Roadha Mihaaru

ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ ދެއްކުން ހައި ކޯޓުން ހުއްޓުވައިފި

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ހައި ކޯޓުން ހުއްޓުވައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސްއަށް ބަދަލު ދިނުން ހުއްޓުވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

29 މެއި 2025

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ހައި ކޯޓުން ހުއްޓުވައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފަ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ފެބުރުއަރީ މަހު ހުކުމްކުރީ އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާއަކީ ސެންޓަ އެންޓަޕްރައިސަސް އަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. އެ އަމުރު ދައުލަތުން އެދުނު ގޮތަށް ނެރެދޭން ހައި ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

ހައި ކޯޓުން އަމުރު ކުރީ އެ ކޯޓުން އެހެން ގޮތެއް އަންގަންދެން ނޫނީ ހައި ކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ބަދަލުގެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް، ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ.

ހައި ކޯޓުން މި އަމުރު ނެރެފައިވާއިރު، މި މައްސަލަގައި ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަން ފަޅާއެރީ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން އޮޑިޓާ ޖެނަރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓަކުންނެވެ.

އެގޮތުން، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައިވެ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ތުހުމަތުކުރާ ގޮތުގައި ދައުލަތާ ދެކޮޅަށް އެ ކުންފުނިން ދައުވާކުރި މައްސަލަތަކުގައި، ލިޔެކިޔުންތައް ދައުލަތުން ވަނީ ސިއްރު ކޮށްފަ އެވެ. އެކަން އެ ގޮތަށް ކޮށްފައި ވަނީ ވެސް އެ ފައިސާ ދައްކަން ޖެހޭކަން ދައުލަތުން ގަބޫލުކުރާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސެންޓަ އެންޓަޕްރައިސަސް އިން ދިފާއުގައި ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަތަކުގެ ތެރެއިން ހެލްތު މިނިސްޓްރީ އަށް ފޯރުކޮށްދިން މުދާތަކާ ގުޅިގެން އެ މިނިސްޓްރީން 2023 ވަނަ އަހަރު ފޮނުވި ސިޓީގައި އެއީ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެފައި ނުވާ ކަމަށެވެ. އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކުރިއިރު، މުދާ ހަވާލު ކުރުމުގައި އުޅުނު ފަރާތްތަކުގެ ހެކިބަސް ހޯދައި، ދައުލަތުން ދިފާއުގައި ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ސެންޓަ އެންޓަޕްރައިސަސްގެ ބަޔާނުގައިވެ އެވެ. އެ މައްސަލާގެ ލިޔުންތައް ހެލްތު މިނިސްޓްރީގެ ގުދަންތަކުން ފެނުނު ކަމަށް ދައުލަތުން ބުނުމަށް ފަހު، އެ ލިޔުންތައް ސިއްރުކުރީ މުދަލަށް ފައިސާ ނުދައްކައި ތިބި ކަން ހާމަވެދާނެތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުންގެ މައްޗަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ.