Roadha Mihaaru
138 މިލިއަން ދައްކަން އެންގި ހުކުމް ބާތިލްކޮށްފި

ބޯޓެއްގެ މައްސަލާގައި އެމްޕީއެލްއިން ދައްކަން ޖެހުނު 138 މިލިއަން ރުފިޔާއިން ސަލާމަތްވެއްޖެ

04 މާޗް 2021

ޓަގު ބޯޓެއްގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓަގު ބޯޓެއްގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ސިވިލް ކޯޓުން ޑިސެމްބަރު، 2016 ގައި އެމްޕީއެލްގެ މައްޗަށް ހުކުމްކުރީ ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން 2008 ގައި ކުރި ޓަގު ބޯޓެއްގެ ބަނުމުގެ މަސައްކަތުގެ އަގު ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 138.9 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދެއްކުމަށެވެ.

އެ މައްސަލަ އެމްޕީއެލްއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ ޓަގު ބޯޓުގެ މަސައްކަތާ ގުޅޭ އިންވޮއިސްތަކަކަށް ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ވެސް ހިމެނެނީ ހަމަ އެ އިންވޮއިސްތައް ކަމަށާއި އެހެންވެ، ކުރީގެ އެ ހުކުމް ދެމި އޮއްވާ އެ އިންވޮއިސްތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އަދަދު ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނީ ޖޫރިމަނާގެ ގޮތުގައިި 138 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.

ޖޫރިމަނާގެ އިތުރުން ޓަގު ބޯޓުގެ މަސައްކަތުގެ އަގާއި ސާޗާޖުގެ ގޮތުގައި އިތުރު 21 މިލިއަން ރުފިޔާ ދައްކަން ވެސް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން އިތުރު ހުކުމެއް އޭރު ކުރި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން އޮތީ އޮގަސްޓް، 2018 ގައި ބާތިލްކޮށްފަ އެވެ.