Roadha Mihaaru
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ

ބޯޓެއްގެ މައްސަލައިގައި އެމްޕީއެލުން 138 މިލިއަން ދޭކަށް ނުޖެހޭނެ: ސުޕްރީމް ކޯޓް

04 ނޮވެމްބަރ 2021

ޓަގު ބޯޓެއްގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓަގު ބޯޓެއްގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ޑިސެމްބަރު، 2016 ގައި އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލު ކޮށްގެން 2008 ވަނަ އަހަރު ޓަގު ބޯޓެއް ބަނުމުގެ މަސައްކަތް ކުރުވުމަށް ފަހު، އޭގެ އަގު ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މާޗު މަހު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. މިއީ ރާއްޖޭގައި މިހާ ބޮޑު އަދަދެއްގެ ޖޫރިމަނާ ސަރުކާރު ކުންފުންޏަކުން ދައްކަން އެންގި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ސެންޓަ އެންޓަ ޕްރައިސަސްގެ ފަރާތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެމްޕީއެލް އާއި ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު ހެދި އެއްބަސްވުން އޮތް ގޮތުން ފައިސާ ނުދެއްކިޔަސް، ޖޫރިމަނާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައި އެކަން ބަޔާން ނުކުރަނީސް، ފޮނުވި އިންވޮއިސްއެއްގައި ޖޫރިމަނާގެ ވާހަކަ ހިމެނުމަކީ ޖޫރިމަނާ ނެގޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެއްބަސްވުމެއް ސައްހަވާނީ ދެ ފަރާތުން ރުހުން އޮވެގެން ކަން ފާހަގަކޮށް، ހުކުމުގައި ވަނީ ޖޫރިމަނާގެ ވާހަކަ އެއްބަސްވުމުގައި ބަޔާން ނުކުރާހާ ހިނދަކު، އިންވޮއިސްގައި ޖޫރިމަނާ ނެގޭނެ ކަމަށް ބުނެފައި އޮންނަ އޮތުމަކީ ޖޫރިމަނާ އަށް އަނެއް ފަރާތުން އެއްބަަސްވުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެގޮތަށް ޖޫރިމަނާ ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ ނިންމުންތަކާ މިހާރު ދުރަށް ދާން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ އެއްބަސްވުމުގައި ޖޫރިމަނާ ނެގުނަސް، އެކަން ކުރެވޭނީ ގެއްލުމެއް ލިބިފައިވުމާ އެކު އެކަށީގެންވާ އަދަދެއްގެ ޖޫރިމަނާއެއް ހިމަނާފައި އޮންނަ ހާލަތުގައި އެކަނި ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ޖޫރިމަނާގެ ގޮތުގައި ސެންޓަ އެންޓަ ޕްރައިސަސްއަށް ނަގައިދިން އަދަދަކީ ޓަގު ބޯޓުގެ މަސައްކަތުގެ އަގަށް ވުރެ ހަތަރު ގުނަ ބޮޑު އަގެއް ކަމަށާއި އެހެންވެ، އެއްބަސްވުން އޮތްއޮތުން އެ ފައިސާ ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ނުޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.