18 ޑިސެމްބަރ 2019
އެއްވެސް އެއްޗެއް ނުވަތަ ޚިދުމަތެއް ހިލެއެއް ނުލިބެ އެވެ. ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެ އެވެ. ބޭސްފަރުވާ އާއި ތައުލީމު ފަދަ ބައެއް ޚިދުމަތްތައް އާންމުންނަށް ހިލޭ ލިބުނަސް، އޭގެ އަގު ދައުލަތުން ނުވަތަ ކޮންމެވެސް އެހެން ފަރާތަކުން އަދާކުރުމަކީ ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެއޭ ބުނެވޭ ސަބަބެވެ. އިންސާފަކީ ވެސް މިފަދަ އެއްޗެކެވެ.
އެއްވެސް އެއްޗެއް ނުވަތަ ޚިދުމަތެއް ހިލެއެއް ނުލިބެ އެވެ. ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެ އެވެ. ބޭސްފަރުވާ އާއި ތައުލީމު ފަދަ ބައެއް ޚިދުމަތްތައް އާންމުންނަށް ހިލޭ ލިބުނަސް، އޭގެ އަގު ދައުލަތުން ނުވަތަ ކޮންމެވެސް އެހެން ފަރާތަކުން އަދާކުރުމަކީ ކޮންމެ އެއްޗެއްގެ ވެސް އަގެއް އޮވެއޭ ބުނެވޭ ސަބަބެވެ. އިންސާފަކީ ވެސް މިފަދަ އެއްޗެކެވެ.
ފަސޭހައިން އަދުލު އިންސާފަށް ވާސިލްވެވޭނެ މަގާއި ވަސީލަތްތައް ދައުލަތުން ތަނަވަސްކޮށް ދީފައި އޮތަސް، އިންސާފު ހޯދަން ދާ މީހާގެ ޖީބުން ކޮންމެވެސް ޚަރަދުތަކެއް ކުރަން ޖެހެ އެވެ. އޭގެ ތެރެއިން އެއް ޚަރަދަކީ އިންސާފު ހޯދުމަށްޓަކައި ގާނޫނީ ވަކީލުންނަށް ކުރަން ޖެހޭ ޚަރަދެވެ. އެއީ ޒަމާނުއްސުރެން ފެށިގެން އެކަން އޮންނަ އަދި މިހާރު ވެސް ހިނގަމުން އަންނަ ގޮތެވެ.
ވަކީލުން ބޭނުން ނުކޮށް އަމިއްލައަށް ކޯޓުތަކުގައި ވަކާލާތު ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތަސް، އިންސާފު ހޯދަން ދާ ކޮންމެ މީހަކީ ގާނޫނީ އިލްމާއި އޭގެ ހުނަރު އެނގޭނެ މީހަކަށް ނުވެ އެވެ. ވަކި ފަންނެއްގެ ގޮތުގައި ވަކީލުންގެ ޚިދުމަތް ކުރިއަރުވަމުން އަންނަނީ އިންސާފު ހޯދަން ފަސޭހަކޮށް ދިނުމުގެ ބޭނުމުގަ އެވެ. ގާތް ގުޅުމެއްގެ ސަބަބުން ނުވަތަ އެ ނޫން ވެސް ސަބަބަކަށްޓަކައި ހިލޭ ސާބަހަށް ވަކާލާތު ކޮށްދޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ވަކީލުންނަށް ދައްކާ ފީ ނުވަތަ އަގަކީ އިންސާފު ހޯދުމުގެ އަގެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތަށް މައްސަލަ ކާމިޔާބުވާ ހާލަތުގައި، ގާނޫނީ ވަކީލަށް އޭނާ ޚަރަދު ކުރަން ޖެހުނު ފައިސާ މައްސަލަ ނާކާމިޔާބުވި ފަރާތުގެ ކިބައިން ނަގައި ދިނުމަކީ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލެކެވެ. މާނައަކީ އިންސާފު ހޯދަން ކުރަން ޖެހުނު ޚަރަދު، އެ ހާލަތު އުފަން ކުރުވި ފަރާތުގެ ކިބައިން ހޯދައި ދިނުމެވެ. އެކަމަކު ރާއްޖޭގައި އެ އަގު ލިބޭނެ ގޮތެއް ނެތެވެ. މައްސަލަ ކާމިޔާބު ވިޔަސް، އިންސާފު ހޯދަން ކުރި ޚަރަދު އޮންނަނީ އޭނާ އަމިއްލައަށް ޒިންމާވާން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.
ހައި ކޯޓުން 2012 ގައި ކުރި ހުކުމެއްގައި ކަނޑައެޅި އެ އުސޫލު ބުނާ ގޮތުން ގާނޫނީ ޚަރަދު އަނެއް ފަރާތުގެ ކިބައިން ނަގައި ދިނުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް ވެފައި ނެތް ނަމަ އެ ފައިސާ އަނެއް ފަރާތުންގެ ކިބައިން ނަގައެއް ނުދެވޭނެ އެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ދެއްކީ ދެ ފަރާތުގެ ދެމެދުގައި ހަދާ އެއްބަސްވުމުގައި އެކަން ބަޔާން ނުކުރަނީސް، ވަކީލަށް ޚަރަދު ކުރި ފައިސާއަށް އަނެއް ފަރާތް ޒިންމާ ކުރުވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް، ރާއްޖޭގައި ނެތުމެވެ. އެހެންވެ، ދައުވާކުރާ ފަރާތަށް މައްސަލަ ކާމިޔާބުވާ ހާލަތުގައި ދައުވާ ލިބޭ ފަރާތުގެ ކިބައިން އެ ފައިސާ ނަގައި ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަމަކު ކުއްޔަށް ގެންދާ ތަކެތީގެ ކުލީގެ މައްސަލަތައް މި އުސޫލުން އިސްތިސްނާވެ އެވެ. އެއީ ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީއަތުން ނަގައި ދިނުމާ ބެހޭ ގަވާއިދު އޮތް ގޮތުން އެ ބާވަތުގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ހިނގާ ޚަރަދުތައް ދައުވާ ލިބޭ ފަރާތުން ކިބައިން ނަގައި ދެވޭ ގޮތަށް އޮތުމެވެ.
ހައި ކޯޓުގެ އެ ނިންމުމާ އެކު، ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަތައް ނޫން އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަތަކުގައި ވެސް، އެއްބަސްވުމުގައި ސާފުކޮށް އެކަން ބަޔާން ނުކުރާ ނަމަ، މައްސަލަ ކާމިޔާބުވާ ފަރާތުން ކުރި ގާނޫނީ ޚަރަދު އަނެއް ފަރާތުގެ ކިބައިން ކޯޓުތަކުން ނަގައެއް ނުދެ އެވެ. ހައި ކޯޓުގެ އެ ނިންމުމާ ކިތަންމެ ތަފާތު ކަންތައްތަކެއް ހިމެނޭ މައްސަލަތަކެއް ހުއްޓަސް، އެ ޚަރަދު ނަގައި ނުދޭ ސަބަބަކީ ހައި ކޯޓުގެ އެ ނިންމުން އޮތް ގޮތުން އެ އުސޫލަށް އޮތް ހަމައެކަނި އިސްތިސްނާއަކީ ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަތައް އެކަނި ކަމަށް ވުމުންނެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް ހައި ކޯޓުން ނިންމި މައްސަލަތަކުގައި މި އުސޫލު ދަމަހައްޓަމުން އައިސްފައި ވާއިރު، ސުޕްރީމް ކޯޓުން ނިންމި ބައެއް މައްސަލަތަކުން، މިކަމުގައި އެ ކޯޓުގެ ވިސްނުމަކީ ވެސް އެއްބަސްވުމުގައި އެކަން ނެތް ނަމަ ގާނޫނީ ވަކީލުގެ ޚަރަދު އަނެއް ފަރާތުގެ ކިބައިން ނަގައި ނުދިނުން ކަން އެނގެ އެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ފަރާތުން ދުރާލާ ހަދާ އެއްބަސްވުންތަކަކީ ބައިވެރިންގެ ފުރިހަމަ ރުހުމާއި ގަބޫލު އޮވެގެން އުފަންވެގެން އަންނަ އެއްޗެކެވެ. އެފަދަ އެއްބަސްވުމެއް އޮންނަ ގޮތުން ގާނޫނީ ޚަރަދު ނަގައި ދިނުން ނުވަތަ ނުދިނުމުގެ މައްޗަށް ބަހުސް ކުރެވޭކަށް ނެތެވެ. އެކަމަކު ހުރިހާ އެއްބަސްވުންތަކަކީ މިގޮތަށް އުފަންވެގެން އަންނަ އެއްޗެއް ނޫނެވެ. މިސާލަށް ވަޒީފާގެ އެއްބަސްވުންތަކެވެ.
ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލަނީ ހަމައެކަނި ވަޒީފާ ދޭ ފަރާތުން ބޭނުންވާ ކަންތައްތަކެއް ހިމަނައިގެންނެވެ. އިންސާފު ހޯދަން ދާން ޖެހިއްޖެ ނަމަ، ހިނގާ ގާނޫނީ ޚަރަދަށް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ ވަޒީފާ ދޭ ފަރާތުގެ މައްޗަށް އިތުރު އިލްތިޒާމެއް މަތިވާ ގޮތަށް އެއްބަސްވުމުގައި ޝަރުތެއް ހިމެނުމުގެ ބާރު މުވައްޒަފަކަށް ނޯންނާނެ އެވެ. މުވައްޒަފަށް އޮންނާނެ ހަމައެކަނި ގޮތަކީ ވަޒީފާ ދޭ ފަރާތުން ބޭނުންވާ ގޮތަށް ލިޔެފައިވާ އެއްބަސްވުމުގައި ސޮއިކުރުމެވެ. އެހެންވެ، ދެބަސްވެވެން ނެތް ހަގީގަތަކީ ވަޒީފާ ދޭ ފަރާތާއި މުވައްޒަފަކީ ތަފާތު ދެ ހާލަތެއްގައި ތިބި ދެ ފަރާތް ކަމެވެ.
މަޝްހޫރު ވަކީލުންތަކެއް ކޯޓުން ނުކުންނަނީ -- ފޮޓޯ/މިހާރު
ތަފާތު ދެ ހާލަތެއްގައި ނުވަތަ ދެ ހަމައެއްގައި ތިބި ބައެއްގެ މެދުގައި އެއް މިންގަނޑަކުން ކަންކަން ވަޒަން ނުކުރުމަކީ ޚިލާފެއް ނުވާ ގާނޫނީ ހަމައެއް ކަމަށް ވިޔަސް، ވަޒީފާގެ މައްސަލަތަކުގައި ވެސް ކޯޓުތަކުން ބަލަނީ ހައި ކޯޓުގެ ނިންމުމަށެވެ. މުވައްޒަފަކު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުވެގެން ވަޒީފާ އަނބުރާ އިއާދަކޮށް އަދި ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ނަގައި ދިނަސް، އިންސާފު ހޯދަން އޭނާ ކުރި ޚަރަދުގެ އެއްވެސް މިންވަރެއް ނަގައެއް ނުދެ އެވެ. ހުއްޖަތެއްގެ ގޮތުގައި ދައްކަނީ ހައި ކޯޓުގެ ނިންމުމުގައި ބުނާ ގޮތަށް، އެއްބަސްވުމުގައި އެ ވާހަކަ ނެތުމެވެ.
ދެ މީހެއްގެ ދެމެދުގައި ކުރި އެއްބަސްވުމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމި އެ ނިންމުމާ އެކު، ނުކުންނަ އާޚިރު ނަތީޖާއަކީ ބާރެއް ނެތް މީހާ އާއި ބާރުވެރި ފަރާތްތަކާ މެދު ވެސް، އެއްވެސް އިސްތިސްނާއެއް ނެތި އެއް ހަމައަކުން އަމަލު ކުރަން ޖެހޭ ޖެހުމެވެ. އޭގެ ސަބަބުން، ބާރުވެރި ފަރާތަކުން ގާނޫނާ ޚިލާފަށް ކުރި ކަމެއްގެ ސަބަބުން އަނެއް މީހާ އިންސާފު ހޯދަން ކުރަން ޖެހުނު ޚަރަދު އޭނާއަށް އަނބުރާ ނުލިބި އަދި އަމިއްލަ ޖީބުން އޭގެ އަގު ދައްކަން ޖެހޭ ޖެހުމެވެ.
މެޑިކަލް ނެގްލިޖެންސްގެ މައްސަލަތަކަކީ ވެސް ހަމަ މިގޮތަށް ނެގިދާނެ ކަމެކެވެ. ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން އަމަލު ކުރަން ޖެހޭ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް އަދި ފަރުވާތެރިވުމަށް އޮތް ވާޖިބު (ޑިއުޓީ އޮފް ކެއާ) އާ އެއްގޮތަށް ފަރުވާ ލިބޭނެ ކަމުގެ އުއްމީދުގައި ފަރުވާ ހޯދަން ދާ ބަލި މީހާއަށް، އޭނާއާ މެދު އަމަލުކުރާ ގޮތެއްގެ ސަބަބުން ގެއްލުމެއް ލިބިގެން އިންސާފު ހޯދަން ޖެހިދާނެ ކަމުގެ ވިސްނުމެއް ނުވަތަ ތަސައްވުރެއް ވެސް ދުރާލާ ކުރެވިފައެއް ނޯންނާނެ އެވެ. އަދި އިހުމާލެއް ވެއްޖެ ނަމަ، އިންސާފު ހޯދަން ހިނގާ ޚަރަދަށް ހޮސްޕިޓަލުން ޒިންމާވާން ޖެހޭ ގޮތަށް އެއްބަސްވުމެއް އުފަން ކުރުމުގެ ބާރެއް ވެސް ބަލި މީހާއަށް ނޯންނާނެ ކަން ސުވާލެއް ނެތި އެނގެ އެވެ.
ރާއްޖޭގެ ކޯޓެއްގައި މިހާތަނަށް ކާމިޔާބުވި މެޑިކަލް ނެގްލިޖެންސްގެ ހަމައެކަނި މައްސަލައަކީ މަޝްހޫރު ގާނޫނީ ވަކީލަކު ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތެއް ކަމަށް ވާތީ ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމިއިރު، މި މައުޟޫއުއަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. މެޑިކަލް ނެގްލިޖެންސް ނޫނަސް، އެކި ބާވަތުގެ އިހުމާލުގެ މައްސަލަތަކަކީ ދުރާލާ އެއްބަސްވުމެއް ހެދިފައި ނޯންނާނެ އަދި އެފަދަ ތަސައްވުރެއް ވެސް ކުރެވިފައި ނޯންނާނެ ކަންކަމެވެ.
ދައުވާއެއް ކޯޓުގައި ކާމިޔާބުކުރާ ފަރާތުން ގާނޫނީ ކަންކަމަށް ކުރަން ޖެހުނު ޚަރަދު އެއްބަސްވުމެއް ނެތަސް، އަނެއް ފަރާތުގެ ކިބައިން ނަގައި ދިނުމަކީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ގާނޫނީ ނިޒާމުތަކުގައި އޮންނަ ކަމެކެވެ. އެކަމަކު މިގޮތަށް ނަގައި ދެވެނީ އެކަށީގެންވާ މުނާސިބު އަދަދެއް ކަން ކަށަވަރު ކުރުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.
ގާނޫނީ ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ގާނޫނީ ވަކީލުގެ ފީއަކީ މައްސަލަ ކާމިޔާބުވާ ހާލަތުގައި އަނެއް ފަރާތުގެ ކިބައިން ނަގައިދެވެން ޖެހޭނެ އެއްޗެކެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރައްވަނީ ވަޒީފާގެ މައްސަލަތަކުގައި ގާނޫނީ ޚަރަދަށް އަނެއް ފަރާތް އެއްބަސް ކުރުވުމުގެ ބާރު ހެދުމުގައި މުވައްޒަފުންނަށް ނެތުމެވެ. އެކަމަކު މިހާތަނަށް އެއްވެސް މައްސަލައެއް އެ ޚަރަދު ނަގައި ދީފައި ނުވާ ކަން އެ ބޭފުޅުން ވެސް ފާހަގަކުރައްވަ އެވެ.
"ދެ ފަރާތުން ބޭނުންވާ ގޮތަށް އެއްބަސްވުމެއް ހަދަނީއެއް ނޫން. ބަޔަކު ބުނާ އެއްޗަކަށް އަނެއް މީހާ އެއްބަސްވާން މިޖެހެނީ. އެ ހާލަތުގައި އެބަ ޖެހޭ ތަފާތުވާން،" ވަކީލަކު ވިދާޅުވި އެވެ.
މީގެ އިތުރުން ބައެއް ބާވަތުގެ ޚިދުމަތްތައް ހޯދުމަށް އެއްބަސްވުންތައް އެކުލަވާލާއިރު، ހަމައެކަނި ޚިދުމަތް ދޭ ފަރާތުން ބޭނުންވާ ގޮތަށް އެއްބަސްވުން ހެދިފައި ހުންނަ މައްސަލަތަކުގައި ވެސް، އެއްބަސްވުން އެކުލަވާލި ފަރާތާ ދެކޮޅަށް އެއްބަސްވުން ތަރުޖަމާ ކުރުމުގެ ގާނޫނީ އުސޫލުގެ ތެރެއިން އެ ޚަރަދު ނަގައި ދެވެން ޖެހޭނެ ކަމަށް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ކޮންމެ މައްސަލައެއް ވެސް އޭގެ ޒާތަށް ބަލަން އެބަ ޖެހޭ. ވަކިވަކިން އެ މައްސަލައެއްގެ ފެކްޓްތަކަށް ރިއާޔަތް ކުރެވެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އިންސާފު ހޯދުމުގެ އަގަކީ އަނބުރާ ލިބެން ނެތް އެއްޗަކަށް ވެގެން ނުވާނެ އެވެ. އާދައިގެ މީީހާ އިންސާފު ހޯދަން ދާން ޖެހުނު ހާލަތު އުފަން ކުރުވި ބާރުވެރި ފަރާތުގެ ކިބައިން އެ އަގު އާދައިގެ މީހާއަށް ނަގައި ނުދެވޭ ނަމަ، އިންސާފު ލިބުނަސް އޭނާއަށް ކުރިމަތި އެވަނީ އިތުރު ގެއްލުންތަކެކެވެ. އެއީ އަނެއްކާވެސް އޭނާ އިތުރު ބޭ އިންސާފަކާ ކުރިމަތިލާން ޖެހުން ކަމަށް ނޫނީ ނުވާނެ އެވެ.
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
ބާ ކައުންސިލް އުފެއްދުމުގެ ބިލް އެޖެންޑާގައި ހިމަނައިފި
ވަކީލުންގެ ކަންކަމަށް ބާ އެސޯސިއޭޝަން އުފައްދަނީ
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު