގޮވައިލެއްވި އެވެ.

ފެނަކައިގެ ތެރެއިން ކޮރަޕްޝަނެއް އަދި ރިޝްވަތުގެ އަމަލެއް ހިންގާ ކަމަށް ކިރިޔާވެސް ޝައްކެއްވާ ނަމަ، ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅަން ސައީދު އެދިވަޑައިގަތެވެ.

ކުރީގެ ސަރުކާރުތަކުގައި ފެނަކައާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކުރަން ފެށި މައްސަލަތަކުގައި މައުލޫމާތު ނުލިބި އުނދަގޫވުމުން، ފެނަކައިގެ ތެރޭގައި ކޮމިޝަންގެ މުވައްޒަފުންނަށް ތިބެވޭނެ ގޮތަށް ޑެސްކާއި ގޮނޑި ވެސް ބަހައްޓައި ދީގެން ވެސް މައްސަލަ ބެލޭނެ ގޮތް ހައްދަވައި ދެއްވި ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑެއް، މައުލޫމާތު ނުދޭން ވެގެން މޭޒުތަންދޮށަކަށް ފާހާނާއަކަށް ނުވަންނާނަން. މިތާ ހުންނަ ހުރިހާ ޑޮކިއުމެންޓެއް މިނިވަންކަމާ އެކު އޭސީސީ އަށް ބެލޭނެ، އެހެން ފަރާތްތަކަށް ވެސް ބެލޭނެ،" ސައީދު ވިދާޅުވި އެވެ.

"ތަކުރާރުކޮށް މި ދަންނަވަނީ، އަޅުގަނޑެއް ނޯންނާނެ މިތަނަކުން އެފަދަ އަމަލެއް ހިންގާފައި. އަޅުގަނޑު ދަންނަ ކަމެއް ނޫން، ވައްކަމެއް، ރިޝްވަތުގެ ފައިސާ މުދަލުގައި ހިފުމަކީ. އެ ދަންނަ ބަޔަކަށް އެކަން ނުކުރެވުނީމާ ހަސަދައިގެ ގޮތުން އެކަން ކުރުން އެއީ އަޅުގަނޑު ނުދެކެން އެއީ މައްސަލައެއް ކަަމަށް."

އެ ބަޔަކު ހަސަދަވެރިވީ އޭނާ ވިދާޅުވި ގޮތުގައި، ފެނަކަ މެދުވެރިކޮށް މިހާރު ކޮރަޕްޝަނަށް ޖާގަ ނެތުމުންނެވެ.

ފެނަކައިގެ މުވައްޒަފުން އޭސީސީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ މައްސަލަތަކެވެ. ވަކިވަކިން މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފްސީލް އެނގޭ ގޮތަށް އޭސީސީ އަށް ހުށަހެޅި 192 ސޮފްހާގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.