Roadha Mihaaru

ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާއަކީ އިހުމާލެއް ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި

މީގެ ފަސް އަހަރު ކުރިން، ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ ހިނގަން މެދުވެރިވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

ކެމިކަލް ގުދަނުގެ އަލިފާނަކީ އިހުމާލެއް: ހައިކޯޓު
ނާޒިމް ހަސަން
ނާޒިމް ހަސަން

29 މެއި 2025

މީގެ ފަސް އަހަރު ކުރިން، ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ ހިނގަން މެދުވެރިވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

މީހަކު ވެސް މަރުވި އެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި ގިނަ އާއިލާތަކެއްގެ ދިރިއުޅުން ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

އެކަމާ ގުޅިގެން ގްރީން ޕާތު ކުންފުންޏާ ދެކޮޅަށް ތިން އާއިލާއެއްގެ ފަރާތުން ސިވިލް ކޯޓުގައި އިހުމާލުގެ ދައުވާ އުފުލި އެވެ. އެ މައްސަލައިގައި ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތުގެ އިހުމާލުން ކަމަށެވެ.

ގްރީން ޕާތުގެ ފަރާތުން ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ބާތިލްކޮށްދޭން އެދިފައިވެ އެވެ. އެ ކުންފުނިން އެ ގުދަން ހިނގާފައިވަނީ ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށް ބުނެ އެ ދިފާއު ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ގްރީން ޕާތު ކުންފުނީގެ މައްޗަށް އަވަށްޓެރިންގެ މައްޗަށް ގާނޫނީ ޒިންމާއެއް އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެ ޒިންމާއާ ކުންފުނީގެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ދައުވާ ކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، ގްރީން ޕާތުގެ ކިބައިގައި އޮތް ގާނޫނީ ޒިންމާއާ ހިލާފުވެފައިވާ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އަދި އެ ހިލާފުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް، ދައުވާކުރާ ފަރާތްތަކަށް ލިބިފައިވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެ ތަނަކީ ހުއްދަ ހޯދައިގެން ހިންގާ ތަނެއް ކަމަށް ކުންފުނިން ބުނި ނަމަވެސް، ތަނުގެ ހާލަތު މޮނީޓާކޮށްފައިނުވާ ކަމަށް ހުކުމްގައި ބުންޏެވެ.

ގުދަނުގައި ކަރަންޓު ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް ކުންފުންޏަށް ބުނެ ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ގުދަނުގެ އެގްޒޯސްޓް މަސައްކަތްކުރާ ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނޭނގޭ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ވަނި ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއް ހިންގާއިރު، އާންމު މިންގަނޑަށް ވުރެ ފަރުވާތެރިވުމުގެ ގާނޫނީ ޒިންމާއެއް އޮވެމެ އެ ޒިންމާ އަދާކުރުމަށް ގްރީން ޕާތު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައި، އެ ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ.

އިހުމާލުގެ އަމަލެއް ކަމަށް ކަނޑައެޅި މި ހާދިސާގައި ހާލުގައި ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 786 މީހަކު އެހީ އަށް އެދުނެވެ. ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. ހަ ގުދަނާއި 14 ގެ އަނދައިގެން ދިޔަ އެވެ. އިތުރު 11 ގެއަކުން މީހުން ނުކުންނަން ޖެހުނެވެ.

އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި މީހުން ދިރިނޫޅެވޭ ވަރުގެ ގެއްލުން ހަ ގެއަކަށް ލިބިފައިވެ އެވެ. އެއީ، ރަދުވާނިޔާގެ އާއި އިވާއު އާއި އިރާނުގެ އާއި ކަޅުހުރާ އާއި ކަޅުހުރާ ގާޑަން އާއި އަލްފާ އެވެ. ފަސް އިމާރާތެއް މަރާމާތު ކުރަން ޖެހުނެވެ. އެއީ، އަދޫ އާއި ނިޝާން ޕްލާޒާ އާއި ކީލް އާއި އިމޯޝަންގެ އިތުރުން ގަސްވާ އެވެ.