08 އޮކްޓޯބަރ 2018
ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ އަޅަން ހިންގަން އުޅުނު މަޝްރޫއު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ ހަފުތާގައި އަންގައިފި އެވެ.
ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ އަޅަން ހިންގަން އުޅުނު މަޝްރޫއު މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ ހަފުތާގައި އަންގައިފި އެވެ.
މިދިޔަ ޖުލައި، 31 ގައި، މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ލަންކާގެ ހޭކާބް ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނުފެށި އޮއްވާ، އިންތިހާބަށް ފަހު ކުއްލިއަކަށް ލޯނު އެއްބަސްވުމުގައި ސޮއިކުރަން ފެނަކައިން އުޅޭ ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ.
އޭސީސީއަށް ބަޔަކު ހުށައެޅި މައްސަލައެއް ބަލާ ނިމެންދެން އެ މަޝްރޫއު ކުރިއަށް ނުގެންދަން އެ ކޮމިޝަނުން އެންގި އިރު، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގެ ފަސް ބޭންކަކުން 52 މިލިއަން ޑޮލަރު (866 މިލިއަން ރުފިޔާ) ގެ ލޯނު ނަގަން ފެނަކައިން ގެންދިޔައީ މަސައްކަތްކުރަމުންނެވެ. ފެނަކައިން ކުރިން ބުނެފައި ވަނީ އެ ލޯނު ނަގަނީ ސަރުކާރުން ސޮވެރިން ގެރެންޓީިދީގެން ކަމަށެވެ.
މި މަޝްރޫއުގައި ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫގެ ނަރުދަމާގެ ޚިދުމަތް ގާއިމް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ ތެރޭގައި ހިމެނުނު އއ. މަތިވެރީގެ ނަރުދަމާ ގާއިމްކުރުން، އެހެން ކުންފުންޏަކާ ހަވާލުކުރި އެވެ. އޭގެ ބަދަލުގައި، ހޭކާބަށް އެހެން ރަށެއް ދޭން ނިންމާފައި އޮތް ނަމަވެސް ފެނަކައިން އެއީ ކޮން ރަށެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭސީސީ އަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި މި މަޝްރޫއު، ހޭކާބްއާ ހަވާލުކޮށްފައި ވަނީ ވެސް ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ފައިދާ ހޯދައިދޭށެވެ.
އެ މައްސަލަތައް ބަލަމުންދާތީ، އޭސީސީން ފެނަކަ އަށް އެންގީ ނަރުދަމާ ނިޒާމްތައް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލުމަށެވެ.
ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ މަޑުޖައްސާލަން އޭސީސީން އަންގާފައި އޮތް މަޝްރޫއުއެއް ނަމަވެސް ލޯނު އެއްބަސްވުމުގައި ފެނަކައިން ސޮއިކޮށްފި ނަމަ އޭގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި ފެނަކައިން އެކަހަލަ ބޮޑު ދަރަންޏެއް ސަރުކާރުގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީން މަޝްރޫއު މަޑުޖައްސާލަން އަންގާފައި ވަނިކޮށް، މި މަޝްރޫއާ ގުޅޭ ލޯންތަކެއްގައި ސޮއިކުރައްވަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މި ހަފުތާގައި ސްރީ ލަންކާ އަށް ވަޑައިގެންނެވި ކަމަށް އަޑު ފެތުރުނެވެ. އޭނާ ފޯނު ނުނަންގަވާތީ، ލަންކާ އަށް ވަޑައިގަތީ މި މަޝްރޫއާ ގުޅޭ ކަމެއްގައިތޯ ސާފެއް ނުވި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ލަންކާއިން ލަމްއާން މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.
އޭސީސީން ފެނަކަ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހޭކާބްއާ ހަވާލުކުރި މަޝްރޫއު މެދުކެނޑިފައި އޮއްވައި، ސަރުކާރު ބަދަލުވާ މި ދަނޑިވަޅު ޕްރޮޖެކްޓުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ހަލުވި ދުވެލީގައި ކުރިއަށް ގެންދާ ކަމަށެވެ. މިއީ، ސަރުކާރުން ސޮވެރިން ގެރެންޓީިދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަން ފާހަގަކޮށް އޭސީސީން ބުނެފައި ވަނީ، އެ މަޝްރޫއު މިހާރު ކުރިއަށް ގެންދަން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ފެނަކަ ކޯޕަރޭޝަންގެ ބޮރޮވިންސް 75 ޕަސެންޓަށް އަރައި ކުރިއަށް އޮތް ތަނުގައި އެ ކުންފުންޏަށް ލޯން ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ފެނަކައިގެ ތަރުޖަމާން މުހައްމަދު މަނިކު ވިދާޅުވީ 20 ރަށެއްގެ ނަރުދަމާގެ މަޝްރޫއުގައި ސޮއިކޮށްފައި ވަނީ ނޫސްވެރިންގެ ހާޒިރުގައި، ހުޅުވާލައިގެން ކަމަށެވެ. އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން އެންގި ކަމެއް މިހާތަނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ އެންގުމެއް އޮތްތޯ އޭނާ އަށް ޖެހިވަޑައިގަންނަވާނީ ލީގަލް ޑިޕާޓްމެންޓުން ސާފުކުރައްވަން ކަމަށް ވެސް ވިދާޅުވި އެވެ.
ފެނަކައަށް އިންޒާރެއް: ހައްލުނުކޮށްފި ނަމަ ފިޔަވަޅު
"ވައްކަމެއް ނުކުރަން، އޭސީސީއަށް ދިއުމަކީ ރޭވުމެއް"!
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ދައުލަތަށް ހޯދަން އެންގި ފައިސާ ނުލިބޭތީ ފިޔަވަޅުއަޅަނީ
ފެނަކައިން ހުށަހެޅި މައްސަލަތަކުގެ އަގަކީ ބައި ބިލިއަން
ދައުލަތަށް 74 މިލިއަން އަނބުރާ ހޯދަން ޖެހޭ: އޭސީސީ
ފެނަކައިގެ ގަރާރު ބަލައިގަނެ، އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރު
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް